ރާއްޖޭގެ އާބާދީގެ ސިއްހީ ހާލަތާ ގުޅޭ އެންމެފަހުގެ މައުލޫމާތުތައް އެއްކުރުމަށްޓަކައި ހިންގުމަށް ހަމަޖެހިފައިވާ ”މަލްޓިޕްލް އިންޑިކޭޓަރ ކްލަސްޓަރ ސާވޭ“ 2027 ވަނަ އަހަރުގެ ކުރީކޮޅު ފެށުމަށް ތައްޔާރުވަމުންދާކަމަށް ހެލްތް މިނިސްޓަރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޤީލާ މި މޭރުމުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ، މިއީ އާބާދީގެ ސިއްހީ ހާލަތުގެ އިތުރުން، ކުޑަކުދިންގެ ރައްކާތެރިކަމާއި ތައުލީމު ފަދަ 100 އަށްވުރެ ގިނަ މިންގަނޑަށް ބަލައިގެން، ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް މައުލޫމާތު އެއްކުރެވޭނެ، ގައުމީ ފެންވަރުގެ ބޮޑު ދިރާސާއެއް ކަމަށެވެ.
މި ސާވޭ ކުރިއަށްގެންދިއުމަށް ބޮޑު ހޭދައެއް ކުރަންޖެހޭކަން ފާހަގަކުރައްވަމުން މިނިސްޓަރު ޤީލާ ވިދާޅުވީ، ދައުލަތުގެ ބަޖެޓުން 150 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އަންދާޒާކުރެވޭއިރު، މި މަސައްކަތަށް ދައުލަތުގެ ބަޖެޓުގެ އިތުރުން، ޔުނިސެފް އާއި ޑަބްލިޔުއެޗްއޯގެ މާލީ އަދި ފަންނީ އެހީތެރިކަން ލިބޭނެ ކަމަށެވެ. މިވަގުތު ކުރިއަށްދަނީ ސާވޭގައި ބޭނުންކުރާނެ ސުވާލުތައް އެކުލަވާލުމާއި، ސާވޭ ހިންގާނެ ރަށްތަކާއި ބައިވެރިވާނެ ފަރާތްތައް ކަނޑައެޅުމުގެ އިދާރީ މުހިންމު މަސައްކަތްތައްކަމަށް ޤީލާ ވިދާޅުވިއެވެ.
މި ސާވޭގެ ތެރެއިން އާބާދީގެ ތެރޭގައި ހުރި ސިއްހީ ތަފާތު މައްސަލަތަކާއި، ނަފްސާނީ ސިއްހަތާ ގުޅޭ މައުލޫމާތުގެ އިތުރުން، އެކި ބަލިތައް އުޅޭ ނިސްބަތް ސާފުކޮށް ދެނެގަނެވޭނެއެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، ސާވޭގެ ކަންކަން ކުރިއަށްގެންގޮސް، އަންނަ އަހަރުގެ މެދެއްހާ ތަނުގައި އެކުލަވާލެވޭ ފައިނަލް ރިޕޯޓް ނިންމައި އާންމުކުރެވޭނެއެވެ.
ޔުނިސެފްގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މި ދިރާސާއަކީ، ރާއްޖޭގެ ދުރުރާސްތާގެ ސިޔާސަތުތައް ކަނޑައެޅުމަށާއި، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރެވޭ މިންވަރު ދެނެގަތުމަށް ބޭނުންވާ ތަފާސްހިސާބުތައް އަދާހަމަކުރުމަށްޓަކައި މުހިންމު ދިރާސާއެކެވެ.
ރާއްޖޭގައި މިކްސް ސާރވޭ ކުރިން ހިންގާފައިވަނީ 1996 އަދި 2001 ވަނަ އަހަރުއެވެ. އޭގެ ފަހުން ގައުމީ ފެންވަރުގައި ކުރެވުނު އެންމެ ބޮޑު ސިއްހީ ދިރާސާއަކީ 2016 އިން 2017 އަށް ކުރިއަށްގެންދެވުނު ”ޑިމޮގްރަފިކް ހެލްތު ސާރވޭ“ އެވެ. އާންމުކޮށް ކޮންމެ 5 އަހަރަކުން އެއްފަހަރު ޑިމޮގްރަފިކް ހެލްތު ސާވޭ ހިންގުމަށް ޖެހިފައިވީ ނަމަވެސް، 2022 އިން 2024 އަށް އެ ސާވޭ ހިންގުމަށް ހެލްތް މިނިސްޓްރީން ކުރި މަސައްކަތަށް ބަޖެޓު ހޯދުމުގައި ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. އަދި 2025 ވަނަ އަހަރުން ފެށިގެން ބައިނަލްއަގުވާމީ ޑިމޮގްރަފިކް ހެލްތު ސާރވޭގެ ޕްރޮގްރާމްތައް ހުއްޓާލުމާ ގުޅިގެން، ރާއްޖޭގެ ސިއްހީ މައުލޫމާތު އަދާހަމަކުރުމަށްޓަކައި މިފަހަރުގެ ”މިކްސް ސާވޭ“ ގެ ތެރޭގައި ނަފްސާނީ ސިއްހަތާއި، ބޯފެނުގެ ފެންވަރު ބެލުމުގެ ބައިތައް ވަނީ ހިމަނައިފައެވެ.
މީގެއިތުރުން، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިސްނަގައިގެން ކުރިއަށްގެންދާ ”މައިކްރޮނިއުޓްރިއެންޓް ސާވޭ“ ގެ ބައިތައްވެސް މި ސާވޭއާ އެއްކޮށްލައިގެން، އެއް ދިރާސާއެއްގެ ގޮތުގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.














