ޣައްޒާއަށް ބޭނުންވާ ޞިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އިސްތިއުމާރީ ވެރިކަން، އިޒްރޭލުން ގަސްތުގައި ހުރަސްއަޅައި ލަސްކުރަމުންދާތީ، އެކަމުގެ ސަބަބުން ނުރައްކާތެރި ނަތީޖާތަކަކާ ކުރިމަތިލާންޖެހިދާނެ ކަމުގެ އިންޒާރު ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އިން ދީފިއެވެ.
ޑަބްލިއުއެޗްއޯ އިން ހާމަކުރި ގޮތުގައި، ޣައްޒާއަށް ވައްދަން އުޅޭ ބޮޑެތި ޞިއްޙީ އެހީގެ ޝިޕްމަންޓްތަކަށް އިޒްރޭލުގެ ހުއްދަ ލިބެން އެވްރެޖްކޮށް 74 ދުވަސް ނަގައެވެ. ބޭހުގެ ބާވަތްތަކަށް ހުއްދަ ދިން ނަމަވެސް، އެކްސް-ރޭ މެޝިން، ސްޓެރިލައިޒްކުރާ ސާމާނު، އަދި ސީޓީ ސްކޭނަރުގެ ބައިތައް ފަދަ މުހިންމު ސާމާނު އެތެރެކުރުމަށް އިޒްރޭލުން ދަނީ އެއްވެސް ސަބަބެއް ބަޔާންކުރުމެއްނެތި ހުރަސްއަޅަމުންނެވެ.
މުހިންމު ސާމާނު ނުލިބުމާއި، ދެމުންދާ ޙަމަލާތަކުގެ ސަބަބުން ޣައްޒާގެ އެއްވެސް ހޮސްޕިޓަލެއް މިހާރު ފުރިހަމައަށް އޮޕަރޭޓް ނުކުރެވޭކަމަށް ޑަބްލިއުއެޗްއޯގެ މަންދޫބު ރެއިންހިލްޑޭ ވެން ޑި ވިއަރޑް މައުލޫމާތު ދިނެވެ. އެއްވެސް ހުރަހެއް ނެތި، ގިނަ ބޯޑަރުތަކެއް މެދުވެރިކޮށް ޣައްޒާއަށް ޞިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގު ތަނަވަސްކޮށްދިނުމަށް އެ ޖަމްޢިއްޔާއިން ވަނީ ގޮވާލާފައެވެ.














