އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ 5 ވަނަ ކޮންގްރެސް ނިމިގެންދިޔައީ އިންތިޒާމީ ބޮޑެތި ފޭލިވުންތަކަކާއި ގާނޫނީ ގޮތުން އުފެދުނު ބޮޑެތި ސުވާލުތަކަކާއެކުގައެވެ. ސިޔާސީ ގޮތުން އެންމެ ތަޖުރިބާކާރު ޕާޓީގެ ގޮތުގައި ވަކާލާތުކުރާ އެމްޑީޕީއަށް އަމިއްލަ ކޮންގްރެސް ބާއްވާނެ އެކަށީގެންވާ އަމިއްލަ ތަނެއް ނުވަތަ ވަސީލަތެއް ދުރާލައި ހޯދައިނުގަނެވި، ދައުލަތުގެ މުދަލާއި ރައްޔިތުންގެ ހިދުމަތްތަކަށް ހާއްސަކޮށްފައިވާ އިމާރާތްތަކަށް ބަރޯސާވާންޖެހުމަކީ އެ ޕާޓީގެ ހިންގުން ބަލިކަށިވެފައިވާ މިންވަރު ހާމަވި ކަމެކެވެ.
އެމްޑީޕީން ކައުންސިލްގެ އިމާރާތުގައި ކޮންގްރެސް ބޭއްވީ އެހެން ތަނެއް ނުލިބިގެން ކަމަށް ބުނި ނަމަވެސް، މިއީ ސިޔާސީ ބޮޑު ހަރަކާތެއް ރޭވުމުގައި އޮތް އިހުމާލާއި ދުރާލައި ތައްޔާރުނުވުމުގެ ނަތީޖާއެވެ.
އެމްޑީޕީގެ ކޮންގްރެސް މާލެ ސިޓީ ކައުންސިލްގެ އާންމު ހިދުމަތްތަކާ ބެހޭ ބައިގައި ބޭއްވުމާ ގުޅިގެން އެލްޖީއޭއިން މާލެ ސިޓީ ކައުންސިލަށް ފޮނުވި ސިޓީގައި ވަނީ އެކަން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލް ސޮއިކުރައްވައި ފޮނުއްވި ސިޓީގައި ބަޔާންކުރައްވާފައިވަނީ، ސިޔާސީ ވަކި ފިކުރެއް ޕްރޮމޯޓުކުރަން ކައުންސިލްތަކުގެ މުދަލާއި އާންމު ހިދުމަތްތަކަށް ކަނޑައަޅާފައިވާ ބިންތައް ބޭނުންކުރުމަކީ ލާމަރުކަޒީ ގާނޫނާ މުޅިން ހިލާފު ކަމެއް ކަމަށެވެ.
ކައުންސިލް އިދާރާތަކަކީ ރައްޔިތުން ހިދުމަތް ހޯދުމަށް އަންނަ މުހިންމު ތަންތަން ކަމަށްވާތީ، އެފަދަ ތަންތަނުގައި ސިޔާސީ ހަރަކާތްތައް ހިންގުމަކީ ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދި، ކައުންސިލްތަކަށް އޮންނަ އިތުބާރު ގެއްލޭނެ ކަމެއް ކަމަށާއި، މިއީ ކައުންސިލަރުންގެ ސުލޫކީ މިންގަނޑާވެސް ހިލާފު އަމަލެއް ކަމަށް އެލްޖީއޭއިން ވަނީ ކަނޑައަޅައިފައެވެ.
އެމްޑީޕީގެ އިދާރީ އަދި ގާނޫނީ ފޭލިވުންތަކާ މުޅިން ހިލާފަށް، ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ވަނީ ސިޔާސީ ޕާޓީއެއްގެ ކޮންގްރެސް އިންތިޒާމުކުރުމުގައި ތާރީހީ ނަމޫނާއެއް ދައްކައިފައެވެ. ޕީއެންސީގެ ކޮންގްރެސްގެ ފެށުމުގައި އަތް ނަގައިގެން ވޯޓުލާން އުޅުމުން ބައެއް ފާޑުކިޔުންތައް އަމާޒުވި ނަމަވެސް، އެ ޕާޓީން ވަނީ ވަގުތުން އެކަމަށް އިޖާބަދީ، އިދާރީ މައްސަލަތައް ހައްލުކުރުމުގެ ގާބިލުކަން ދައްކުވައިދީފައެވެ. ޕީއެންސީ އިން ވަނީ ވަގުތުން ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފައި، ހާއްސަ ޑިޖިޓަލް ޕޯޓަލްއެއް މެދުވެރިކޮށް ވޯޓުލުމުގެ ކަންކަން ކުރިއަށްގެންގޮސްފައެވެ. އެއާއެކު، ވޯޓުލުމުގެ މުޅި މަރުހަލާ ވަނީ ނުހަނު އޮމާންކޮށް، އަވަސްކޮށް އަދި ދެފުށް ފެންނަ ގޮތުގައި ނިންމާލައިފައެވެ.
ޕީއެންސީގެ ކޮންގްރެސްގެ ފެށުމުގައި މުހިންމު ނިންމުންތައް ނިންމުމަށް އަތްއުފުލައިގެން ވޯޓުލާން އުޅުމުން، އެމްޑީޕީގެ އިސްސަފުގައި ތިއްބެވި ބޭފުޅުން ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، މީސްމީޑިއާގައާއި ހަޖޫޖައްސަވައިފައެވެ. ޑިމޮކްރެޓިކް ހަމަތަކާ ހިލާފަށް އަތްއުފުލައިގެން ވޯޓުލާން އުޅުމަކީ ގަދީމީ އަދި ދެފުށް ނުފެންނަ ގޮތެއް ކަމަށް ބުނެ އެމްޑީޕީގެ ސީނިއާ އޮފިޝަލުން ވަނީ ޕީއެންސީއަށް ވަރަށް ބޮޑަށް މަލާމާތްކުރައްވައި، އެއީ ޕާޓީގެ އެތެރޭގެ ޑިމޮކްރަސީ ނެތްކަމުގެ ހެކިދެއްކެވުމެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ. ނަމަވެސް، އެ ފާޑުކިޔުންތަކާއެކު ޕީއެންސީން ވަނީ ވަގުތުން އެ ނިޒާމު ބަދަލުކޮށް، ޒަމާނީ ޑިޖިޓަލް ޕޯޓަލްއެއް މެދުވެރިކޮށް ވޯޓުލުން އޮމާންކޮށް ކުރިއަށްގެންގޮސް، އިދިކޮޅުގެ ހަޖޫޖެހުންތަކަށް ޓެކްނޮލޮޖީގެ އެހީގައި ފުރިހަމަ ޖަވާބެއް ދީފައެވެ.
އެހެންނަމަވެސް، އެމްޑީޕީގެ ކޮންގްރެސްގެ ތެރެއިން ފެނިގެންދިޔައީ ޑިމޮކްރަސީގެ އުސޫލުތަކާ މުޅިން ހިލާފު، ޚުދުމުހުތާރު ސިފަތަކެކެވެ. އެގޮތުން، ޕާޓީގެ އާންމު މެންބަރުންގެ އަޑުއެހުމެއް ނެތި، ވަކި ބަޔަކު ބޭނުންވާ ގޮތަށް ގަރާރުތަކާއި ނިންމުންތައް އަވަސްއަރުވާލައިގެން ފާސްކުރަން އުޅުމާއި، ޕާޓީގެ އެތެރޭގެ ހިޔާލުތަފާތުވުންތަކަށް ފުރުސަތު ނުދީ ވަކި ބޭފުޅުންތަކެއްގެ ނުފޫޒުގެ ދަށުން ކަންކަން ނިންމެވުން ހިމެނެއެވެ. ނަތީޖާއެއްގެ ގޮތުން ޕާޓީގެ އާންމު މެންބަރުންގެ މެދުގައި އަރައިރުން އުފެދި ޒުވާބުކޮށް ގަޔަށް އަތްލާ ހިސާބަށް ކަންކަންވަނީ ގޮސްފައެވެ.
އެމްޑީޕީއަށް އަމިއްލަ ހަރަކާތެއް ބާއްވާނެ އެކަށީގެންވާ އަމިއްލަ ތަނެއް ހޯދައިނުގަނެވި، ގާނޫނާ ހިލާފަށް ދައުލަތާއި ކައުންސިލްގެ ވަސީލަތްތަކަށް ބަރޯސާވާންޖެހި، ސުލޫކީ މިންގަނޑުތަކާ ހިލާފުވިިއިރު، ޕީއެންސީ އިން ވަނީ ގޮންޖެހުންތަކަށް އަވަސް ހައްލު ހޯދައި، ޓެކްނޮލޮޖީގެ އެހީގައި އިންތިޒާމު ހުރި، ސާފު އަދި ނަމޫނާ ކޮންގްރެހެއް ބާއްވައި ސިޔާސީ މައިދާނުގައި ހަގީގީ ތަފާތު ދައްކައިފައެވެ.




