އިންސާނަކަށް ލިބިފައިވާ އިލްމާއި ހުނަރުގެ ނަފާ މުޖުތަމައަށް ފޯރުކޮށްދެވޭނީ އެ ތަކެތި ހެޔޮގޮތުގައި ބޭނުންކޮށްގެން ކަމަށާއި، އިލްމާއި ހުނަރު ބޭނުން ކޮށްގެން ނޫނީ ހަރުދަނާ ޝަހުސިއްޔަތެއް ބިނާނުކުރެވޭނެ ކަމަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ގައުމީ ޔުނިވަސިޓީގެ ސްޓޫޑެންޓް ޔޫނިއަނުން އައްޑޫ ސިޓީގައި ބޭއްވި ”އައްޑޫ ބޮޑު ފަނޑިޔާރު ތަކުރުފާނުގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ ވާހަކަ ދެއްކުމުގެ މުބާރާތް“ ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ވާހަކަދެއްކުމާއި ބަހުސްކުރުމުގެ މުބާރާތްތަކަކީ ދަރިވަރުންގެ ކިބައިގައި އަޚުލާގީ އަދި ފިކުރީ ގޮތުން ހުރުން ލާޒިމުވާ މުހިންމު ސިފަތައް އަށަގަންނުވައިދޭ ކަންކަން ކަމަށެވެ.
މިފަދަ ވާދަވެރި މުބާރާތްތަކުގެ ސަބަބުން ދަރިވަރުންގެ އަމިއްލަ ނަފުސަށް އޮންނަ އިތުބާރާއި ސާބިތުކަން އިތުރުވެގެންދާކަން ހީނާ ފާހަގަކުރެއްވިއެވެ. އަދި ތެދުވެރިކަމާއެކު ސަހީ މައުލޫމާތު ހާމަކުރުމަށާއި، އިލްމީ ބުރަދަން ހުރި ހުއްޖަތްތަކުގެ މައްޗަށް ބިނާކޮށް ވާހަކަދެއްކުމުގެ އާދަ ދަރިވަރުންގެ ކިބައިގައި އަށަގަންނަނީ މިފަދަ ފުރުސަތުތަކުގެ ތެރެއިން ކަމަށްވެސް ވިދާޅުވިއެވެ.
ގައުމުގެ މުސްތަގުބަލު އުޖާލާކޮށް، ގައުމީ ފިކުރުގެ ހަރުދަނާ ޖީލެއް ބިނާކުރުމުގައި މިފަދަ ހަރަކާތްތަކުގެ ދައުރު ބޮޑުކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ހިނގަމުންމިދާ ޒަމާނަކީ ސައިންސާއި ޓެކްނޮލޮޖީގެ ސަބަބުން ދިރިއުޅުމުގެ ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ދުވަސްވަރެއް ކަމަށެވެ.
އެހެންކަމުން ބަދަލުވަމުންދާ ދުނިޔެއަށް ދަރިން ތަރުބިއްޔަތު ކުރާއިރު، ތަފާތު ފިކުރުތަކާއި ޚިޔާލުތަކަށް އިހުތިރާމްކޮށްގެން ކުރިމަތިލާން ދަސްކޮށްދިނުމަކީ މިއަދުގެ މުޖުތަމައުގައި ވަކިން ހާއްސަކޮށް ބޭނުންތެރި ކަމެއްކަމަށް ހީނާ ވަލީދު ވިދާޅުވިއެވެ.














