ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުޞަތު ބަންދުކުރުމަށްޓަކައި، މިހާރުގެ ސަރުކާރުން ފަނޑިޔާރުންނާއި ފުލުހުންނަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރަމުންދާ ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތުހުމަތުކުރައްވައިފިއެވެ.
އައްޑޫ ސިޓީގެ ހިތަދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ނިމިދިޔަ ސަރުކާރުން ކަންކަން ކުރި ބީދައިން، މި ސަރުކާރުންވެސް އެމަނިކުފާނާ ދެކޮޅަށް ފިޔަވަޅުތައް އަޅައި، ކޯޓުތައް މެދުވެރިކޮށް އިންތިޚާބުގައި ވާދަނުކުރެވޭ ގޮތް ހެދުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމުގެ މަޢުލޫމާތު ލިބެމުންދާ ކަމަށެވެ. އަދި އެންމެ މަތީ ކޯޓުންވެސް ސިޔާސީ ނިންމުމެއް ނިންމަފާނެ ކަމުގެ ކަންބޮޑުވުން އެމަނިކުފާނު ފާޅުކުރެއްވިއެވެ.
އައްޑޫގެ ރައްޔިތުންގެ ފަރާތުން އެންމެ ގިނައިން ކުރިމަތިވި ސުވާލަކީ 2028 ގެ ރިޔާސީ ވޯޓު ކަރުދާހުގައި އެމަނިކުފާނުގެ ނަންފުޅު އޮންނާނެތޯ ކުރެވުނު ސުވާލުކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ، އެމަނިކުފާނު ޖަލަށްލާންޖެހޭ އެއްވެސް ޤާނޫނީ ސަބަބެއް ނެތް ކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާހުގައި އެމަނިކުފާނުގެ ނަންފުޅު އޮންނާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.
މީގެއިތުރުން، ސަރުކާރަށް ގޮވާލައްވަމުން ޔާމީން ވަނީ ވާދަވެރި އިންތިޚާބެއްގައި ރައްޔިތުންގެ ތާއީދު އޮތް މިންވަރު ބެލުމަށް އެމަނިކުފާނާ ކުރިމަތިލުމަށް ގޮވާލައްވާފައެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް އޮތް ރައްޔިތުންގެ އިތުބާރު ގެއްލެމުންދަނީ ސަރުކާރުގެ އަމިއްލަ ނިންމުންތަކުގެ ސަބަބުން ކަމަށާއި، ރައްޔިތުންނަށް ދަތިވާ ގޮތަށް ކަންކަން ނުކުރެއްވުމަށްވެސް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
ޤައުމުގެ ކަންކަން ހިންގެވުމުގައި ހުދުމުހުތާރު ސިފަތަކާއި އަނދިރި ދައުލަތެއްގެ ސިފަތައް ފެންނަމުންދާ ކަމަށް ތުހުމަތުކުރައްވަމުން ޔާމީން ވިދާޅުވީ، ދައުލަތުގެ މުއައްސަސާތަކުގެ ޤާނޫނީ ޒިންމާ އަދާކުރުމުގެ ބާރު ކަނޑުވާލައި، ހުރިހާ ބާރުތަކެއް އެއްއަތަކަށް ކަހާލަމުންދާ ކަމަށެވެ.
ސަރުކާރަށް މިފަދަ ތުހުމަތުތަކެއް ޔާމީން ކުރެއްވި ނަމަވެސް، އެމްޑީޕީގެ ވެރިކަމުގައި އެމަނިކުފާނު ޖަލަށްލެވި، 2023 ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު ގެއްލިގެންދިޔައީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާ ގުޅިގެން ކުރެވުނު ތުހުމަތުތަކާއި އިއްވި ހުކުމްތަކާ ގުޅިގެންނެވެ. އެ ދުވަސްވަރު އެމަނިކުފާނު ހުންނެވީ ޖަލު ބަންދުގައި ކަމަށްވާއިރު، އެ މައްސަލަތަކުގައި ޤާނޫނީ ގޮތުން ބޮޑެތި ތުހުމަތުތަކެއް އެމަނިކުފާނުގެ މައްޗަށް ވަނީ ކުރެވިފައެވެ.
ނަމަވެސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، އެންމެ ފުރަތަމަ ކުރެއްވި ކަންކަމުގެ ތެރޭގައި ޔާމީން ޖަލުން ގޭބަންދަށް ބަދަލުކުރެއްވުން ހިމެނެއެވެ. އަދި އޭގެ ފަހުން އެމަނިކުފާނު އެކީގައި މިނިވަންވެވަޑައިގަތުމަށް މަގުފަހިވެގެންދިޔައީވެސް މިހާރުގެ ސަރުކާރުން ޝަރުޢީ ދާއިރާއަށް އެއްވެސް ނުފޫޒެއް ނުފޯރުވައި، އިންޞާފުވެރިކަމާއެކު ކަންކަން ހިންގުމަށް ފުރުޞަތު ދިނުމުންނެވެ.
ސަރުކާރުން އެމަނިކުފާނަށް އެފަދަ ބޮޑު އިޙްސާންތެރިކަމެއް ދައްކަވާފައިވަނިކޮށް، ސަރުކާރުގެ އިޚްލާޞްތެރިކަމާމެދު ސުވާލު އުފައްދަވައި ސިޔާސީ ގޮތުން ބަދުނާމުކުރައްވަން އުޅުއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ބުނެއެވެ.













