ނަފްސާނީ ދުޅަހެޔޮކަމުގެ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުންދާކަމަށް ރައީސް މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅުވައިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައްޔިތުންގެ އަޑާއި ތަޖުރިބާތަކުގެ މައްޗަށް ބިނާކޮށް، އެންމެންނަށް ފަސޭހައިން ވާސިރުވެވޭ އަދި ހަމަހަމަކަމާއެކު ޚިދުމަތް ލިބޭނެ ނަފްސާނީ ސިއްޙަތުގެ ނިޒާމެއް ބިނާކުރުމަށް ސަރުކާރުން އިސްކަންދޭ ކަމަށެވެ.
މި އަމާޒަށް ދިއުމަށްޓަކައި ”މެންޓަލް ހެލްތު ސްޓްރެޓީޖިކް އެކްޝަން ޕްލޭން 2025–2029“ އިފްތިތާޙުކޮށް، ސިޔާސަތުތަކާއި ޤާނޫނީ އޮނިގަނޑަށް އިޞްލާޙު ގެނައުމުގެ މަސައްކަތްތައް ކުރެވެމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން، ނޭޝަނަލް މެންޓަލް ހެލްތު ޕޮލިސީއެއް އެކުލަވާލުމާއި، ނަފްސާނީ ސިއްޙަތުގެ އިންގިލާބީ އަދި ތަފްސީލީ ޤާނޫނެއް (މެންޓަލް ހެލްތު އެކްޓް) އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
On #WorldMentalHealthDay, we reaffirm our commitment to building a compassionate, accessible and equitable mental health system, guided by the voices and lived experiences of those it serves, and tailored to the needs of our people.
We are advancing this commitment through the… pic.twitter.com/yNymjwSd3s
— Dr Mohamed Muizzu (@MMuizzu) October 10, 2026
މީގެއިތުރުން، އަސާސީ ސިއްޙީ ޚިދުމަތްތަކުގެ ތެރޭގައި ނަފްސާނީ ސިއްޙަތުގެ ޚިދުމަތްތައް ހިމެނުމާއި، ސަރަޙައްދީ އަދި ޚާއްޞަ ޚިދުމަތްތައް ވަރުގަދަކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި އޮންލައިންކޮށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދޭ ”ޓެލެ-މެންޓަލް ހެލްތު“ ޚިދުމަތްތަކާއި، ކަންކަން ކުރިމަތިވާ ހިނދު އަވަހަށް އިޖާބަދޭ ”ކްރައިސިސް ރެސްޕޯންސް“ ނިޒާމުތައް އިތުރަށް ތަރައްޤީކުރެވެމުންދާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ މައިގަނޑު މަޤްޞަދަކީ ނަފްސާނީ މައްސަލަތައް ކުރިމަތިވުމުގެ ކުރިން ރައްކާތެރިވުމަށާއި އަވަސް ފަރުވާއަށް އިސްކަންދިނުން ކަމަށާއި، ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތް ކޮންމެ ރައްޔިތަކަށްވެސް އަތްފޯރާފަށުގައި ބެހެއްޓުން ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި ސަރުކާރުގެ އަމާޒަކީ ކޮންމެ ރަށެއްގައި އަދި ކޮންމެ މުޖުތަމަޢެއްގައިވެސް އަޅާލުމާއި އޯގާތެރިކަން އިސްކުރާ، އެކަކު އަނެކަކާ ފުޅާދާއިރާއެއްގައި ވާހަކަދެކެވޭފަދަ އޯގާތެރި ރާއްޖެއެއް ބިނާކުރުމެވެ.














