އަށް އަހަރުގެ ދިގު މެދުކެނޑުމަކަށްފަހު އެފްއޭއެމުން ރޭ ބޭއްވި ޚާއްޞަ އެވޯޑް ހަފުލާގައި، އަހަރުގެ އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ އަހްމަދު އައިހަމް (ފަތޯ) ހޯދައިފިއެވެ.
ރޭ ބޭއްވި މި ރަސްމިއްޔާތުގައި އެންމެ މޮޅު ފިރިހެން ކުޅުންތެރިޔާގެ ދެވަނަ ނުވަތަ ސިލްވާ އެވޯޑް ޢަލީ ފާސިރު (ސެންޓޭ) ހޯދިއިރު، ތިންވަނައަށް ދިޔަ ބްރޯންޒް އެވޯޑް ލިބުނީ ހަމްޒާ މުހައްމަދު (ހަމްޕް) އަށެވެ. އަދި އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާގެ ޝަރަފު އޮޑި ސްޕޯޓްސް ކްލަބްގެ ކެޕްޓަން ފާތިމަތު ސާލިޔާ ހޯދިއިރު، މުޅިން އަލަށް ތަޢާރަފުކުރި އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް ހާސިލުކުރީ ޤައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) އެވެ.
މި އަހަރުގެ އެފްއޭއެމް އެވޯޑްސްގައި ޕްރެޒިޑެންޓްސް އެވޯޑް ޚާއްޞަކޮށްފައިވަނީ 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ރާއްޖެއަށް ކާމިޔާބުކޮށްދިން ޓީމުގައި ހިމެނުނު، ނިޔާވެފައިވާ ތިން ޝަޚްޞިއްޔަތުންނަށެވެ. އެއީ މަރްހޫމް މުހައްމަދު އާރިފް (ބަކާ) އާއި ކޯޗު މަރްހޫމް އިހްސާން އަބްދުލް ޣަނީ (ސާންތީ) ގެ އިތުރުން ކީޕަރު މަރްހޫމް އިބްރާހިމް އިފްރާހު އަރީފެވެ. މި ބޭފުޅުންގެ އެވޯޑުތަކާ ހަވާލުވީ އެ ބޭފުޅުންގެ އާއިލާތަކުންނެވެ.
ރޭގެ ހަފުލާގައި އަހަރުގެ އެންމެ މޮޅު ކޯޗުގެ އެވޯޑް މާޒިޔާއަށް ދިވެހި ޕްރިމިއާ ލީގު ހޯދައިދިން ސްޕެއިންގެ ކޯޗު ލުއިސްމާ ހެނާންޑޭޒް ހޯދިއިރު، 22 ގޯލާއެކު ރަން ބޫޓު ހާސިލުކުރީ ނިއު ރޭޑިއަންޓްގެ އަލީ ފާސިރު (ސެންޓޭ) އެވެ. އެންމެ މޮޅު ގޯލްކީޕަރަކަށް މުހައްމަދު ފައިސަލް ހޮވުނުއިރު، 21 އަހަރުން ދަށުގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ އެވޯޑް ގެންދިޔައީ މާޒިޔާގެ ފޯވާޑް މުހައްމަދު އިލާން އިމްރާނެވެ. މީގެއިތުރުން ސަޕޯޓަރުންގެ އެވޯޑް ހަމްޒާ މުހައްމަދު (ހަމްޕް) ހޯދިއިރު، ބައިސްކަލް ކިކަކުން ޖެހި ލަނޑާއެކު އަހަރުގެ އެންމެ މޮޅު ގޯލުގެ އެވޯޑް ލިބުނީ ހުސައިން ނިޔާޒު މުހައްމަދު (ބޮކްރީ) އަށެވެ.
މި ރަސްމިއްޔާތުގައި އެންމެ މޮޅު ރެފްރީގެ އެވޯޑް ސިނާން ހުސައިން ހާސިލުކުރިއިރު، އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔަކަށް ހޮވުނީ ނިއު ރޭޑިއަންޓްގެ ގޯމޭޒް ޑެ ސިލްވާ އެވެ. އަދި އެންމެ މޮޅު ކްލަބަކަށް މާޒިޔާ ހޮވުނުއިރު، އެންމެ މޮޅު ރީޖަނަލް ކްލަބުގެ އެވޯޑް ބިސްބުރު ސްޕޯޓްސް ކްލަބުން ވަނީ ހޯދާފައެވެ. މީގެ އިތުރުން، ދެކުނު އޭޝިއާ ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ގައުމީ ފުޓްސަލް ޓީމާއި، ސައުތު އޭޝިއަން ސުޕަ ކަޕް ކާމިޔާބުކުރި ގައުމީ ފުޓްބޯޅަ ޓީމުގެ އަގުވެސް ރޭގެ ހަފުލާގައި ވަނީ ވަޒަންކޮށްފައެވެ.














