ރަސްމާލެ މަޝްރޫއާ ދެކޮޅަށް ތެދުވާނީ ގައުމަށް ޣައްދާރުވާ މީހުން ކަމަށާއި، އިދިކޮޅު އެމްޑީޕީން ކުރަމުންދަނީ އެ މަސައްކަތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހު (މަންޑޭ) ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މަމްދޫހު ވިދާޅުވީ، ރާއްޖޭގެ މާޒީއަށް ބަލައިލުމުން ފެނިގެންދަނީ ގައުމަށް ރަނގަޅު ގޮތެއްވާ ކޮންމެ ފަހަރަކު އެކަމާ ދެކޮޅަށް އެމްޑީޕީން ތެދުވާ މަންޒަރު ކަމަށެވެ. އެގޮތުން ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގަން ނިންމި ފ. އަތޮޅުގައި ހިންގަން އުޅުނު ބޮޑު މަޝްރޫއާ ދެކޮޅަށް މުޒާހަރާކޮށް، އެ މަޝްރޫއު ހުއްޓުވާލި ކަމަށެވެ. މިއަދު ފެންނަމުންދަނީ ސަޢޫދީ ޢަރަބިއްޔާއިން އެފަދަ މަޝްރޫއެއް ރަތް ކަނޑު ސަރަހައްދުގައި ތަރައްގީކުރަމުންދާ ތަން ކަމަށް އޭނާ ވިދާޅުވިއެވެ.
މި މަޝްރޫއާއެކު ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެކަން ފާހަގަކުރައްވަމުން މަމްދޫހު ވިދާޅުވީ، ރަސްމާލެ މަޝްރޫއުގެ ދަށުން ދިވެހިންނަށް ހާއްސަކޮށްގެން 5،000 ހައުސިންގ ޔުނިޓު ތަރައްގީކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. ކަން މިހެން އޮތުމުން މި މަޝްރޫއު ހުއްޓުވާލުމަށް އެމްޑީޕީން މަސައްކަތް ކުރާ ސަބަބެއް ނުވިސްނޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން، އެމްޑީޕީގެ ވެރިކަމުގައި ނ. އަތޮޅުން 750 ހެކްޓަރު އަދި ވ. އަތޮޅުން 700 ހެކްޓަރާއެކު ޖުމްލަ 1،450 ހެކްޓަރު 99 އަހަރަށް ދޫކޮށްލީ ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުލިބޭ ގޮތަށް ކަމަށާއި، ދައުލަތަށް ލިބުނީ އެންމެ 65 މިލިއަނެއްހައި ޑޮލަރު ކަމަށް މަމްދޫހު ވިދާޅުވިއެވެ. އަދި ދައުލަތުގެ ހަރު މުދަލާއި ކުންފުނިތައް ވިއްކުމަކީ އަބަދުވެސް އެމްޑީޕީގެ ސިޔާސަތު ކަމަށް ވިދާޅުވެ އޭނާ ވަނީ އެމްޑީޕީގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އީގަލް ހިލްސްއާއި އިޒްރޭލާ ގުޅުވައިގެން އެމްޑީޕީން ދައްކަމުން އަންނަ ވާހަކަތަކަށް ރައްދު ދެއްވަމުން މަމްދޫހު ވިދާޅުވީ، 2008 ވަނަ އަހަރު ވެރިކަން ލިބުމުން ރާއްޖެއަށް އިޒުރޭލުން ޑޮކްޓަރުން ގެނައުމާއި، ތައުލީމީ ނިޒާމުގެ ތެރެއިން އެމީހުންނަށް ފުރުސަތުތައް ހުޅުވާލަދިން ކަމަށެވެ. އަދި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ އޮވެމެ އިޒުރޭލުގެ ޕާސްޕޯޓް މަނާކުރަން ފަސްޖެހުނު ކަމަށާއި، އެކަން ކުރީ 20 ވަނަ މަޖިލީހުގައި ޕީއެންސީގެ ސުޕަރ މެޖޯރިޓީއާއެކު މި ސަރުކާރުން ކަމަށްވެސް މަމްދޫހު ވަނީ ވިދާޅުވެފައެވެ.













