އީރާނުގެ ބަނދަރަކުން ފުރައިގެން ދިޔަ ބޮޑު ކާގޯ ބޯޓަކަށް އެމެރިކާގެ އަސްކަރީ ފައިޓަރ ޖެޓަކުން ޙަމަލާދީ އޮމާން ކަނޑުމަތީގައި އެ ބޯޓު ހުއްޓުވައިފިއެވެ. މިއީ އީރާނާ ދެކޮޅަށް އެމެރިކާއިން ކަނޑުމަތީގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް (ނޭވަލް ބްލޮކޭޑް) ތަންފީޒުކުރުމުގެ ގޮތުން ދިން ޙަމަލާއެކެވެ.
ޕެނަމާގެ ދިދަ ނަގާފައިވާ މި ބޯޓަށް އެމެރިކާ ސިފައިން ޙަމަލާދިނީ، އީރާނުގެ ބަނދަރަކުން ފުރައިގެން ދަނިކޮށް، ހުއްޓުމަށް އެތައް ފަހަރަކު އިންޒާރު ދިނުމުންވެސް ނުހުއްޓުމުންނެވެ. ސެންޓްކޮމް އިން ބުނާގޮތުގައި ޖެޓުން ފޮނުވާލި މިސައިލް އަމާޒުކުރީ ބޯޓުގެ ފަހަތަށެވެ. މީގެ ބޭނުމަކީ ބޯޓުގެ އިންޖީނު ހުއްޓުވާލުމެވެ. މި ޙާދިސާގައި ބޯޓުގެ ފަޅުވެރިންނަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާކަމަށް އެމެރިކާއިން ބުނެއެވެ.
ޖުލައި 14 ވަނަ ދުވަހު އެމެރިކާއިން އީރާނުގެ ބަނދަރުތައް ބަންދުކުރި ފަހުން، މިހާތަނަށް 135 ބޯޓެއް ހުއްޓުވައި އަނބުރާ ފޮނުވާލާފައިވެއެވެ. އަދި އިންޒާރުތަކަށް ބޯނުލެނބި 4 ކޮމާޝަލް ބޯޓަކަށް މިގޮތަށް ޙަމަލާދީ ހުއްޓުވާފައިވެއެވެ.
މި ޙާދިސާ ހިނގާފައިމިވަނީ، ރިޔާޟް އެއަރޕޯޓަށް ދިން ޙަމަލާއާ ގުޅިގެން ހޫޘީންނަށާއި އީރާނަށް ޙަމަލާދިނުމާމެދު އެމެރިކާއިން ވިސްނަމުންދާ ދަނޑިވަޅެއްގައެވެ. ހަމައެއާއެކު، ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ސުޕަރޓޭންކަރެއްގައި މައިންއެއް ގޮވާފައިވާކަމަށް އީރާނުގެ އައިއާރުޖީސީ އިން ވަނީ ބުނެފައެވެ.














