ހޮރްމޫޒް ކަނޑުއޮޅީގައި އޮތް ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި، ޢިރާޤުގެ ސާފުނުކުރާ ތެޔޮ (ކްރޫޑް އޮއިލް) ޓްރަކްތަކުގައި ސީރިއާ މަގުން މެޑިޓަރޭނިއަން ކަނޑަށް އެކްސްޕޯޓްކުރުމަށް ޢިރާޤުން ތައްޔާރުވެއްޖެއެވެ.
ހޮރްމޫޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ތެލުގެ ވިޔަފާރިއަށް އެންމެ މުހިންމު އެއް މަގު ކަމަށްވީ ނަމަވެސް، އެ ސަރަޙައްދުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ޢިރާޤުގެ ތެޔޮ އެކްސްޕޯޓަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެފައެވެ. ސީރިއާގެ ޕެޓްރޯލިއަމް ކުންފުނިން ބުނާގޮތުގައި، ޢިރާޤުގެ ތެޔޮ ޓްރަކްތަކުގައި ގެންދާނީ ސީރިއާގެ ބާނިޔާސް ބަނދަރަށެވެ. އަދި މި މަހުގެ މެދުތެރޭގައި ފުރަތަމަ ޓްރަކްތައް ބާނިޔާސްއަށް ފޯރާނެކަމަށް ބެލެވެއެވެ.
މީގެ ކުރިން ޢިރާޤުން ވަނީ ސީރިއާ މަގުން ޕެޓްރޯލްވެސް އެތެރެކުރަން ފަށާފައެވެ. މިހާރު ޓްރަކްތަކުގައި ތެޔޮ އުފުލި ނަމަވެސް، މުސްތަޤުބަލުގައި ޢިރާޤުން ސީރިއާއަށް ތެޔޮ ހޮޅި އެޅުމުގެ ވިސްނުން ގެންގުޅޭކަމަށް ސީރިއާގެ އޮފިޝަލުން ބުނެއެވެ. މިކަމުގެ ސަބަބުން ޢިރާޤަށް އެމީހުންގެ މައިގަނޑު އާމްދަނީ ޔަޤީންކުރެވޭއިރު، އަޙްމަދު އަލް-ޝަރާގެ ވަގުތީ ސަރުކާރުގެ ދަށުގައިވާ ސީރިއާއަށް ތެޔޮ އުފުލުމުގެ ފީގެ ގޮތުގައި ބޮޑު އާމްދަނީއެއް ލިބި، އިޤްތިޞާދު ރަނގަޅުވުމަށް މަގުފަހިވެގެންދާނެއެވެ.














