ވިލިމާލޭގެ ކޮޓަރިއަކުން ހާމައަށް ހުރި މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ފިލްމީ ތަރިންގެ ވަނަވަރު ހާމަކޮށްފިއެވެ.
ފުލުހުން ވިދާޅުވީ ވިލިމާލޭގެ ގެއެއްގެ ކޮޓަރިއަށް ފުލުހުން ބާރުގެ ބޭނުންކޮށްގެން ވަތްއިރު، އެތަނުގައި ހުރި މޭޒެއްގެ މަތީގައި މަސްތުވާތަކެތި ހުރީ އެއްވެސް ނިވާކަމެއް ނެތި ހާމައަށް ކަމަށެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ މަޝްހޫރު ތަރިންނާއި އެ މީހުންނާ އެކުގައި ތިބި ބައެކެވެ. އެއީ ވ. ސިނަމާލެ 4 3-03 / މާލެ، އަޙްމަދު ޢަޒްމީލް (44އ) އާއި، ގ. ފްލައިންގޓައިގަރ / މާލެ، އިސްމާޢީލް ޖުމައިޙު (35އ) އާއި، މަތިމަރަދޫ. ކޮންކީލިޔާ / ލ. ގަން، މުޙައްމަދު ވިޝާލް (29އ) އަދި ވ. ސިނަމާލެ 4 3-03 / މާލެ، ޝާހިލް މުޙައްމަދު (42އ) އެވެ.
އެންޓި-ނާކޮޓިކްސް އޮޕަރޭޝަނެއްގައި ހައްޔަރުކުރި މި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އެ މީހުންގެ ބަންދަށް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ.
މި ހަތަރު މީހުންގެ މައްޗަށްވެސް ފުލުހުން ކުރަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރާ ކަމުގެ ތުހުމަތެވެ. އަދި އެ ކޮޓަރިން ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި ގާނޫނީ ގޮތުން ޓްރެފިކިންގެ މިންގަނޑަށް އަރާވަރަށް ތަކެތި ހުރި ކަމަށް ފުލުހުން ބަންދު މަޖިލީހުގައި ފާހަގަކޮށްފައިވެއެވެ.
މި މައްސަލައިގައި ހައްޔަރުކުރެވުނު މީހުންގެ ތެރެއިން ޖުމައިހު ފިޔަވައި، ދެން ތިބި ތިން މީހުންނަކީވެސް މީގެކުރިން ކުށުގެ ރެކޯޑު އޮންނަ މީހުން ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
ރާއްޖޭގެ މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނެސްފައިވާ އެންމެ ފަހުގެ އިސްލާހުގައިވާ ގޮތުން، މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށް ސާބިތުވާ މީހުންނަށް ކަނޑައަޅާފައިވަނީ މަރުވަންދެން ޖަލުގައި ބަންދުކުރާ އުމުރު ދުވަހުގެ ޖަލު ހުކުމެކެވެ. މީގެއިތުރުން އެފަދަ ކުށްތައް ސާބިތުވާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ މާފު ދިނުމާއި ޕެރޯލްގެ ދަށުން މިނިވަންވުންވެސް ގާނޫނުން ވަނީ މަނާކޮށްފައެވެ.














