ކޮންމެ ޤައުމެއްގައި ވެސް އިސްރަށްވެހިންނަކީ ޤައުމު ބިނާކުރާނެ ޒުވާން ޖީލުތައް ތަރުބިއްޔަތުކޮށް، ޚިދުމަތުގެ މައިދާނަށް ހަދިޔާކުރި އެންމެ ހަރުދަނާ ތަނބުތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ، ދުނިޔޭގެ ނަފްސާނީ ޞިއްޙަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު ކ. ކާށިދޫގައި ހުންނަ ކ. އަތޮޅު މަދަރުސާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޙަފުލާއަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަޑައިގެންނެވުމުން، އެކަމަނާއަށް މަރުޙަބާ ދެންނެވީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޤީލާ ޢަލީ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ، ނަފުސާނީ ދުޅަހެޔޮކަމަކީ ކޮންމެ އިންސާނަކަށް ވެސް ނުހަނު މުހިންމު ބަހާއެއް ކަމަށާއި، ވަކިން ޚާއްޞަކޮށް އިސްރަށްވެހިންގެ ނަފުސާނީ ދުޅަހެޔޮކަމަށް މުޖުތަމަޢުން ބޮޑު އަހަންމިއްޔަތުކަމެއް ދޭންޖެހޭ ކަމަށެވެ. މީގެއިތުރުން، އިސްރަށްވެހިންނަށް ކަމޭހިތުމަކީ މާތްވެގެންވާ އިސްލާމްދީނުގައި ވެސް ނުހަނު ބޮޑަށް ބާރުއަޅުއްވާފައިވާ މަތިވެރި ސިފައެއްކަން ފާހަގަކުރައްވައި، އެފަރާތްތަކަށް ޤަދަރުކޮށް، އެހީތެރިކަމާއި މަދަދުވެރިކަން ފޯރުކޮށްދިނުމާއެކު، އިސްރަށްވެހިންގެ ރައްކާތެރިކަމާ ގުޅޭ ހުރިހާ ދާއިރާއަކަށް އެންމެންވެސް ޚާއްޞަ ފަރުވާތެރިކަމެއް ބަހައްޓަންޖެހޭ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
ފާއިތުވެދިޔަ ދެތިން އަހަރުގެ ތެރޭގައި ރާއްޖޭގައި އިސްރަށްވެހިންގެ މަރުކަޒުތައް ޤާއިމުކުރެވެމުންދާކަން ފާހަގަކުރައްވަމުން އެކަމަނާ ވިދާޅުވީ، އެފަދަ މަރުކަޒުތަކުގައި ހިންގާ ތަފާތު ހަރަކާތްތަކުގެ ސަބަބުން އިސްރަށްވެހިންގެ އެކަނިވެރިކަން ފިލައި، އެމީހުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ހެޔޮ ބަދަލުތަކެއް އަންނަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ މަރުކަޒުތަކުގެ ދައުރު އިތުރަށް ފުޅާވެގެންދާނެ ކަމުގެ ޔަޤީންކަން ވެސް މެޑަމް ސާޖިދާ ދެއްވިއެވެ.
މި ރަސްމިއްޔާތުގެ ތެރެއިން، ދުނިޔޭގެ ނަފްސާނީ ޞިއްޙަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އިންތިޒާމުކުރި ކަސްރަތު ހަރަކާތުގައްޔާއި، ”އިސްރަށްވެހިންގެ ސައްލާ“ ގައި އެކަމަނާ ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މި ހަރަކާތްތަކުގެ ބައިވެރިންނާއެކު އެކަމަނާ ވަނީ ހަނދާނީ ފޮޓޯއެއް ވެސް ނަންގަވާފައެވެ.














