ނިމިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އަށް ކިރުވި މަހަށް، މަސްވެރިންނަށް 27.3 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު ޖުމްލަ 453 ދޯންޏަކުން އެ ކުންފުންޏަށް މަސް ކިރުވާފައިވެއެވެ. އެގޮތުން ޖުމްލަ 1،288.42 ޓަނުގެ މަސް ކިރުވާފައިވާއިރު، މި މަހަށްވާ ފައިސާގެ ގޮތުގައި މަސްވެރިންނަށް 27،323،275 ރުފިޔާ ވަނީ ދޫކޮށްފައެވެ. މިދިޔަ މަހު ކިރުވި މަހުގެ ތަފްސީލަށް ބަލާއިރު، އެންމެ ގިނައިން ކިރުވާފައިވަނީ ކަޅުބިލަމަހެވެ. އެގޮތުން 451 ދޯންޏަކުން 1،284.1 ޓަނުގެ ކަޅުބިލަމަސް ކިރުވާފައިވާއިރު، އެ މަހަށްވާ 27،226،550 ރުފިޔާ ވަނީ ދޫކޮށްފައެވެ.
މީގެއިތުރުން، ކަންނެލީގެ ބާވަތްތަކަށް ބަލާއިރު 10 ކިލޯއިން މަތީގެ 0.5 ޓަނުގެ ކަންނެލި 1 ދޯނިން ކިރުވައި 900 ރުފިޔާ ދޫކޮށްފައިވެއެވެ. އަދި 15 ކިލޯއިން މަތީގެ 3.8 ޓަނުގެ ކަންނެލި 5 ދޯންޏަކުން ކިރުވާފައިވާއިރު، އެ ދޯނިތަކަށް 95،825.00 ރުފިޔާ ވަނީ ދޫކޮށްފައެވެ. ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ މިހާތަނަށް މަސްވެރިންނަށް އެންމެ ގިނައިން ފައިސާ ދޫކޮށްފައިވަނީ ނިމިދިޔަ އޭޕްރީލް މަހުގައެވެ. އެ މަހު މަސްވެރިންނަށް 78.8 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. އަދި މިއަހަރު އެންމެ މަދުން ފައިސާ ދޫކުރެވުނީ ޖޫން މަހުގައެވެ. އެއީ 11.3 މިލިއަން ރުފިޔާއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށާއި މަސްވެރިން ބާރުވެރިކުރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ގަވާއިދުން ފައިސާ ދޫކުރުމަށް ސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް މިހާރު ދަނީ އަމަލުކުރަމުންނެވެ.
މިއީ މަސްވެރިންގެ ޒަމާންވީ ޝަކުވާތަކަށް ލިބިގެންދިޔަ ބޮޑު ހައްލެއްކަން ފާހަގަކޮށްލަންޖެހެއެވެ.














