ޅ. ނައިފަރު ކައުންސިލުން އިންތިޒާމުކޮށްގެން މި މަހުގެ 2 އިން 3 އަށް އެ ރަށުގައި ކުރިއަށްގެންދިޔަ ”ނައިބޮލި ބިޒްނަސް އެކްސްޕޯ“ ގައި، ފިޝަރީޒް މިނިސްޓްރީން ބައިވެރިވެއްޖެއެވެ.
މި އެކްސްޕޯއަކީ ނައިފަރުގެ ވިޔަފާރިވެރިންނާއި، ކުދި ވިޔަފާރިތަކާއި، އުފެއްދުންތެރި ފަރާތްތަކަށް، އެ ފަރާތްތަކުގެ އުފެއްދުންތަކާއި ހިދުމަތްތައް ޕްރޮމޯޓްކޮށް، މާކެޓްކޮށް، ވިއްކުމުގެ އިތުރުން ވިޔަފާރި ފުޅާކުރުމުގެ ފުރުސަތުތައް ހޯދައިދިނުމުގެ މަގުސަދުގައި ކުރިއަށްގެންދިޔަ މުހިންމު ޕްލެޓްފޯމެކެވެ. މި އެކްސްޕޯގައި، މިނިސްޓްރީން ބައިވެރިވީ އާންމުންނާ ގުޅުންބަދަހިކޮށް، ދަނޑުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް މިނިސްޓްރީން ކުރަމުންދާ މުހިންމު މަސައްކަތްތައް ދައްކާލުމުގެ މަގުސަދުގައެވެ
ފިޝަރީޒް މިނިސްޓްރީގެ ސްޓޯލަށް ޒިޔާރަތްކުރި ގިނަ ފަރާތްތަކަށް ވަނީ ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާއިން މިނިސްޓްރީން ފޯރުކޮށްދޭ ހިދުމަތްތަކާ ބެހޭ ގޮތުން ތަފްސީލީ މައުލޫމާތު ދީފައެވެ. އެގޮތުން، ދަނޑުވެރިންނަށް އަމާޒުކޮށްފައިވާ ދަނޑުވެރި ނަފާ ލޯނާއި، މަސްވެރިކަމުގެ އުފެއްދުންތައް ރައްކާކުރުމަށް ބޭނުންވާ އާރްއެސްޑަބްލިއު ޕްރޮޖެކްޓްތަކުގެ މައުލޫމާތު ވަނީ ހިއްސާކުރެވިފައެވެ.
އަދި، ގަސްގަހާއި ޖަނަވާރު ރާއްޖެ އެތެރެކުރުމުގެ އުސޫލުތަކާއި ހުއްދަތައް ހޯދާނެ ގޮތްތަކާއި، ފިޝަރީޒް މާކެޓިންގ ކޯޕަރޭޝަން (އެފްއެމްސީ) ގެ މަސައްކަތްތަކުގެ މައްޗަށްވެސް މައުލޫމާތު ދެވިފައިވެއެވެ.
މަސްވެރިކަމާއި ދަނޑުވެރިކަމަކީ ދިވެހިރާއްޖޭގެ އިގްތިސާދުގެ މައި ތަނބު ކަމަށްވާއިރު، މި ސިނާއަތްތަކުގައި ކުރިއަށްދިއުމަށް ނުވަތަ ވިޔަފާރި ފުޅާކުރުމަށް މިނިސްޓްރީގެ ހިދުމަތްތަކުން އެހީތެރިވެދެވޭނެ ގޮތްތައް އޮޅުންފިލުވުމަށް މިނިސްޓްރީގެ ސްޓޯލަށް ޒިޔާރަތްކުރި އެންމެހާ ފަރާތްތަކާއި ވިޔަފާރިވެރިންނާ ބައްދަލުވެ މައުލޫމާތު ހިއްސާކުރުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.












