މަގުމަތީގެ އަދަބުތަކަށް އާންމުން އަހުލުވެރިކޮށް، އެކްސިޑެންޓްތައް މަދުކުރުމުގެ މަގުސަދުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދާ ”ރައްކާ ރޯޑްޝޯ“ ގދ. އަތޮޅުގެ ރަށްރަށުގައި ބޭއްވުމަށް ބޭނުންވާ އެންމެ ފަހުގެ ތައްޔާރީތައް ފަށައިފިއެވެ. ފުލުހުން މައުލޫމާތު ދެއްވާ ގޮތުގައި، ”ރަނގަޅުކޮށްލާ“ މި ޝިއާރުގެ ދަށުން ކުރިއަށްގެންދާ މި ޚާއްސަ ކެމްޕޭން ގދ. އަތޮޅުގައި ކުރިއަށްދާނީ މި އޮކްޓޫބަރު މަހުގެ 9 އިން 19 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ރޯޑްޝޯގެ ތެރެއިން އެ އަތޮޅުގެ އެކި ރަށްރަށުގެ ރައްޔިތުންނާއި ދަރިވަރުންނަށް އަމާޒުކޮށްގެން ގިނަ ހަރާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. އޭގެ ތެރޭގައި ރޯޑް ސޭފްޓީ ވޯކް، ޓީމް ބިލްޑިންގ ހަރަކާތްތައް، ”ބީޗް ބްލާސްޓް“ އިވެންޓްތަކުގެ އިތުރުން ކުއިޒް މުބާރާތްތަކާއި ބަށި އަދި ބާސްކެޓްބޯޅަ މުބާރާތްތައް ހިމެނެއެވެ. މީގެ އިތުރުން ދަރިވަރުންނަށް ޚާއްސަކޮށްގެން ”ޓްރެފިކް މޮނީޓަރސް ޕްރޮގްރާމް“ އާއި ”ފަހިރާސްތާ“ ޕްރޮގްރާމް ވެސް ކުރިއަށްދާނެއެވެ.
އާންމުން މަގުމަތީގެ ގަވާއިދުތަކަށް ބޯލެނބުމުގެ އާދަ އަށަގެންނެވުމަށްޓަކައި ހޭލުންތެރިކުރުމުގެ ސެޝަންތައް ކުރިއަށް ގެންދިއުމުގެ އިތުރުން، މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ ބިލްބޯޑުތައް އެ އަތޮޅުގެ އެކި ރަށްރަށުގައި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ފުލުހުންގެ ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަން ޑިޕާޓްމަންޓުން އިސްނަގައިގެން، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ކައުންސިލްތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކާ ގުޅިގެން ހިންގާ ހަރަކާތެކެވެ.
މި އަހަރުގެ ރޯޑްޝޯގެ މައިގަނޑު ޕާޓްނަރުންގެ ތެރޭގައި އޫރީދޫ މޯލްޑިވްސް، އެލައިޑް އިންޝުއަރެންސް، އެމްޓީސީސީ، އަވަސް އަދި ހޮންޑާ (ޝީޝާ) ހިމެނެއެވެ. އެކްސިޑެންޓްތައް މަދުކޮށް، ރައްކާތެރި މުޖުތަމައެއް ބިނާކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ މި ކެމްޕޭންގެ މީގެ ކުރީގެ ރޯޑްޝޯތައް ހުޅުމާލޭގައިވެސް ވަނީ ކާމިޔާބުކަމާއެކު ބޭއްވިފައެވެ.











