ތ. ތިމަރަފުށީގައި ޓެރަރިޒަމްގެ އަމަލުތަކެއް ހިންގަން ރޭވި ކަމަށް ބުނެ ދައުލަތުން އުފުލި ގިނަ ދައުވާތަކެއް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށް، ދައުވާލިބުނު އަށް މީހުންގެ ތެރެއިން ޖަލު ހުކުމެއް ތަންފީޒު ކުރަންޖެހޭނީ އެކަކު ކަމަށް ނިންމައިފިއެވެ.
ފެބްރުއަރީ 2021 ގައި ދައުލަތުން ކްރިމިނަލް ކޯޓަށް ހުށަހެޅި މި މައްސަލައިގައި ޓެރަރިޒަމްގެ އެކި ދައުވާތައް ކޮށްފައިވަނީ ތިމަރަފުށީ އަބްދުﷲ ޝަރީފާއި، އަހުސަން މުހައްމަދާއި، އަލީ މުނީޒާއި، މުހައްމަދު އާސިރާއި، ސަމާހް ޝަރީފުގެ އިތުރުން ރ. ކަނދޮޅުދޫ އަލީ އަރުހަމް މުހައްމަދާއި، ރ. މަޑުއްވަރީ އަބްދުﷲ އިމާދު އަދި ނ. ކުޑަފަރީ އިބްރާހިމް ލޫތުގެ މައްޗަށެވެ.
ކޯޓުން މިއަދު އިއްވި ހުކުމުގައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމާއި، ހިތްވަރު ދިނުމާއި، ޓެރަރިސްޓް ޖަމާއަތެއްގެ މެންބަރަކަށް ވުމުގެ އިތުރުން ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ބޭނުންވާ އުކުޅުތައް ދަސްކުރުމުގެ ދައުވާތައް ސާބިތުނުވާ ކަމަށް ކަނޑައަޅައިފައެވެ.
މި މައްސަލައިގައި ކުށް ސާބިތުވެފައިވަނީ ހަތަރު މީހެއްގެ މައްޗަށެވެ. އެއީ އަލީ މުނީޒާއި، އަލީ އަރުހަމް މުހައްމަދާއި، އަބްދުﷲ އިމާދުގެ އިތުރުން އިބްރާހިމް ލޫތުގެ މައްޗަށެވެ.
އޭގެ ތެރެއިން އަރުހަމްގެ މައްޗަށް ހަނގުރާމައަށް ދާން އުޅުމުގެ ދައުވާ ސާބިތުވެ ފަސް އަހަރުގެ ޖަލު އަދަބެއް އިއްވާފައިވާއިރު، އޭނާއާއި އިމާދުގެ މައްޗަށް ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާ ސާބިތުވެ ތިން އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ. ނަމަވެސް އިމާދު ބަންދުގައި ހުރި މުއްދަތު އުނިކުރުމުން އޭނާ ތަންފީޒު ކުރަންޖެހޭ އަދަބެއް ނެތެވެ.
އަދި އަލީ މުނީޒުގެ މައްޗަށް ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާ ސާބިތުވެ އެއް އަހަރާއި ނުވަ މަހާއި އެއް ދުވަހުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް، ބަންދު މުއްދަތު އުނިކުރުމުން އޭނާވެސް އިތުރަށް ތަންފީޒު ކުރަންޖެހޭ އަދަބެއް ނެތް ކަމަށް ވަނީ ކަނޑައަޅައިފައެވެ.
މީގެއިތުރުން އިމާދާއި ލޫތުގެ މައްޗަށް އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާ ސާބިތުވެ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމަށް ހުކުމް ކުރި ނަމަވެސް، އެ ދެ މީހުންވެސް ޖަލުގައި ހޭދަކުރި މުއްދަތު އުނިކުރުމުން ތަންފީޒުކުރަންޖެހޭ އަދަބެއް ނެތެވެ.














