މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި އުމުރަށް ޖަލަށްލާފައި ހުރި ސ. ހިތަދޫ، ކޯޒީކޯނާ، އަބްދުﷲ އިބްރާހީމް (އަބުޗާ) ޕެރޯލުގެ ދަށުން ދޫކޮށްލާފައި ވަނިކޮށް، އޭނާ އަލުން ހައްޔަރުކޮށް، ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ޕެރޯލް ބޯޑުން 6 މެންބަރަކު ވަކިކޮށް އަލުން އެ ބޯޑު އެކުލަވާލަން ސަރުކާރުން ނިންމައިފިއެވެ.
މިކަން ހާމަކުރެއްވީ މިހާރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން އެވެ. މިނިސްޓަރު ވިދާޅުވީ ޕެރޯލް ބޯޑުގައި ހިމެނޭ މެންބަރުން މަގާމުން ވަކިކޮށް، އެ ބޯޑު އަލުން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
މި ނިންމުން ނިންމާފައި މިވަނީ މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރި ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ އަބުޗާ، މިދިޔަ އަހަރުގެ މޭ މަހުގެ 19 ވަނަ ދުވަހު ޖަލަށްލާފައި ވަނިކޮށް، ޕެރޯލް ބޯޑުގެ ނިންމުމަކާ ގުޅިގެން ކުއްލި ގޮތަކަށް އޭނާ މިނިވަންކުރުމާ ގުޅިގެންނެވެ.
އިހުސާން ވިދާޅުވީ، އަބުޗާ ދޫކޮށްލަން ނިންމި ނިންމުން އަލުން މުރާޖައާ (ރިވިއު) ކުރުމަށް ޕެރޯލް ބޯޑުގައި އެދުމުން، އެ ބޯޑުން ކުރީގެ ނިންމުން ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އޭނާ އަލުން ހައްޔަރުކޮށް ޖަލަށް ބަދަލުކުރީ އެ ނިންމުމާ ގުޅިގެން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ކަނޑުމަގުން އައްޑޫ ސިޓީއަށް 80 ކިލޯއަށް ވުރެ ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައިގައި 2020 ވަނަ އަހަރު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަބުޗާ ހިމެނޭހެން ބަޔަކު ހައްޔަރުކުރިއެވެ. މި މައްސަލައިގައި އަބުޗާގެ މައްޗަށް 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހު ޑައިމޯފިން ޓްރެފިކް ކުރުމުގެ ދެ ދައުވާއެއް ދައުލަތުން އުފުލިއެވެ.
މި މައްސަލައިގައި އަބުޗާގެ މައްޗަށް ކުށް ސާބިތުވެ ހުކުމް ކޮށްފައިވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާއެކު އޭނާ ވެފައިވާ އިއުތިރާފު އެއްބަސްވުމެއްގެ ދަށުންނެވެ. އިއުތިރާފު އެއްބަސްވުމެއް ނެތްނަމަ އޭނާގެ މައްޗަށް 50 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ނަމަވެސް، ކުށަށް އިއުތިރާފުވުމުން ލިބުނު ލުޔާއެކު ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އޭނާގެ މައްޗަށް އިއްވީ 25 އަހަރުގެ (އުމުރު ދުވަހުގެ) ޖަލު ހުކުމެކެވެ.











