ސަޢޫދީ ޢަރަބިއްޔާގެ އެހީތެރިކަމާއެކު ޔަމަނުގެ ސަރުކާރު ސިފައިން ފެށި ބޮޑު އަސްކަރީ އޮޕަރޭޝަން ”ޑޯން އޮފް ޔަމަން“ ގެ ދަށުން، ދުނިޔޭގެ ވިޔަފާރިއަށް އެންމެ މުހިންމު އެއް ކަނޑުއޮޅި ކަމަށްވާ ބާބުލް މަންދަބް އެމީހުންގެ ބާރުގެ ދަށަށް ގެނެސްފިކަމަށް ޔަމަނުގެ އިންފޮމޭޝަން މިނިސްޓަރ މުޢައްމަރު އަލް-އިރްޔާނީ ޢިއުލާނުކޮށްފިއެވެ.
ސަޢޫދީގެ ވަރުގަދަ ވައިގެ ޙަމަލާތަކާއެކު، ސަރުކާރު ސިފައިން ވަނީ ރަތް ކަނޑުގެ އައްސޭރިފަށުން ބޮޑު ކުރިއެރުމެއް ހޯދާފައެވެ. ކަނޑުއޮޅީގެ އަނގަމަތީގައި އޮންނަ ދުބާބު ޑިސްޓްރިކްޓްގެ އެއަރސްޓްރިޕް ހިފުމަށްފަހު، އެމީހުން މިހާރު ވަނީ މުޚާ ސިޓީއާ ހަމައަށް ގޮސްފައެވެ.
ސަރުކާރުގެ މަސްދަރުތަކުން ބުނާގޮތުގައި ހޫޘީ ހަނގުރާމަވެރިން މިހާރު ދަނީ ފަރުބަދަމަތީ ސަރަޙައްދުތަކަށް ފަހަތަށް ޖެހެމުންނެވެ. އަދި މުޚާ ސިޓީ މިހާރު ސަރުކާރުގެ ބާރުގެ ދަށަށް ގެނެވިފައިވާކަމަށް ޑިފެންސް މިނިސްޓްރީން ބުނެއެވެ.
މިއޮޕަރޭޝަންގެ ދަށުން، ހޫޘީންގެ ބާރުގެ ދަށުގައިވާ ވެރިރަށް ޞަންޢާ ހިފުމަށްވެސް ވަނީ ބޮޑު ޙަމަލާއެއް ފަށާފައެވެ. ސިފައިންގެ ތަރުޖަމާނު އަލް-ނުޒައިލީ މައުލޫމާތު ދިން ގޮތުގައި، ހޫޘީންގެ ހަތިޔާރު ގުދަންތަކަށާއި ސަޕްލައި ރޫޓުތަކަށް އަމާޒުކޮށް 1،000 އަށްވުރެ ގިނަ ޙަމަލާ ވަނީ ދީފައެވެ.
ބާބުލް މަންދަބަކީ އޭޝިއާއާއި ޔޫރަޕް ގުޅުވައިދޭ މައިގަނޑު ކަނޑުމަގެވެ. މިތަން ސަރުކާރުގެ ބާރުގެ ދަށަށް ދިއުމުން، ދުނިޔޭގެ ތެލުގެ ބާޒާރަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް އަންނާނެކަމަށް ބެލެވެއެވެ. ނަމަވެސް، ފަރުބަދަތަކުގެ މަތީގައި ތިބެގެން ޑްރޯންއާއި މިސައިލުން ބޯޓުފަހަރަށް ޙަމަލާދިނުމުގެ ޤާބިލުކަން ހޫޘީންގެ ކިބައިގައި އަދިވެސް އެބަހުއްޓެވެ.














