ދެކުނު އޭޝިއާގެ ފުޓްބޯޅަ އިދާރާ (ސާފް) ގެ މުހިންމު ކޮމިޓީތަކަށް މޯލްޑިވްސް ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއެމް) ގެ ތިން މަންދޫބަކު 2026 އިން 2030 ގެ ދައުރަށް އައްޔަންކޮށް، ސަރަޙައްދީ ފުޓްބޯޅަ ހިންގުމުގައި ރާއްޖޭގެ ދައުރު ފުޅާކުރުމުގެ ފުރުޞަތު ތަނަވަސްވެއްޖެއެވެ.
ސާފްގެ ކޮމިޓީތަކަށް އައްޔަންކުރި މަންދޫބުންގެ ތެރޭގައި އެފްއޭއެމްގެ ސީނިއާ ވައިސް ޕްރެޒިޑެންޓް އަލީ އިބްރާހީމް ހިމެނިވަޑައިގަންނަވާއިރު، އޭނާ އައްޔަންކުރައްވާފައިވަނީ މުބާރާތްތަކާ ބެހޭ ސާފް ކޮމްޕެޓިޝަންސް ކޮމިޓީ އަށެވެ.
އަދި އެފްއޭއެމްގެ އެކްޒެކެޓިވް ކޮމިޓީގެ މެންބަރު ޙައްވާ ރަޝީދާ ސާފްގެ އެޑްހޮކް ވުމެންސް ކޮމިޓީއަށް އައްޔަންކުރެއްވިއިރު، އެފްއޭއެމްގެ މީޑިއާ އެންޑް ކޮމިއުނިކޭޝަންސް ކޮމިޓީގެ ޗެއާޕާސަން ޢަބްދުއްﷲ އަޒްމީން ވަނީ ސާފްގެ މާކެޓިން އެންޑް ކޮމިއުނިކޭޝަންސް ކޮމިޓީއަށް އައްޔަންކުރައްވާފައެވެ.
ސާފްގެ ދާއިމީ އަދި އެޑްހޮކް ކޮމިޓީތަކަކީ ދެކުނު އޭޝިއާ ސަރަޙައްދުގެ ފުޓްބޯޅަ ކުރިއަރުވައި، މުބާރާތްތައް އިންތިޒާމުކުރުމާއި، ސިޔާސަތުތައް އެކުލަވާލުމުގައި އެންމެ މުހިންމު ނިންމުންތައް ނިންމާ އިދާރީ ގޮފިތަކެވެ.
މީގެ ތެރެއިން ކޮމްޕެޓިޝަންސް ކޮމިޓީއަކީ ސާފް ޗެމްޕިއަންޝިޕާއި ޒުވާން އުމުރުފުރާތަކުގެ ސަރަޙައްދީ މުބާރާތްތަކުގެ ގަވާއިދުތަކާއި ތާވަލުތައް އެކުލަވާލުމުގެ މައިގަނޑު މަސްއޫލިއްޔަތު އުފުލާ ކޮމިޓީއެވެ.
އަދި މާކެޓިން އެންޑް ކޮމިއުނިކޭޝަންސް ކޮމިޓީން މީޑިއާ ރައިޓްސްއާއި ސްޕޮންސަރޝިޕްގެ ކަންކަން ބަލަހައްޓާއިރު، އަންހެނުންގެ ކޮމިޓީން މަސައްކަތްކުރަނީ ސަރަޙައްދުގައި އަންހެން ފުޓްބޯޅަ ފުޅާކޮށް ކުރިއެރުވުމަށެވެ.
އެފްއޭއެމްއިން ވަނީ ސާފްގެ ތަފާތު ކޮމިޓީތަކަށް އައްޔަންވި މަންދޫބުންނަށް މަރުޙަބާ ކިޔައި، ކުރިއަށް އޮތް ހަތަރު އަހަރުގެ ދައުރުގައި ދެކުނު އޭޝިއާގެ އިތުރުން ދިވެހި ފުޓްބޯޅަ ތަރައްޤީކުރުމަށް އެ ބޭފުޅުން ކުރައްވާ މަސައްކަތްތަކުގައި ކާމިޔާބީއަށް އެދިފައެވެ.













