ދިވެހި ޖީޕީޓީއަށް އިތުރު ކުރެވުނު ޓެކްސްޓް ޓު ސްޕީޗް ޚިދުމަތުގައި ބޭނުންކުރި މަރުޙޫމް ހާޖަރާގޭ މުޙައްމަދު ތަޢުފީޤުގެ އަޑު، އެ ޕްލެޓްފޯމުން އުނިކުރުމަށް ޖަވާބު ޕްރައިވެޓް ލިމިޓެޑުން ނިންމައިފިއެވެ.
އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކީރިތި ރަސޫލާގެ ސީރަތު ޕްރޮގްރާމް ހުށަހަޅައިދެއްވި މަރުޙޫމް ތަޢުފީޤުގެ އަޑު އަޞްލަކަށް ބަލައިގެން ތައްޔާރުކުރި ސީރަތު އަޑު ދިވެހި ޖީޕީޓީން މިހާރުވާނީ އުނިކޮށްފައި ކަމަށެވެ.
ޖަވާބު ކުންފުނިން ހާމަކުރި ގޮތުގައި، މި އަޑު ދިވެހި ޖީޕީޓީއަށް ގެނައުމަށްޓަކައި ހަމަޖައްސަންޖެހޭ ރަސްމީ ލައިސަންސްތައް ހޯދައި، ނަހަމަ ގޮތުގައި އެ އަޑު ބޭނުންކުރުން ހުއްޓުވުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅާފައިވާނެއެވެ. ނަމަވެސް، މި ޚިދުމަތާ ގުޅިގެން މަރުޙޫމުގެ ޢާއިލާގެ ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކުރެވިފައިވާތީ، ޢާއިލާގެ އިޙްޞާޞްތަކަށް ފުރިހަމައަށް އިޙްތިރާމްކުރުމުގެ ގޮތުން އެ އަޑު އުނިކުރަން ނިންމީއެވެ.
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި ވޮއިސް ކްލޯނިންގއާ ގުޅުންހުރި ކޮޕީރައިޓް މައްސަލަތަކަކީ ރާއްޖެއާއި މުޅި ދުނިޔޭގައިވެސް މުޅިން އާ ޤާނޫނީ ސުވާލުތަކެއް އުފެދެމުންދާ މައްސަލަތަކެއްކަން ފާހަގަކޮށް، ޖަވާބު ކުންފުނިން ބުނީ އެ ކުންފުނިން އަބަދުވެސް އިސްކަންދެނީ ޤާނޫނީ އިމުގެ އިތުރުން އެތިކަލީ ނުވަތަ އަޚްލާޤީ ގޮތުންވެސް އެންމެ މަތީ މިންގަނޑުތައް ހިފެހެއްޓުމަށް ކަމަށެވެ.
މިކަމުގެ ސަބަބުން މަރުޙޫމުގެ ޢާއިލާއަށް ލިބުނު އެންމެހައި ހިތްހަމަނުޖެހުންތަކަށް ނުހަނު އިޚްލާޞްތެރިކަމާއެކު މާފަށް އެދޭކަމަށް ޖަވާބު ޕްރައިވެޓް ލިމިޓެޑުން ވަނީ ބުނެފައެވެ. އަދި މި މައްސަލައިގައި އެންމެހައި ފަރާތްތަކުން ދެއްވި އެއްބާރުލުމަށް އެ ކުންފުނިން ވަނީ އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކޮށްފައެވެ.














