ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ދޭ ”އެފްއޭއެމް އެވޯޑްސް 2026“ ގެ އެންމެ މޮޅު ރީޖަނަލް ކުލަބުގެ އެވޯޑަށް ވާދަކުރާ ކުލަބުތައް ރަސްމީކޮށް އިއުލާނުކޮށްފިއެވެ.
އެފްއޭއެމްގެ ނޮމިނޭޝަނުގައިވާ ގޮތުން މި އެވޯޑަށް ވާދަކުރަނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށްގެން އެފްއޭއެމުން ބޭއްވި ރީޖަނަލް ކޮލިފިކޭޝަން މުބާރާތްތަކުގެ ޗެމްޕިއަންކަން ހޯދި ހަތަރު ޓީމެވެ. ފުޓުބޯޅައިގެ ހަރަކާތްތައް ފުޅާކުރުމުގެ ބޭނުމުގައި ރާއްޖެ ހަތަރު ސަރަހައްދަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި މުބާރާތްތަކުގައި އެޓޯލް ޗެމްޕިއަންޝިޕާއި ޒޯން ޗެމްޕިއަންޝިޕް ވެސް ވަނީ ކާމިޔާބުކަމާއެކު ބާއްވާފައެވެ.
އެއަށްފަހު، ރީޖަނަލް ޗެމްޕިއަންޝިޕުގެ ތަށި އުފުލައިލި ހަތަރު ޓީމު ވަނީ މާލޭގައި ކުރިއަށްދިޔަ ދިވެހި ޕްރިމިއާ ލީގު (ޑީޕީއެލް) ކޮލިފިކޭޝަންގައި ވާދަކޮށްފައެވެ. އެންމެ މޮޅު ރީޖަނަލް ކުލަބުގެ އެވޯޑަށް ނޮމިނޭޓުވެފައިވާ ހަތަރު ކުލަބަކީ:
ބިސްބުރު ސްޕޯޓްސް ކުލަބު (މާލޭ ރީޖަން / ދެވަނަ ޑިވިޝަންގެ ޗެމްޕިއަން)
ކ. ހުރާ ކޮމިއުނިޓީ ކުލަބު (ސެންޓްރަލް ރީޖަންގެ ޗެމްޕިއަން)
ހއ. ދިއްދޫ ސްޕޯޓްސް ކުލަބު (ނޯތު ރީޖަންގެ ޗެމްޕިއަން)
ގދ. ގައްދޫ ރެކްރިއޭޝަން ކުލަބު (ސައުތު ރީޖަންގެ ޗެމްޕިއަން)
ޑީޕީއެލް ކޮލިފައިންގައި ވާދަކުރި މި ހަތަރު ޓީމުގެ ތެރެއިން ހުރާ ފިޔަވައި އަނެއް ތިން ޓީމު ކަމަށްވާ ބިސްބުރު، ދިއްދޫ އަދި ގައްދޫ ވަނީ ރަނގަޅު ނަތީޖާތަކެއް ނެރެ، ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވެފައެވެ. އަދި މި ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުން ޖާގަ ހޯދައި، މިހާރު އެ ޓީމުތަކުން އަންނަނީ ލީގުގައި ވާދަވެރި މެޗުތައް ކުޅެމުންނެވެ.
އަށް އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު އަލުން ބާއްވާ ކުލަގަދަ އެފްއޭއެމް އެވޯޑްސް ނައިޓް އޮންނާނީ މާދަމާ (ބުރާސްފަތި) ދުވަހުގެ ރޭގައެވެ. މި ހަފްލާގައި އެންމެ މޮޅު ރީޖަނަލް ކުލަބުގެ އިތުރުން މުޅި ރާއްޖޭގެ އެންމެ މޮޅު ފުޓުބޯޅަ ކުލަބާއި، ފާހަގަކޮށްލެވޭ އެކި ދާއިރާތަކުން މޮޅެތި ކުޅުންތެރިންނާއި އޮފިޝަލުންނަށް ވެސް އެވޯޑު ދިނުމަށް ވަނީ ހަމަޖެހިފައެވެ.














