މާލެ ސަރަހައްދުގެ މަގުތަކުގައި ބާރުބޮޑުވާ ވަގުތުތަކަށް އަމާޒުކޮށްގެން ދަތުރުކުރާނެ ޚާއްޞަ ބަސްތަކާއި، ސްކޫލް ކުދިންނަށް ޚާއްޞަ ”ސްކޫލް ފްރެންޑްލީ“ ބަސްތަކެއް ތަޢާރަފްކުރުމުގެ އަމަލީ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.
އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ހާމަކުރެއްވި ގޮތުގައި، މި އިގްދާމަކީ މާލޭގެ މަގުތަކަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ މާސް ޓްރާންސްޕޯޓް މޮބިލިޓީ ޕްލޭންގެ ދަށުން ކުރިއަށްދާ ކަމެކެވެ.
ރައީސް އޮފީހާއި ޕީއެސްއެމް ގުޅިގެން ބޭއްވި ”އަހާ“ ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ފާހަގަކުރެއްވީ މާލޭގެ މަގުތަކުގެ 82 އިންސައްތަ މިހާރު އޮތީ ވެހިކަލްތަކުން ތޮއްޖެހިފައި ކަމަށެވެ. އެގޮތުން މާލެ ސަރަހައްދުގައި އެކަނިވެސް 130,806 ވެހިކަލް ރަޖިސްޓްރީކޮށްފައިވާ އިރު، އޭގެ ތެރޭގައި 115,895 ސައިކަލާއި 14,911 ކާރު ހިމެނެއެވެ.
މާލެއަކީ ބިން ބޮޑުކުރެވެން ނެތް ތަނަކަށްވުމާއެކު، ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ ވެހިކަލް ރަޖިސްޓްރީކުރުން ކޮންޓްރޯލްކޮށް، އާންމު ދަތުރުފަތުރުގެ ނިޒާމަށް ރައްޔިތުން ބަރޯސާވާ މިންވަރު އިތުރުކުރުމެވެ. އެގޮތުން ހުޅުމާލޭގެ ދެ ފިޔަވައްސާއި މާލެއާ ދެމެދު ދަތުރުކުރާނެ ވަކި ބަސްތަކެއް ހަމަޖައްސައި، ފޭސް 2 އިން ވެލާނާގެ ސަރަހައްދަށާއި ގްރީން ޒޯންތަކަށް ވަކި ގަޑިތަކެއްގައި ދަތުރުތައް ބޭއްވުމަށް ވަނީ ރޭވިފައެވެ.
މީގެއިތުރުން މާލޭގެ ރިންގް ރޯޑުގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާ އިރު، ޓްރެފިކް ލައިޓް ހަރުކުރުމާއި ފުލުހުންގެ ޚިދުމަތް ފުޅާކުރުމުގެ އިތުރުން ވަކި ސީސީތަކެއްގެ އުޅަނދުތަކުން ފީ ނެގުން ފަދަ މުހިންމު ފިޔަވަޅުތަކެއް އަޅަން ވަނީ ނިންމާފައެވެ. ވަޒީރު ސަޢީދު ވިދާޅުވީ މި ފިޔަވަޅުތަކާއެކު ކުރިއަށްއޮތް ތިން އަހަރުގެ ތެރޭގައި މާލޭގެ ޓްރެފިކް މައްސަލައަށް އެދެވޭ ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށެވެ.














