ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ މެންބަރުކަމުގެ މަގާމަށް ހ. މީނާޒް، އަލްއުސްތާޛު ޝަމްޢޫން ޙަމީދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އައްޔަންކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އެޗްއާރްސީއެމްގެ މެންބަރުކަމުގެ ހުވައި ޝަމްޢޫން ޙަމީދަށް ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމެވެ. އަދި މި މަގާމަށް އައްޔަންކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އޭނާއަށް އަރުއްވައިފައެވެ.
ޝަމްޢޫން ޙަމީދަކީ މީގެކުރިންވެސް އެޗްއާރްސީއެމްގައި އަގުހުރި ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން، 2010 އިން 2012 އަށް އެ ކޮމިޝަނުގެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ޑިރެކްޓަރުގެ މަގާމު އަދި 2012 އިން 2016 އަށް ސެކްރެޓަރީ ޖެނެރަލްގެ މަގާމު އޭނާ ވަނީ އަދާކުރައްވާފައެވެ. މީގެއިތުރުން، ޔުނިވަރސަލް ޕީރިއަޑިކް ރިވިއު (ޔޫޕީއާރް) ރިޕޯޓު އެކުލަވައިލުމުގައި ކޮމިޝަނުގެ ފޯކަލް ޕޮއިންޓެއްގެ ގޮތުން މަސައްކަތް ކުރެއްވުމާއި، ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތައުލީމު ހާސިލުކުރުމަށް ހުރި ފުރުސަތުތަކާ ބެހޭގޮތުންނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ގުޅޭގޮތުން ގައުމީ ފެންވަރުގައި ހިންގުނު ދިރާސާތަކުގައި އިސް ދައުރެއް އަދާކުރައްވާފައިވެއެވެ.
އެޗްއާރްސީއެމްގެ މެންބަރު ކަމަށް އައްޔަންކުރެއްވުމުގެ ކުރިން ޝަމްޢޫން ޙަމީދު ހުންނެވީ ހެރިޓޭޖް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުގައެވެ.














