މުދައްރިސުންގެ ލާބަޔާއި މަންފާއަށް އިސްކަންދީ، އެބޭފުޅުންގެ މަސައްކަތުގެ ބުރަ ލުއިކޮށްދިނުމަކީ ސަރުކާރުގެ އިސް އަމާޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އޮކްޓޫބަރު 5 ވަނަ ދުވަހު ފާހަގަކުރާ ބައިނަލްއަޤްވާމީ މުދައްރިސުންގެ ދުވަހާ ގުޅުވައިގެން މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ރައީސް މުޢިއްޒު ވިދާޅުވީ، ހިނދުން ހިނދަށް ބަދަލުވަމުންދާ ދުނިޔެއެއްގައި ކުދިންނަށް މަގުދައްކައިދިނުމުގައި މުދައްރިސުން އަދާކުރަނީ ނުހަނު މުހިންމު ދައުރެއް ކަމަށެވެ. އަދި ޤައުމުގެ މުސްތަޤުބަލަށްޓަކައި މުދައްރިސުން ކުރައްވާ ޚިދުމަތާއި، ވެވަޑައިގަންނަވާ ޤުރުބާނީގެ އިތުރުން ދައްކަވާ ސާބިތުކަމަށްޓަކައި އެ މުދައްރިސުންގެ ޢިލްމާއި ޚިދުމަތުގެ އަގުވަޒަންކޮށް، އިޚްލާޞްތެރި ޝުކުރު އަދާކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
Teachers everywhere are helping young people navigate a rapidly changing world. On World Teachers’ Day, we honour their knowledge, dedication and the lasting influence they have on our young minds, and express our heartfelt gratitude for their service, sacrifice and commitment… pic.twitter.com/9tb6DrA8Y8
— Dr Mohamed Muizzu (@MMuizzu) October 5, 2026
ރައީސް ވިދާޅުވި ގޮތުގައި މުދައްރިސުންގެ މަސްއޫލިއްޔަތު އެންމެ ފުރިހަމައަށް އަދާކުރުމަށް ބޭނުންވާ އެހީތެރިކަމާއި އެކަށީގެންވާ މާޙައުލެއް ބިނާކޮށްދިނުމަކީ އެންމެންގެ ޒިންމާއެކެވެ. އެގޮތުން، މި ސަރުކާރުން މުދައްރިސުންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް އިސްކަންދީ، އިތުރުވެފައިވާ ނުކުރެވޭވަރުގެ ބުރަ މަސައްކަތްތައް ލުއިކޮށްދިނުމަށާއި، މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް ޚާއްޞަ އިސްކަމެއް ދޭނެ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، އެންމެން ގުޅިގެން ތަޢުލީމު ދިނުމުގެ ނިޒާމު (އިންކްލޫސިވް އެޑިއުކޭޝަން) ވަރުގަދަކުރުމާއި، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އުނގަންނައިދިނުމުގައި މުދައްރިސުންގެ ޤާބިލުކަން އިތުރުކުރުމަށް ސަރުކާރުން އިސްކަންދީގެން މަސައްކަތްކުރަމުންދާ ކަމަށްވެސް ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ.
ރައީސްގެ މެސެޖު ނިންމަވާލައްވަމުން ވިދާޅުވީ، މުދައްރިސުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ކުދިންނާއި މުޅި ޤައުމުގެ ކުރިއެރުމުގެ ބިންގާ ވަރުގަދަވެގެންދާނެ ކަމެއް ކަމަށެވެ.
އެހެންކަމުން މުދައްރިސުކަމުގެ ފުރިހަމަ އަގުވަޒަންކޮށް، ތަޢުލީމީ ދާއިރާއަށް އިންވެސްޓްކޮށް، ކޮންމެ ކުއްޖަކަށްވެސް އެކުއްޖެއްގެ ފުރިހަމަ ޤާބިލުކަމަށް ދެވޭނެ ފަދަ ތަޢުލީމީ ނިޒާމެއް ބިނާކުރުމުގައި ދެމިތިބުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.














