ރުގުޔާ ކުރުމުގެ ނަމުގައި ގަބުރުސްތާނަށް ވަދެ، މަހާނަތައް ނަގައި ނުވަތަ ކޮނެގެން ސިހުރު ހޯދުމުގެ ނަމުގައި ހިންގާ އަމަލުތަކަކީ ހަރާމް ކަމެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޑރ. ޝަހީމް މިކަން ހާމަކުރެއްވީ އެމަނިކުފާނުގެ ރަސްމީ ފޭސްބުކް މީޑިއާ އެކައުންޓުގައި މިއަދު ޝާއިއުކުރެއްވި ޕޯސްޓެއްގައެވެ. މިނިސްޓަރު ވިދާޅުވީ، ޝަރުއީ ރުގްޔާ ކުރުމުގެ ނަމުގައި ގަބުރުސްތާނަށް ވަދެ މަހާނަ ކޮންނަ ކަމުގެ މައުލޫމާތު ބައެއް ފަހަރު ލިބެމުންދާ ކަމަށާއި، ނަމަވެސް އެއީ އިސްލާމްދީނުގައި އެއްވެސް މިންވަރަކަށް ހުއްދަ ކަންކަމެއް ނޫން ކަމަށެވެ.
ޝަރުއީ ރުގްޔާ ކުރުމުގައި އެފަދަ އެއްވެސް އަމަލެއް ހިންގުމަކީ ކީރިތި ގުރުއާނާއި މާތް ނަބިއްޔާގެ ސުންނަތުން ސާބިތުވާ ކަމެއް ނޫންކަން ފާހަގަކުރައްވަމުން ޑރ. ޝަހީމް ވިދާޅުވީ، ރުގްޔާ ކުރުމުގެ ނަމުގައި ގަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ، ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ހުރިހާ އަމަލުތަކަކީ ވެސް ހަރާމްވެގެންވާ އަމަލުތަކެއް ކަމަށެވެ.
ޝަރުއީ ރުގްޔާއަކީ ކޮބައިކަން ބަޔާންކޮށްދެއްވަމުން މިނިސްޓަރު ވިދާޅުވީ، އެއީ ބަލިމީހާއަށް ޝިފާއަށް އެދިގެން ޤުރުއާން ކިޔަވައި އޭނާގެ ގަޔަށް ފުމުން، ނުވަތަ ފެނަށް ކިޔަވައި ފެން ބޯން ދިނުން، ނުވަތަ ޝިފާއަށް އެދި އެކަމުގައި ސުންނަތުން ސާބިތުވެފައިވާ ދުއާތައް ކިޔުން ކަމަށެވެ.
މީގެއިތުރުން، މިފަހަކަށް އައިސް ބައެއް ފަރާތްތަކުން ރުގްޔާ ކުރުމުގެ ނަމުގައި ޝަރުއީ ގޮތުން ހުއްދަ ނޫން ނޭދެވޭ އަމަލުތައް ހިންގަމުންދާކަން ސަމާލުކަމަށް އައިސްފައިވާ ކަމަށް ވިދާޅުވެ، އެފަދަ ކަންކަމާމެދު ރައްޔިތުން ރައްކާތެރިވުމަށް ޑރ. ޝަހީމް ވަނީ އިލްތިމާސްކުރައްވާފައެވެ.
”ބަލިތަކަށް ޝިފާ ދެއްވަނީ މާތް ﷲ އެވެ. ދުއާކުރުމާއި، ބޭސް ބޭނުންކުރުން ފަދަ ސަބަބުތަކުގައި ހިފުމަކީ އިސްލާމްދީން އަންގަވާފައިވާ ގޮތެވެ،“ މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.











