ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ ”އެފްއޭއެމް އެވޯޑްސް 2026“ ގެ އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާ، އަހަރުގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ގަދަ ފަސް ކުޅުންތެރިންގެ ނަންތައް ރަސްމީކޮށް އިއުލާނުކޮށްފިއެވެ.
މި އެވޯޑަށް ނޮމިނޭޓުވި ފަސް ކުޅުންތެރިންނަކީ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ތަޖުރިބާކާރު ފޯވާޑް އަލީ ފާސިރު (ސެންޓޭ) އާއި، ވިކްޓްރީ ސްޕޯޓްސް ކުލަބަށް ކުޅެމުން އަންނަ ހަމްޒާ މުޙައްމަދު (ހަމްޕު) ގެ އިތުރުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ އަޙްމަދު އައިހަމް (ފަތޯ) އަދި ހަމަ އެ ޓީމުގެ އިބްރާޙީމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އެވެ. މީގެއިތުރުން ނިއުރޭޑިއަންޓުގެ މުޙައްމަދު ނާއިމް ވެސް ވަނީ މި ލިސްޓުން ޖާގަ ހޯދާފައެވެ.
ނޮމިނޭޓުވި ކުޅުންތެރިންގެ ތެރެއިން އަލީ ފާސިރު (ސެންޓޭ) ވަނީ ފާއިތުވި ސީޒަނުގައި ނިއުރޭޑިއަންޓުގެ ޖާޒީގައި ކުޅުނު 19 މެޗުން 19 ލަނޑު ކާމިޔާބުކޮށްދީ، މޮޅު ކުޅުމެއް ދައްކާފައެވެ. އަދި އޭނާ ވަނީ ޤައުމީ ޓީމަށް ކުޅެދިން 5 މެޗުގައި 3 ލަނޑު ޖަހާފައެވެ. ޖުމްލަ 22 ލަނޑާއިއެކު ޓޮޕް ސްކޯރަރ ގެ މަގާމު ސެންޓޭ ވަނީ ކަށަވަރުކޮށްފައެވެ.
ލިސްޓުގައި ދެން ހިމެނޭ ހަމްޒާ މުޙައްމަދު (ހަމްޕު) ފާއިތުވީ ސީޒަނުގައި މާޒިޔާއަށް ކުޅެދިން 15 މެޗުން 11 ލަނޑު ޖަހާފައިވާއިރު، މާޒިޔާގެ ޒުވާން ކުޅުންތެރިޔާ އަޙްމަދު އައިހަމް (ފަތޯ) ވަނީ އެ ޓީމަށް ކުޅުނު 17 މެޗުން 8 ލަނޑު ޖަހައި، ޤައުމީ ޓީމުން ވެސް ޖާގަ ހޯދައި މެޗުތަކެއް ކުޅެފައެވެ.
މިދިޔަ ސީޒަނުގައި ކުލަބު އީގަލްސްއަށް ކުޅުނު، އަދި މިހާރު މާޒިޔާގެ ފޯވާޑް އިބްރާޙީމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) ވަނީ އީގަލްސްއަށް ކުޅެދިން 17 މެޗުން 12 ލަނޑު ޖަހައި މޮޅު ކުޅުމެއް ދައްކާފައެވެ. މީގެއިތުރުން، މި ސީޒަނުގައި ނިއުރޭޑިއަންޓާ ގުޅުނު ހުނަރުވެރި މިޑްފީލްޑަރު މުޙައްމަދު ނާއިމް ވަނީ ފާއިތުވި ސީޒަނުގައި ބުރު ސްޕޯޓްސް ކުލަބާއެކު ކުޅުނު 18 މެޗުން 12 ލަނޑު ކާމިޔާބުކޮށްފައެވެ.
ދިވެހި ފުޓުބޯޅައިގެ އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިންގެ އަގުވަޒަންކުރުމުގެ ގޮތުން ބާއްވާ މި ޙަފްލާގައި، އެންމެ މޮޅު ފިރިހެން ފުޓުބޯޅަ ކުޅުންތެރިޔާގެ އިތުރުން އެންމެ މޮޅު އަންހެން ފުޓުބޯޅަ ކުޅުންތެރިޔާ ވެސް ހޮވުމަށް ވަނީ ހަމަޖެހިފައެވެ. މި އަހަރުގެ އެފްއޭއެމް އެވޯޑް ނައިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ބުރާސްފަތި ދުވަހުގެ ރޭގައެވެ.














