މުދައްރިސުންނަކީ ޝަރަފާއި އިއްޒަތާއެކު ގައުމީ ބޮޑު ވާޖިބެއް އަދާކުރަމުން އަންނަ ބައެއް ކަމަށް އެޑިއުކޭޝަން މިނިސްޓަރު އިސްމާޢީލް ޝަފީޢު މިއަދު ވިދާޅުވެއްޖެއެވެ.
މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި މިނިސްޓަރު ޝަފީޢު ވަނީ މުދައްރިސުންގެ ފަންނު ކުރިއެރުވުމަށް ބެލެނިވެރިންނާއި މުޖުތަމައުގެ ބައިވެރިވުމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ. މުދައްރިސުންގެ ދުވަސް ފާހަގަކުރަމުންދާއިރު ކޮންމެ މީހެއްގެ އަޒުމަކަށް ވާންޖެހޭނީ، މުދައްރިސުންގެ ފަންނު ހިމާޔަތްކުރުމާއި، އެ ފަންނުގެ ގަދަރު ހިފެހެއްޓުމަށް މުދައްރިސުންނާއެކު ސާބިތުވެ ތިބުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެ ސާބިތުކަމުގެ މަތީގައިތިބެ، ސްކޫލުތަކުގައި ދެވޭ ތައުލީމާއި ތަރުބިއްޔަތު އިތުރަށް ހަރުދަނާކުރުމުގެ އަޒުމު އާކޮށް، އެންމެން ގުޅިގެން އެ މަގުގައި ކުރާ މަސައްކަތް އިތުރުކުރުމަށްވެސް މިނިސްޓަރު އެދިވަޑައިގެންނެވިއެވެ.
މިނިސްޓަރު ޝަފީޢު ވިދާޅުވީ، މުދައްރިސުންގެ ދުވަސް ފާހަގަކުރަމުން ދާއިރު، އިލްމީ، ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމަށްޓަކައި މުދައްރިސުން އަދާކުރާ މަތިވެރި ގުރުބާނީގެ އަގުވަޒަންކުރުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ. އަދި މުޖުތަމައުގައި މުދައްރިސުންނަށް ލިބެންޖެހޭ ގަދަރާއި އިހުތިރާމު މަތިކޮށް، މުދައްރިސްކަމުގެ ދާއިރާ އިތުރަށް ތަރައްގީކޮށް ކުރިއެރުވުމަށްޓަކައި މި ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
”މުދައްރިސުންނަށް ބޭނުންވާ ޒަމާނީ އަދި ފަންނީ ތަމްރީނުތައް ފޯރުކޮށްދީ، މުދައްރިސުންނާއި ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަމަށްޓަކައި، ސްކޫލުތަކުގެ މާހައުލަކީ ރައްކާތެރި، އުފާވެރި ތަނަކަށް ހެދުމަށް ގިނަގުނަ މަސައްކަތްތަކެއް ވަނީ ކުރެވިފައި. އަދި މި މަސައްކަތްތައް އިތުރު ހަރުފަތްތަކަށް ގެންދިއުމުގައި މިނިސްޓްރީން ދެމިއޮންނާނެ ކަމުގެ ޔަގީންކަން އަރުވަން.“ – މިނިސްޓަރު ޝަފީޢު ވިދާޅުވިއެވެ.
މުދައްރިސުންގެ ވަޒީފާއަކީ ގަދަރުވެރި، މަތިވެރި ހިދުމަތެއްގެ ގޮތުގައި ބަލައިގަނެ، އެ ފަންނަށް ހައްގުވާ ލޯތްބާއި އިހުތިރާމު އަދާކުރުމުގައި ބެލެނިވެރިންގެ ފަރާތުން މިހާރަށްވުރެ ފުރިހަމަ އެއްބާރުލުމެއް ދިނުމަށް މިނިސްޓަރު ވަނީ އިލްތިމާސްކުރައްވައިފައެވެ.
ހުރިހާ ދަރިވަރުން ޝާމިލުވާނޭހެން އުނގެނުމަށް ޝައުގުވެރިކަން އުފައްދައި، ޒިންމާދާރު އަދި ރިވެތި އަހުލާގުގެ ވެރި ދަރިވަރުންތަކެއް ބިނާކުރުމަށް ކޮންމެ މުދައްރިސަކު ވެސް އަޒުމު ކަނޑައަޅަންޖެހޭކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އަމިއްލަ ފަންނީ ގާބިލުކަން އިތުރުކުރުމަށް މަސައްކަތްކުރާ، ޒަމާނީ ޓެކްނޮލޮޖީއަށް އަހުލުވެރި، އަދި ޒަމާނާ އެއްގޮތަށް އުނގަންނައިދިނުމުގެ އުސޫލުތަކަށް ހެޔޮ ބަދަލުތައް ގެނައުމަށް އަބަދުވެސް ތައްޔާރަށް ތިބޭ ބަޔަކަށް މުދައްރިސުން ވުމަށް ވެސް މިނިސްޓަރު ބާރުއެޅުއްވިއެވެ.














