ޑެސްޓިނޭޝަން ޕްރިންސިޕަލްގެ އުސޫލުން ޓީޖީއެސްޓީ ގާނޫނަށް ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ނިންމައިފިއެވެ. ސަރުކާރުގެ މި ނިންމުން ހާމަކުރެއްވީ ގައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު މުޙައްމަދު އަމީންއެވެ.
ބޭރުގެ ޓުއަރ އޮޕަރޭޓަރުންގެ އަތުން ޖީއެސްޓީ ނެގުން ލާޒިމުކުރުމަށްޓަކައި މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ގެނައި އިސްލާހުތައް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިދިޔަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު ތަސްދީގުކުރައްވާފައެވެ. މި އިސްލާހުގެ ދަށުން، ރާއްޖޭގައި ”ޑެސްޓިނޭޝަން ޕްރިންސިޕަލް“ ތަންފީޒުކުރުމަށްޓަކައި، ރާއްޖެއިން ބޭރުގެ އޮފްޝޯ ބުކިންގ ޕްލެޓްފޯމުތަކާއި، ބޭރުގެ ޓުއަރ އޮޕަރޭޓަރުން އަދި ޓްރެވަލް އެޖެންޓުން ފޯރުކޮށްދޭ މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ އުސޫލުތައް ވަނީ ކަނޑައަޅައިފައެވެ.
ފަތުރުވެރިކަމުގެ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ، ވޭތުވެދިޔަ 2 މަހެއްހައި ދުވަހުގެ ތެރޭގައި މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް މުހިންމު ބަދަލުތަކެއް ގެނެވިފައިވާ ކަމަށެވެ. އެގޮތުން އެ ބަދަލުތަކަކީ ޑެސްޓިނޭޝަން ޕްރިންސިޕަލްގެ އުސޫލުން ޓީޖީއެސްޓީ ދެއްކުމުގައި އިތުރު ބައިތަކެއް ހިމަނައިގެން ގެނައި ބަދަލުތަކެއް ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މީގެއިތުރުން މިނިސްޓަރު ވިދާޅުވީ، މި ބަދަލުތަކާ ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށާއި، އެ ކަންކަމަށް ސަރުކާރުން ރިއާޔަތްކުރަމުންދާ ކަމަށެވެ.
”މިކަމާ އެކީގައި އިންޑަސްޓްރީގެ ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަން އަޅުގަނޑުމެންނަށް ފާހަގަކުރެވުނު އަދި ޓްރެވެލް އެޖެންޓުންގެ ކަންބޮޑުވުންތަކެއްވެސް ހުރިކަން ފާހަގަކުރެވުނު. އެއީ މުއްދަތާއި ގުޅިގެންނާއި އަދި ބައެއް މިކަމުގައި ހުރި ސަބަބުތަކުގެ ތެރޭގައި. މިކަމާއި ގުޅިގެން އިންޑަސްޓްރީގެ އިސްފަރާތްތަކުންނާއި އަދި ޓްރެވެލް އެޖެންޓުންގެ ވަރަށް ގިނަ ފަރާތްތަކުން ރައީސްގެ އަރިހަށް ވަނީ ގިނަ ރިކުއެސްޓްތަކެއް ފޮނުއްވާފައި. މިވަގުތު ރައީސް ނިންމަވާފައިވަނީ ޑެސްޓިނޭޝަން ޕްރިންސިޕަލްގެ އުސޫލުން ޓީޖީއެސްޓީ ގާނޫނަށް ވަރަށް އަވަހަށް ބަދަލުތަކެއް ގެނައުމަށް.“ – މިނިސްޓަރު ވިދާޅުވިއެވެ.
ގާނޫނަށް އޭރު ގެނައި އިސްލާހުގައި ޖީއެސްޓީ ނެގުން ލާޒިމުވާ ކަންކަމުގެ ތެރޭގައި، ޓެކްސް ނެގޭ ހަރަކާތް ހިންގާ ވިޔަފާރީގެ ދާއިމީ ތަނެއް ރާއްޖޭގައި ނެތް ނަމަވެސް، ރާއްޖޭގައި އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓެއް ފޯރުކޮށްދިނުން ހިމަނާފައިވެއެވެ. އެ ބިލުގައި އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓުގެ ގޮތުގައި މާނަކޮށްފައިވަނީ ރާއްޖޭގައި ހިންގާ އެކޮމޮޑޭޝަނާއި، ކެއިންބުއިމުގެ ހިދުމަތްތަކާއި، ދަތުރުފަތުރުގެ އިތުރުން ފަތުރުވެރިކަމާ ގުޅުންހުރި އެހެނިހެން ހަރަކާތްތަކެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މި ބިލުގައި ލަފާކޮށްފައިވާ ގޮތުގައި، ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނަގަން ފެށުމުން ދައުލަތަށް އަހަރަކު ގާތްގަނޑަކަށް 1.61 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބޭނެއެވެ. އޭގެ ތެރޭގައި ހިމެނެނީ ބޭރުގެ ޓްރެވަލް އެޖެންޓުންގެ އަތުން ލިބޭނެ ކަމަށް އަންދާޒާކުރާ 299.3 މިލިޔަން ރުފިޔާއާއި، ފޮރިން ޓުއާ އޮޕަރޭޓަރުންގެ އަތުން ލިބޭނެ ކަމަށް ލަފާކުރާ 1.3 ބިލިޔަން ރުފިޔާއެވެ.













