ވައްކަމާއި ކޮރަޕްޝަނާ ދެކޮޅަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވަނީ ރާއްޖޭގެ ތާރީހުގައި ވެސް ވެރިއަކު ނުކުރައްވާ ވަރުގެ ބޮޑެތި މަސައްކަތްތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ހުށަހެޅުއްވި، ކުށްކޮށްގެން ހޯދާ މުދަލާ ގުޅޭ ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުން މަމްދޫހު ވިދާޅުވީ، ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމާ ހިސާބުން ވައްކަމާއި ކޮރަޕްޝަނާ ދެކޮޅަށް އަމަލީ ގޮތުން ފިޔަވަޅު އަޅަމުން އަންނަ ކަމަށެވެ. މި ބިލު މަޖިލީހަށް ހުށަހެޅުމުގެ ބޭނުކަމީވެސް އެކަމުގެ އެއް ހެކި ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ނިމިދިޔަ އެމްޑީޕީ ސަރުކާރުން އެސެޓު ރިކަވަރީ ކޮމިޝަނެއް އެކުލަވާލި ނަމަވެސް، 2012 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް ހިނގާދިޔަ އެމްއެމްޕީއަރުސީގެ ހިޔާނާތުގެ ފައިސާ ހޯދުމަށް ނުކުޅެދުނު ކަމަށް މަމްދޫހު ވިދާޅުވިއެވެ. އެ ކޮމިޝަނުގެ މުވައްޒަފުންގެ މުސާރައަށް 10 މިލިއަން ރުފިޔާ ހަރަދުކުރި ނަމަވެސް، އޭގެން އެންމެ ފައިސާ ފޮއްޗެއް ވެސް ދައުލަތަށް އަނބުރާ ހޯދިފައިނުވާ ކަމަށް ވެސް މަމްދޫހު ވަނީ ވިދާޅުވެފައެވެ.
މަމްދޫހު އިތުރަށް ވިދާޅުވެފައިވަނީ، މީގެ ކުރިން ގައުމުގެ ވެރިކަން ކުރެއްވި އެއްވެސް ވެރިއަކަށް މިފަދަ ގާނޫނެއް ވުޖޫދަށް ގެންނަށް ނުކެރުނީ ކޮރަޕްޝަންގެ ތެރޭގައި އެ ބޭފުޅުން ވެސް މަސްއޫލުވެ އުޅުއްވާފައިވާތީ ކަމަށެވެ. އަދި މިހާތަނަށް ކުރުމުން ދެމުން އަންނަނީ ހަމައެކަނި ޖިސްމާނީ އަދަބެއް ކަމަށާއި، ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ އެކި ގޮތްގޮތަށް ދައުރުކޮށްގެން މާލީ މަންފާ ހޯދުމުގެ ދޮރުތައް ހުޅުވިފައި އޮތް ނަމަވެސް، މި ބިލު ގާނޫނަކަށް ވުމުން އެ ދޮރުތައް ބަންދުވެގެންދާނެ ކަމަށްވެސް މަމްދޫހު ވިދާޅުވިއެވެ.
މީގެއިތުރުން، އެމްޑީޕީގެ ވެރިކަން ނިމެން ގާތްވެފައިވަނިކޮށް، ބޮޑެތި ހިޔާނާތްތަކުގައި އިސްކޮށް އުޅުނު މޭސްތިރިން ދޫކޮށްލާފައިވާ ކަމަށާއި، މި ސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތުގައި ސިޔާސީ ވަކި ފިކުރަކަށް ނުބަލައި އިދިކޮޅު މެންބަރުން ވެސް އެއްބާރުލުން ދެއްވުމަށް މަމްދޫހު ވަނީ ގޮވާލައްވައިފައެވެ.













