ރައްޔިތުންނަށް ވެވަޑައިގެންނެވި ހުރިހާ ވައުދެއް ފޮތެއްގައި ޝާއިއުކުރައްވަން ކެރިވަޑައިގަތް ހަމައެކަނި ވެރިއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ސަޢީދު ވިދާޅުވީ، ރައްޔިތުންނަށް ވެވަޑައިގަތް ހުރިހާ ވައުދެއް ފޮތަކަށް އެއްކުރައްވަވާ ޝާއިއުކުރައްވަން ކެރިވަޑައިގަތް ފުރަތަމަ ރައީސަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމަށާއި, އެކަން އެގޮތަށް ކުރެއްވީ ވެސް ނުހަނު ހާމަކަން ބޮޑުކޮށް ތެދުވެރިކަމާއެކު އެ ވައުދުފުޅުތައް ފުއްދެވުމުގެ ހެޔޮ ނިޔަތުގައި ކަމަށެވެ.
ރައްޔިތުންނަށް ވެވަޑައިގަތް ހުރިހާ ވަޢުދެއް ފޮތަކަށް އެއްކުރައްވާ ޝާއިޢުކުރައްވަން ކެރިވަޑައިގަތް ފުރަތަމަ ރައީސަކީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު. އެކަން ކުރެއްވީވެސް ނުހަނު ހާމަކަމާއި ތެދުވެރިކަމާއެކު އެ ވަޢުދުތައް ފުއްދެވުމުގެ ހެޔޮ ނިޔަތުގައި.
މިއަދުގެ ވަރަށް ގިނަ ވަގުތުވެސް… https://t.co/nXTIc3O607
— Mohamed Saeed (@em_saeed) October 6, 2026
ވަޒީރުންގެ މަޖިލީހުން އިއްޔެ ބޭއްވި ބައްދަލުވުމުގެ ވީޑިއޯއާއެކު ހިއްސާކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ސަޢީދު ވިދާޅުވީ، ބައްދަލުވުމުގެ ގިނަ ވަގުތު ރައީސް މުޢިއްޒު ހާއްސަކުރެއްވީ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ކަމަށާއި ކޮންމެ މަޝްރޫއެއްގެ އަދާހަމަ އެ މަނިކުފާނު އަމިއްލަފުޅަށް ބެއްލެވި ކަމަށެވެ. ކަންކަން ނިމެމުންދާ ވަރު ވަޒަންކުރައްވައި، ދައްޗެއް އޮތްނަމަ އެކަމަށް ހައްލު ހޯއްދަވަން ސީދާ ރައީސް މުޢިއްޒު އިސްނެންގެވި ކަމަށް ވެސް މިނިސްޓަރު ސަޢީދު ވިދާޅުވިއެވެ.
ސަޢީދު ވިދާޅުވި ގޮތުގައި ކޮންމެ ވައުދަކާ ގުޅޭ މަސައްކަތްތަކުގައި ވެސް ޝާމިލްވާ ހުރިހާ ޒިންމާދާރު ފަރާތަކާ އެއް ހާޒިރުގައި، ރައްޔިތުންނަށް ކޮށްދެއްވަން ހުރި ކަންކަމަށް އިސްކަން ދެއްވައިގެން، އެ މަނިކުފާނު ވަގުތު ހާއްސަކުރައްވަނީ، އިހުލާސްތެރިކަމާއެކު ގައުމަށް ހިދުމަތްކުރެއްވުމަށް ހިތްޕުޅުގައި އޮތް ޝައުގައި ސަމާލުކަމުގެ ބޮޑުކަމުން ކަމަށެވެ.
ރައީސް މުޢިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަކީ ވެރިކަންކުރާ މައި ޕާޓީ ޕީއެންސީއަށް ވެސް ލިބިގެންދާނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ސަޢީދު ވަނީ އިތުރަށް ވިދާޅުވެފައެވެ.














