ރަށުގައި ދިރިއުޅޭ އާބާދީ 1000 އަށް އަރާ ރަށްރަށުގެ އިތުރުން އެއާޕޯޓްތައް ހުންނަ ކޮންމެ ރަށަކުން ފަސޭހަކަމާއެކު ޕާސްޕޯޓްގެ ޚިދުމަތް ލިބޭނެ އިންތިޒާމު އަންނަ ފެބްރުއަރީ މަހުގެ ކުރިން ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަންގަވައިފިއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، ރާއްޖޭގެ އާބާދީއަށް ވީހާވެސް ގާތުން އަދި ފަސޭހަކަމާއެކު ޕާސްޕޯޓް ދޫކުރުމުގެ އިންތިޒާމު ހަމަޖެއްސެވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސިޔާސަތެއް ކަމަށެވެ.
އެގޮތުން މި ސަރުކާރު ހަވާލުވުމުގެ ކުރިން މުޅި ރާއްޖޭގައިވެސް ޕާސްޕޯޓްގެ ޚިދުމަތް ދެމުން އައީ އެންމެ ފަސް ސަރަހައްދަކުން ކަމަށްވީ ނަމަވެސް، މިހާރު ރާއްޖޭގެ 39 ސަރަހައްދެއްގެ އިތުރުން މެލޭޝިޔާއާއި ސްރީލަންކާގައި ތިބި ދިވެހިންނަށްވެސް އެ ޚިދުމަތް ފޯރުކޮށްދެމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އާ އެންގެވުމާ އެއްގޮތަށް ޚިދުމަތް ފެށުމަށްޓަކައި އިތުރު ހަތަރު ރަށެއްގައި ޕާސްޕޯޓް ދޫކުރުމުގެ އިންތިޒާމުތައް ހަމަޖައްސަންޖެހޭ ކަމަށާއި، ކަނޑައެޅިފައިވާ މުއްދަތަށް އެ މަސައްކަތް ނިންމުމަށްޓަކައި މިހާރު އަމަލީ ގޮތުން ތައްޔާރީތައް ވަމުންދާ ކަމަށެވެ.













