ބޭންކް އޮފް ސިލޯން (ބީއޯސީ) މާލޭ ބްރާންޗުގައި ހުރި އަންހެން ކަސްޓަމަރެއްގެ އެކައުންޓުން އޭނާއަށް ނޭނގި ގިނަ އަދަދެއްގެ އެމެރިކާ ޑޮލަރު ވަގަށް ނެގި މައްސަލައިގައި އެ ބޭންކުގެ ކުރީގެ ޑެޕިއުޓީ ކަންޓްރީ މެނޭޖަރު އަދި ކޮމްޕްލަޔަންސް އޮފިސަރު މ. މާހިންނެ، ޙަސަން ވަޙީދުގެ މައްޗަށް ކުށް ސާބިތުވެ، އޭނާ ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.
ކްރިމިނަލް ކޯޓުގައި 2019 ވަނަ އަހަރުން ފެށިގެން ހިނގަމުންދިޔަ މި މައްސަލައިގައި ދައުލަތުން އުފުލި އެނގިހުރެ ސައްހަނޫން ގޮތުގައި ލިޔުމެއް އުފެއްދުމުގެ ދައުވާގެ އިތުރުން އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާވެސް ވަނީ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތުވެފައެވެ.
ޤާނޫނުލްޢުޤޫބާތުގެ ދަށުން އަދަބުގެ ދަރަޖަ ދަށްކުރުމަށްފަހު، ގާޟީ ޢަލީ ނަދީމް އިއްވެވި ހުކުމުގައިވަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށަށް ދެ އަހަރާއި ނުވަ މަހާއި 11 ދުވަހުގެ ޖަލު ހުކުމަކާއެކު 144،000 ރުފިޔާގެ ޖޫރިމަނާއެއް ދެއްކުމަށެވެ. އަދި ސައްހަނޫން ލިޔުން އުފެއްދުމުގެ ކުށުގައި ހަ މަހާއި 18 ދުވަހުގެ ޖަލު ހުކުމަކާއެކު 18،000 ރުފިޔާގެ ޖޫރިމަނާއެއް ވަނީ ކަނޑައަޅުއްވާފައެވެ.
ޝަރީއަތުގެ ނިންމެވުމުން އެނގޭ ގޮތުގައި، 9 ޖޫން 2019 ގައި ޙަސަން ވަޙީދު ވަނީ ބީއޯސީގެ ދިވެހި އަންހެން ކަސްޓަމަރެއްގެ އެކައުންޓުން އޭނާއަށް ނޭނގި 150،000 ޑޮލަރު ޓްރާންސްފާ ކުރުމަށްޓަކައި އަމިއްލައަށް ސައްހަނޫން ޓްރާންސްފާ ރިކުއެސްޓެއް އުފައްދާފައެވެ. އެއަށްފަހު ބޭންކުގެ މުވައްޒަފަކު މެދުވެރިކޮށް އެ ފައިސާ އަބްދުﷲ ނަފީޤް ޕާޝާގެ އެކައުންޓަށް ބަދަލުކޮށް، އެންމެ ފަސް މިނެޓު ތެރޭގައި ”ސީނިއާ އިންޓާނޭޝަނަލް ޕްރައިވެޓް ލިމިޓެޑް“ ގެ އެކައުންޓަށް ވަނީ ފޮނުވާފައެވެ.
މި ފައިސާ ބޭނުންކޮށްގެން ސީނިއާ އިންޓަރނޭޝަނަލްއިން ރާއްޖެއިން ބޭރުގެ ހަތަރު ކުންފުންޏެއްގެ އިންވޮއިސްތަކަށް ފައިސާ ދައްކާފައިވާއިރު، އޭގެ ހަ ދުވަސް ކުރިން އެ ކުންފުނީގެ މާލީ މުއާމަލާތްތަކަށް ބޭނުންވާ ސްވިފްޓް އެޕްލިކޭޝަން ހުށަހަޅާފައިވާކަން ވަނީ ހާމަވެފައެވެ. އަދި މީގެ ކުރިން 2018 ވަނަ އަހަރުގެ ޖުލައި މަހުވެސް ހަމަ މި މަގުން އެ އަންހެން މީހާގެ އެކައުންޓުން 110،000 ޑޮލަރު ޓްރާންސްފާ ކޮށްފައިވާކަން އޯޑިޓް ރިޕޯޓުން އެނގެއެވެ.
މި މައްސަލައިގައި ކުށް ސާބިތުކުރުމަށް މުހިންމު ހެކީގެ ގޮތުގައި ފޮރެންސިކް އަދި ސީސީޓީވީ ފުޓޭޖް ބޭނުންކޮށްފައިވެއެވެ. ޙަސަން ވަޙީދު ބޭނުންކުރި ކޮމްޕިއުޓަރު ސީޕީޔޫއިން ސައްހަނޫން ޓްރާންސްފާ ރިކުއެސްޓުގެ ވޯޑް ފައިލް ފެނިފައިވާއިރު، އެ ފައިލް ޕްރިންޓުވި ވަގުތާއި ކެބިން ތެރެއިން އޭނާ ކަރުދާސްގަނޑު ނެގި ވަގުތު ސީސީޓީވީ ފުޓޭޖާ ސީދާ ދިމާވެއެވެ.
މީގެ އިތުރުން ޙަސަން ވަޙީދުގެ ކެބިން ތެރެއިން އެ އަންހެން މީހާގެ ސޮއި ފަރިތަކޮށްފައިވާ ކަރުދާސްކޮޅުތަކެއް ފެނިފައިވާތީ، ފޮރެންސިކް ސައިންސްގެ އެހީގައި ބެލިބެލުމުން އެ ލިޔުމުގައިވާ ސޮޔަކީ ކާތިބުގެ ސޮއި އޮޅުވާލައިގެން (ސިމިއުލޭޓެޑް މެތަޑް) އުފައްދާފައިވާ ފޯޖް ސޮޔެއްކަން ވަނީ ކަށަވަރުވެފައެވެ.
މާލީ މަންފާއަށް ބަލާއިރު، ސީނިއާ އިންޓާނޭޝަނަލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޒައިނަލް ޢާރިފަކީ ޙަސަން ވަޙީދުގެ އެންމެ ގާތް އެކުވެރިޔާ، އެކުގައި ދިރިއުޅުނު މީހާ އަދި ވިޔަފާރި ބައިވެރިޔާއެވެ. އަދި ނަފީޤް ޕާޝާއަކީ ޒައިނަލްގެ ދޮންބައްޕައަށްވާއިރު، 2018 ވަނަ އަހަރުގެ ނޮވެމްބަރުން ފެށިގެން ސީނިއާ އިންޓަރނޭޝަނަލް އިން ކޮންމެ މަހަކު 52،500 ރުފިޔާ ޙަސަން ވަޙީދުގެ އެކައުންޓަށް ޖަމާކޮށްފައިވާކަން ޝަރީއަތަށް ވަނީ އެނގިފައެވެ.
މައްސަލަ ފަﻀީހަތްވުމުން ޙަސަން ވަޙީދު ވަނީ އެކަން ފޮރުވުމަށްޓަކައި، ކަސްޓަމަރު ހަނދާންނެތުނީ ކަމަށާއި މައްސަލަ ހައްލުވެއްޖެ ކަމަށް ބުނެ ބޭންކުގެ މުވައްޒަފުންނަށް އޮޅުވާލަންވެސް މަސައްކަތްކޮށްފައެވެ. ނަމަވެސް ހުށަހެޅުނު ހެކިތަކުގެ މައްޗަށް ބަލައި ކޯޓުން ނިންމެވީ އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ.













