ކުރީގެ ރައީސް މުޙައްމަދު ނަޝީދު ޑިމޮކްރަސީގެ ނަމުގައި ދައްކަވާ ވާހަކަފުޅުތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށާއި އެއީ ”ހުސް އަޑެއް“ ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ޔާމީން މި މޭރުމުން ވިދާޅުވީ، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން އައްޑޫ ސިޓީގެ ފޭދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. ނަޝީދުގެ ވެރިކަމުގައި ޑިމޮކްރަސީގެ ނަމުގައި އެކިއެކި ކަންކަން ދެއްކެވި ނަމަވެސް، ގާނޫނާ ހިލާފަށް މީހުން ހައްޔަރުކުރުން ފަދަ ކަންކަން ހިނގާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންކަމުން ނަޝީދުގެ ޑިމޮކްރަސީއަކީ ހަމައެކަނި ދެއްކުންތެރި ”ހުސް އަޑެއް“ ގެ ގޮތުގައި ޔާމީން ސިފަކުރެއްވިއެވެ.
”ނަޝީދުގެ ޑިމޮކްރަސީއަކީ ހަމަ ނޮއިސް އެމްޓީ ނޮއިސް އިނގޭތޯ.“ – ޔާމީން ވިދާޅުވިއެވެ.
މީގެ އިތުރުން ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވެރިކަން ކުރެއްވި ވައްޓަފާޅިއަށް ފާޑު ވިދާޅުވަމުން ޔާމީން ވިދާޅުވީ، ކޮވިޑް 19 ގެ އާލަމީ ވަބާއަށްފަހު ގައުމު އާރާސްތުކޮށް ތަރައްގީގެ މަސައްކަތްތައް ކުރުމަށް ލިބިވަޑައިގެންނެވި 2 އަހަރާއި ބައިގެ މުއްދަތުގައި، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް އެދެވޭ އެއްވެސް ބަދަލެއް ގެނެސްދެވިފައި ނުވާ ކަމަށެވެ. ހަމައެހެންމެ، ރާއްޖޭގެ ކުރީގެ ވެރިކަންތަކާ އަޅައިކިޔުއްވަމުން ޔާމީން ވިދާޅުވީ، ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމާއި، ކުރީގެ ރައީސް މުޙައްމަދު ވަޙީދު ޙަސަން މަނިކު ރައްޔިތުންނަށް ވެވަޑައިގެންނެވީ ފުއްދެވޭނެ ވައުދުތަކެއް ކަމަށެވެ.
އަދި އެކަމުގެ ސަބަބުން ރައްޔިތުންގެ އިތުބާރު އެބޭފުޅުންނަށް ލިބިވަޑައިގެންނެވި ކަމަށްވެސް ޔާމީން ވިދާޅުވިއެވެ. އެމަނިކުފާނުގެ އަމިއްލަފުޅު ވެރިކަމަށް އިޝާރާތްކުރައްވައި ޔާމީން ވިދާޅުވީ، ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދަވައިދެއްވި ކަމަށާއި، ނުފުއްދެވޭނެ ފަދަ ކަންކަމުގެ ވާހަކަ ދައްކަވައިގެން ރައްޔިތުންނަށް އޮޅުވާލައްވާފައި ނުވާނެ ކަމަށެވެ.














