ޑްރަގް ޓްރެފިކިންގެ ބޮޑެތި މައްސަލަތަކުގައި ހުކުމް ތަންފީޒުކުރަމުންދާ ކުށްވެރިން ޕެރޯލް ނިޒާމުގެ ތެރެއިން މުޖުތަމަޢަށް ދޫވެގެން ދިޔުން ހުއްޓުވުމުގެ މަޤްޞަދުގައި، ޖަލުތަކާއި ޕެރޯލްގެ ޤާނޫނަށް އިސްލާޙު ގެންނެވުމުގެ މަސައްކަތް ސަރުކާރުން ފައްޓަވައިފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، 2013 ވަނަ އަހަރު ވުޖޫދަށް އައި މި ޤާނޫނު މިހާރުގެ ހާލަތަށް ފެތޭގޮތަށް ބަދަލުކުރަންޖެހިފައިވާ ކަމަށެވެ. އަދި މަސްތުވާތަކެއްޗާ ބެހޭ ޤާނޫނަށް އެކި ފަހަރު މަތިން ގެނެވިފައިވާ ބަދަލުތަކާއެކު، ޕެރޯލްގެ އުޞޫލުތައްވެސް އިތުރަށް ވަރުގަދަކުރަންޖެހޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވި ގޮތުގައި، ނުރައްކާތެރި ބޮޑެތި ކުށްތަކުގައި ހިމެނޭ މީހުންނަށް ލުއިލިބިގެން މުޖުތަމަޢުގެ ތެރެއަށް ނުކުމެވޭނެ ފުރުޞަތު ދިނުމަކީ މި ސަރުކާރުގެ ސިޔާސަތެއް ނޫނެވެ. އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކޮމްޕްރޮމައިޒްވާނެ ފަދަ އެއްވެސް ނިންމުމެއް ނުނިންމަވާނެ ކަމަށާއި، މިފަދަ ކަންކަމުގައި އެއްވެސް ޝޯޓްކަޓެއް ނުނަގާނެ ކަމުގެ ޔަޤީންކަންވެސް ވަޒީރު ދެއްވިއެވެ.
ދިވެހިރާއްޖޭގައި ޕެރޯލްގެ ކަންކަން ބަލަހައްޓަމުންދަނީ ޤާނޫނު ނަންބަރު 14/2013 (ޖަލުތަކާއި ޕެރޯލްގެ ޤާނޫނު) ގެ ދަށުން އުފައްދާފައިވާ ޕެރޯލް ބޯޑުންނެވެ. މިއީ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ މީހުންގެ ތެރެއިން އަޚުލާޤު ރަނގަޅު، ޝަރުތު ހަމަވާ ގައިދީންނަށް އެމީހުންގެ ހުކުމުގެ ބާކީބައި މުޖުތަމަޢުގައި ތަންފީޒުކުރުމަށް ދެވޭ ފުރުޞަތެކެވެ.
ނަމަވެސް، ޕެރޯލްގެ ދަށުން ދޫކުރެވޭ މީހުން ކަނޑައެޅިފައިވާ އުޞޫލުތަކާ ޚިލާފުވެއްޖެނަމަ ނުވަތަ އިތުރު ކުށެއް ކޮށްފިނަމަ، އެ މީހެއްގެ ޕެރޯލް ބާތިލުކޮށް އަލުން ޖަލަށް ބަދަލުކުރުމުގެ ބާރު ޤާނޫނުން ބޯޑަށް ލިބިދެއެވެ.















ދޫކުރަނީ ސަރުކާރުން ބޭނުންވީމާ ނޫންތޯ !!!!!!