ދިރާގު ދިވެހި ޕްރީމިއާ ލީގުގައި ހއ. ދިއްދޫގައި ކުޅުނު ތާރީޚީ ފުރަތަމަ މެޗުގައި ވަރުގަދަ ނިއު ރޭޑިއަންޓް ސަޕްރައިޒްކޮށް، ދިއްދޫން 2-2 އިން އެއްވަރުކޮށްފިއެވެ. 1،300 އަށްވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ފުރަތަމަ 15 މިނެޓު ތެރޭގައި ދިއްދޫން ވަނީ ދެ ލަނޑުގެ ސަރީހަ ލީޑެއް ނަގައި އެންމެން ހައިރާންކޮށްލާފައެވެ.
ދިއްދޫގެ ފުރަތަމަ ލަނޑު މެޗުގެ 10 ވަނަ މިނެޓުގައި އުފާލް އަބްދުﷲ ކާމިޔާބުކޮށްދިންއިރު، އޭގެ ތިން މިނެޓު ފަހުން ގިޑިއަން ޓެޓާ ވަނީ އެޓީމުގެ ދެވަނަ ލަނޑު ޖަހައިދީފައެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން، 35 ވަނަ މިނެޓުގައި ތަޖުރިބާކާރު ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) ވަނީ ނިއުއަށް ފަރަގު ކުޑަކޮށްދީފައެވެ.
މެޗުގެ ބޮޑުބައިގައި ދިއްދޫން ލީޑު ދަމަހައްޓަމުން ދަނިކޮށް، ނިއުއިން ނަތީޖާ ހަމަހަމަކުރީ 82 ވަނަ މިނެޓުގައި ބްރެޒިލްގެ ފޯވާޑް ޑޮރިއަލްޓަން ގޯމޭސް (ޑޯރީ) ޖެހި ލަނޑުންނެވެ. އިތުރު ވަގުތުގެ 10 މިނެޓުގައި ދެޓީމުންވެސް މޮޅުވާން ކުރި މަސައްކަތާއެކު، ދިއްދޫން ވަނީ ހިތްވަރުގަދަ ކުޅުމަކާއެކު ނިއުގެ މޮޅުވުމުގެ ސިލްސިލާއަށް ނިމުމެއް ގެނެސްފައެވެ.
މި މުބާރާތުގައި އުތުރުގެ ދަނޑުގައި ކުޅޭ މެޗުތަކުގައި ފުރަތަމަ ޑިވިޝަނުގެ ވަރުގަދަ ޓީމުތަކަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައިވާއިރު، މީގެ ކުރިން ވިކްޓަރީއަށްވެސް ދިއްދޫ އަތުން ސަލާމަތްވެވުނީ ކިރިޔާއެވެ.

މީގެއިތުރުން، ގަލޮލޫ ދަނޑުގައި މާޒިޔާއާއި ވިކްޓަރީ ބައްދަލުކުރި ފޯރިގަދަ މެޗުވެސް ނިމުނީ 2-2 އިން ދެޓީމު އެއްވަރުވެގެންނެވެ. މެޗުގެ 28 ވަނަ މިނެޓުގައި އުޒްބެކިސްތާނުގެ ޑިފެންޑަރު ފުރުގަތުޖޯން ހަސަންބޯއެވް ޖެހި ލަނޑުން ވިކްޓަރީން ފުރަތަމަ ހާފު ނިންމާލީ ލީޑުގައި އޮވެގެންނެވެ.
ދެވަނަ ހާފު ފެށިގެން 56 ވަނަ މިނެޓުގައި އަބްދުﷲ ލޫތު އިބްރާހީމް މާޒިޔާއަށް ނަތީޖާ ހަމަހަމަކޮށްދިންއިރު، 83 ވަނަ މިނެޓުގައި އަހުމަދު އައިހަމް ވަނީ މާޒިޔާއަށް ކުރިހޯދައިދީފައެވެ. ނަމަވެސް މެޗުގެ 87 ވަނަ މިނެޓުގައި ޖެރޯ އަލްހާޖީ ޖެހި ލަނޑުން ވިކްޓަރީން ނަތީޖާ އެއްވަރުކޮށް، ލީގުގައި ބަލިނުވެ އޮތް ރެކޯޑު ދަމަހައްޓާފައެވެ.










