އީގަލް ހިލްސް މަޝްރޫޢާ ދެކޮޅަށް ވާހަކަދައްކަވައި ފާފު އަތޮޅު މަޝްރޫޢު ޔާމީން ދިފާއުކުރައްވައިފިއެވެ.
އީގަލް ހިލްސް ކުންފުނިން ރާއްޖޭގައި ހިންގަން އުޅޭ މަޝްރޫޢަކީ ޔަހޫދީން ވަޒަންވެރިކުރުވުމަށް ހިންގާ މަޝްރޫޢެއް ކަމަށް ސިފަކުރައްވައި އެ މަޝްރޫޢު ހުއްޓާލުމަށް ކުރީގެ ރައީސް އަބްދުއްﷲ ޔާމީން އަބްދުއްޤައްޔޫމް ވަނީ ގޮވާލައްވާފައެވެ.
އެމަނިކުފާނު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސައްތައިން ސައްތަ މުސްލިމް އަދި ފަލަސްތީނުގެ ހައްޤުގައި ވަކާލާތުކުރާ މުޖުތަމަޢެއްގައި ޔަހޫދީން ވަޒަންވެރިކުރުވުމަށް މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އީގަލް ހިލްސްއިން މަސައްކަތް ކުރަނީ ރައްޔިތުންގެ ތާއީދު ގެއްލިފައިވާ އަދި އަޚްލާޤީ ގޮތުން ނިކަމެތިވެފައިވާ ސަރުކާރެއްގެ ބޭނުން ހިފައިގެން ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ޔާމީންގެ މި ވާހަކަފުޅުތަކާ ގުޅިގެން ސިޔާސީ ހަރަކާތްތެރިޔާ ޒާހިދު ރާމީޒް ވަނީ އެމަނިކުފާނަށް ފާޑުވިދާޅުވެފައެވެ. ޒާހިދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި ފާފު އަތޮޅުގައި ހިންގަން އިއުލާނުކުރި ބިޔަ މަޝްރޫޢާ ދެކޮޅަށް އޭރުގެ އިދިކޮޅު އެމްޑީޕީން ހިންގި ފަދަ ނުރައްކާތެރި ކެމްޕޭނެއްގައި، އެ ހިތި ތާރީޚު އެނގިވަޑައިގެން ހުންނަވައި ރައީސް ޔާމީން ބައިވެރިވެވަޑައިގަތުމަކީ ލަދުވެތި ކަމެއް ކަމަށެވެ. އަދި ފާފު އަތޮޅު މަޝްރޫޢު ހުއްޓުވާލެވުނީވެސް އެފަދަ ކެމްޕޭންތަކުގެ ސަބަބުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޒާހިދުގެ އެ ވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ، ޔަހޫދީން ވަޒަންވެރިކުރުވުމަށް ފޯރުކޮށްދޭ އެއްވެސް މަޝްރޫޢެއްގައި އެއްވެސް އަމިއްލަ ނަފާއެއް ނުވަތަ ހެޔޮކަމެއް ނޯންނާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި ފާފު އަތޮޅުގައި ހިންގަން ރޭވި މަޝްރޫޢަކީ އެފަދަ ކަމަކާ އެއްވެސް ވަރަކަށް ގުޅުމެއް އޮތް މަޝްރޫޢެއް ނޫން ކަމަށް ވިދާޅުވެ، ފާފު އަތޮޅު މަޝްރޫޢުގެ ދިފާއުގައި ރައީސް ޔާމީން ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
އީގަލް ހިލްސްއަކީ ދުބާއީގެ މަޝްހޫރު ވިޔަފާރިވެރިޔާ މުޙައްމަދު އަލާއްބާރުގެ ޚާއްޞަ ހިއްސާއެއް އޮންނަ، ދުނިޔޭގެ އެކި ޤައުމުތަކުގައި ފުޅާ ދާއިރާއެއްގައި ރިއަލް އެސްޓޭޓް މަޝްރޫޢުތައް ހިންގަމުން އަންނަ ކުންފުންޏެކެވެ.
ރާއްޖޭގައި އެ ކުންފުނިން 20 ބިލިއަން ޑޮލަރުގެ އިޤްތިޞާދީ ބޮޑު މަޝްރޫޢެއް ހިންގަން އެއްބަސްވެފައިވާއިރު، ރައީސް ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރު ފާފު އަތޮޅުގައި ސައުދީ އަރަބިއްޔާގެ ބޮޑު އިންވެސްޓްމަންޓަކާއެކު ހިންގަން ރޭވި ބިޔަ މަޝްރޫޢަކީވެސް އޭރުގެ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅަށް ބޮޑެތި ސިޔާސީ ހަރަކާތްތަކެއް ހިންގައި، ބޭރުގެ ފަރާތްތަކަށް ބިން މިލްކުކޮށްދޭން އުޅޭ ކަމުގެ ތުހުމަތުތަކާއެކު ފާޑުކިޔުން އަމާޒުވެ ހުއްޓުމަކަށް އައި މަޝްރޫޢެކެވެ.














