ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟަށް ޙަމަލާދިންކަމަށް ބުނެ ޔަމަނުގެ ހޫޘީން ކުރާ ދަޢުވާއަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއްކަމަށް ސަޢޫދީ އިސްކޮށް އޮވެ ހިންގާ ކޯލިޝަނުން ބުނެފިއެވެ.
ހޫޘީންގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސާރިއާ ބުނެފައިވަނީ، ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ރިޔާޟްގައި ހުންނަ ސައުދީ އަރާމްކޯގެ މަރުކަޒަކަށް ޙަމަލާދީފައިވާނެ ކަމަށެވެ. އަދި މި ޙަމަލާގެ ސަބަބުން އެތަނުގައި އަލިފާން ރޯވިކަމަށްވެސް އޭނާ ބުނެފައިވެއެވެ. އޭނާ ބުނިގޮތުގައި މިއީ ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ސައުދީން ޔަމަނަށް ދިން 60 ވައިގެ ޙަމަލާއަށް ބަދަލުހިފުމުގެ ގޮތުން ދިން ޙަމަލާއެކެވެ.
ކޯލިޝަންގެ ތަރުޖަމާނު މޭޖަރ-ޖެނެރަލް ތުރުކީ އަލް-މާލިކީ ބުނީ، ރިޔާޟަށް ޙަމަލާދިންކަމަށް ބުނެ ހޫޘީން ފަތުރަނީ މުޅިންވެސް ދޮގު ޚަބަރުތަކެއް ކަމަށެވެ. އޭނާ ބުނިގޮތުގައި ހޫޘީން މިފަދަ ދޮގު ވާހަކަތަކެއް ފަތުރަނީ، ތަޢިޒް ޕްރޮވިންސްގައި ކުރަމުންދާ ހަނގުރާމައިގައި އެމީހުންނަށް ލިބެމުންދާ ބޮޑެތި ގެއްލުންތައް ފޮރުވުމަށާއި، އާންމުންގެ މެދުގައި އެމީހުންނާމެދު އުފެދިފައިވާ ނުރުހުން ކުޑަކުރުމަށްޓަކައެވެ. މިއީ ހަމައެކަނި ”ޚިޔާލީ ކާމިޔާބީތަކެއް“ ދެއްކުމަށް ކުރާ ކަމެއްކަމަށް އޭނާ ބުންޏެވެ.














