ފަތުރުވެރިކަމުގެ ސިނާއަތަކީ ބައިނަލްއަގުވާމީ ދުނިޔެއާ ރާއްޖެއާއި ގުޅުވައިދީ، ގައުމުގެ އިގްތިސާދުގެ މައިބަދަ ވަރުގަދަކޮށްދޭ އެންމެ މުހިންމު ބާރު ކަމަށް ޓޫރިޒަމް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަމީން މި މޭރުމުން ވިދާޅުވީ، ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާ މެދުވެރިކުރައްވައި ހިއްސާކުރެއްވި މެސެޖެއްގައެވެ. މިނިސްޓަރު ވިދާޅުވީ، ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލްގެ ޝަރަފު މެދުކެނޑުމެއްނެތި ރާއްޖެއަށް ލިބެމުންދަނީ، މި ސިނާއަތުގައި ހަރަކާތްތެރިވާ ހީވާގި މުވައްޒަފުންނާއި ހިއްސާދާރުންގެ ބުރަ އަދި އިހުލާސްތެރި މަސައްކަތުންކަން ފާހަގަކުރައްވައި، މިނިސްޓަރު އެ ފަރާތްތަކަށް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރައްވައިފައެވެ.
On National Tourism Day, I extend my warmest wishes to all our industry partners and every individual whose dedication has helped make the Maldives the world’s number one destination.
As Maldivians, we take immense pride in our tourism industry. It connects us to the world,… pic.twitter.com/gno5ztvFxc
— Mohamed Ameen (@ameen3d) October 3, 2026
މިނިސްޓަރުގެ މެސެޖުގައި، ފަތުރުވެރިކަމުގެ ސިނާއަތަކީ ކޮންމެ ދިވެއްސަކުވެސް ނުހަނު ފަހުރުވެރިވާ، ރާއްޖެއާއި ބޭރު ދުނިޔެ ގުޅުވައިދޭ މައިގަނޑު ފާލަން ކަމުގައި ސިފަކުރެއްވިއެވެ. އަދި މިއީ އިގްތިސާދީ ގޮތުން ދިވެހި ރައްޔިތުންނަށް އިންގިލާބީ ކުރިއެރުންތަކަކާއި ފަހި ފުރުސަތުތަކެއް ފަހިކޮށްދޭ އަގުހުރި ސިނާއަތެއްކަން ހަނދާންކޮށްދެއްވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކޮށް، އާ އުސްމިންތަކަކަށް ވާސިލުކުރުމަށްޓަކައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން އަބަދުވެސް ލިބެމުންދާނެ ކަމަށެވެ.
ރާއްޖޭގައި ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރަކުވެސް ފާހަގަކުރަމުން އަންނަނީ އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހެވެ. މި ތާރީހަކީ 1972 ވަނަ އަހަރުގެ އޮކްޓޫބަރު 3 ވަނަ ދުވަހު ރާއްޖޭގެ އެންމެ ފުރަތަމަ ރިސޯޓު ކަމަށްވާ ކުރުނބާ މޯލްޑިވްސް ރިސޯޓު ހުޅުވައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ބިންގާ ރަސްމީކޮށް އެޅިގެންދިޔަ ތާރީހީ ދުވަހެވެ.
ފާއިތުވެދިޔަ 50 އަށްވުރެ ގިނަ އަހަރުދުވަހުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ވަނީ ބޮޑެތި ކުރިއެރުންތަކަކާއި އިންގިލާބީ ބަދަލުތަކެއް އައިސްފައެވެ. އެގޮތުން، ރިސޯޓުތަކުގެ އިތުރުން ގެސްޓްހައުސް، ސަފާރީ އަދި ހޯމްސްޓޭގެ ހިދުމަތްތައް ތައާރަފުވެ، ރަށްރަށުގެ އާންމު ރައްޔިތުންނަށް މި ސިނާއަތުގެ މަންފާ ސީދާ ގޮތެއްގައި ލިބޭނެ ފުރުސަތު ވަނީ ފުޅާވެފައެވެ. އަދި ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދެވޭ އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާ ވޯލްޑް ޓްރެވަލް އެވޯޑްސްގެ ”ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަން“ ގެ މަގާމު ވިދިވިދިގެން އެތައް ފަހަރަކު ރާއްޖެއިން ކާމިޔާބުކޮށްފައިވުމަކީ، ދުނިޔޭގެ ފެންވަރުގައި ރާއްޖެ ހޯދާފައިވާ މަގުބޫލުކަމާއި ކާމިޔާބީ ހާމަކޮށްދޭ އަލިގަދަ ހެއްކެކެވެ.
ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރަމުންދާއިރު، ޓޫރިޒަމް މިނިސްޓްރީގެ އެންމެފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އަހަރުގެ މިހާތަނަށް 1.6 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މީގެތެރެއިން، މިހާރު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ މާކެޓެއްގެ ގޮތުގައި ފާހަގަކުރެވެނީ ޗައިނާއެވެ.














