އަންނަ 2028 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް މިއަދު އިއުލާނު ކުރައްވައިފިއެވެ.
ރާއްޖެ ޓީވީގެ ”ފަށާއިރު“ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ނިންމަވާފައިވާ ކަމަށާއި، އެމަނިކުފާނުގެ ރަނިންމޭޓެއްގެ ގޮތުގައި ނުކުންނަވާނީ މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ކަމަށެވެ.
މި ނިންމެވުމާ ގުޅޭގޮތުން މޭޔަރު އާދަމް އާޒިމް ވިދާޅުވީ، އެމްޑީޕީގެ ވެރިކަމެއްގައި ރައީސަކަށް އަދި ނައިބު ރައީސަކަށްވެސް އެ ޕާޓީގެ ބޭފުޅުން ތިއްބެވުމަކީ މުހިންމު ކަމެއް ކަމަށް ގަބޫލުކުރެއްވޭތީ، ފައިސަލްގެ ދައުވަތު ގަބޫލުކުރައްވައި ނައިބު ރައީސްގެ ގޮތުގައި ކުރިއަށްދާން ތައްޔާރަށް ހުރެވި ކަމަށެވެ.
މި ނިންމެވުމަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރިހަމަ އެއްބާރުލުމާއި މަޝްވަރާއާއެކު ނިންމެވި ނިންމެވުމެއް ކަމަށް ދެ ބޭފުޅުންވެސް ފާހަގަކުރެއްވިއެވެ. އަދި ޕާޓީގެ ގިނަ އަދަދެއްގެ އާންމު މެންބަރުންނާވެސް މިކަމުގައި މަޝްވަރާ ކުރެވިފައިވާ ކަމަށް ފައިސަލް ވިދާޅުވިއެވެ.
ޕްރައިމަރީން ނާކާމިޔާބުވި ނަމަވެސް، އެމްޑީޕީއަށް ވެރިކަން ހޯދައިދިނުމަށްޓަކައި ޕްރައިމަރީ ކާމިޔާބުކުރައްވާ ބޭފުޅަކާއެކު ސާބިތުވެ ހުންނަވައިގެން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަންވެސް ފައިސަލް ވަނީ ދެއްވާފައެވެ.
ފައިސަލް ނަސީމްގެ މި ނިންމެވުމާއެކު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ހާމަކުރެއްވި ބޭފުޅުންގެ އަދަދު ވަނީ ހަތަރަކަށް އަރާފައެވެ. މީގެކުރިން ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް، ކުރީގެ ރައީސް އަބްދުﷲ ޝާހިދު އަދި މަޖިލިސް މެންބަރު އަހުމަދު ޝަމްހީދުވެސް ވަނީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައެވެ.













