ވިޓަމިން ޑީ މަދުވުމުން ހިތުގެ ސެލްތަކަށް ނޭދެވޭ އަސަރުކުރާކަން ފަހުގެ ދިރާސާއަކުން ހާމަވެއްޖެއެވެ.
އިންޑިއާގެ އައިސީއެމްއާރު-ނެޝަނަލް އިންސްޓިޓިއުޓް އޮފް ނިއުޓްރިޝަން (އައިސީއެމްއާރު-އެންއައިއެން) އިން ކުރިއަށްގެންދިޔަ ދިރާސާއަކުން ދައްކާގޮތުގައި ވިޓަމިން ޑީ ހަށިގަނޑުގައި މަދުވުމަކީ ހިތުގެ ސެލްތަކަށް ”ސެލިއުލާ ސްޓްރެސް“ ނުވަތަ ނޭދެވޭ ބާރުބޮޑުވުން ކުރިމަތިކުރުވާ ކަމެކެވެ. ބައިނަލްއަޤްވާމީ ސައިންޓިފިކް ޖަރނަލް ”ސްޓެރޮއިޑްސް“ ގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި ބަލާފައިވަނީ ކާނާގައި ވިޓަމިން ޑީ ހިމެނޭ މިންވަރު ތަފާތުވުމުން ހިތުގެ ސިއްޙަތަށް ކުރާ އަސަރުތަކެވެ.
މި ދިރާސާގެ ހޯދުންތަކުން އެނގޭގޮތުގައި ވިޓަމިން ޑީ މަދުން ލިބޭ ނަމަ، ހިތުގެ ސެލްތަކުގައި އޮކްސިޑޭޓިވް ގެއްލުންތައް އިތުރުވެގެންދެއެވެ. އަދި ހަށިގަނޑުގެ ސެލްތައް ރައްކާތެރިކޮށްދޭ ގުދުރަތީ އެންޓިއޮކްސިޑެންޓް ސިސްޓަމް ބަލިކަށިވެ، ހަށިގަނޑު ރައްކާތެރިކުރުމަށް އެހީތެރިވެދޭ ”އެންއާރުއެފް2“ ޕާތުވޭގެ މަސައްކަތަށް ބުރޫއަރައެވެ. މީގެ އިތުރުން ވިޓަމިން ޑީ މަދުވުމުގެ ސަބަބުން ސެލްތައް ހަލާކުވެ މަރުވުމަށް މަގުފަހިކުރުވާ މާކަރުތައް ހިތުގެ ސެލްތަކުގައި އިތުރުވާކަންވެސް ފާހަގަކުރެވިފައިވެއެވެ.
މި ދިރާސާ އިސްވެ ކުރިއަށްގެންދިޔަ ސައިންޓިސްޓް ޑރ. އާއިޝާ އިސްމާއީލް ވިދާޅުވި ގޮތުގައި، ދިގު މުއްދަތަކަށް ވިޓަމިން ޑީ ނުލިބި ހުރުމުގެ ސަބަބުން ކުރިމަތިވާ އޮކްސިޑޭޓިވް ސްޓްރެސްގެ ސަބަބުން ހިތުގެ ސެލްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުމަށް މަގުފަހިވެގެންދެއެވެ. ނަމަވެސް، އޮކްސިޑޭޓިވް ސްޓްރެސް ކުރިމަތިވުމުގެ ކުރިން ވިޓަމިން ޑީގެ އެކްޓިވް ފޯމް ބޭނުންކުރުމުން ސެލްތައް ރައްކާތެރިކޮށްދީ، ސެލްތައް ހަލާކުވުމުން ސަލާމަތްކޮށްދޭކަން ލޭބޯޓްރީގައި ކުރެވުނު ތަހުލީލުތަކުން އެނގިފައިވެއެވެ.
އައިސީއެމްއާރު-އެންއައިއެންގެ ޑިރެކްޓަރު ޑރ. ބާރަތީ ކުލްކަރްނީ ފާހަގަކުރެއްވި ގޮތުގައި، ހަށިގަނޑުގައި އެކަށީގެންވާ މިންވަރަކަށް ވިޓަމިން ޑީ ހުރުމަކީ ހިތުގެ ސެލްތައް ގެއްލުންތަކުން ރައްކާތެރިކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. ނަމަވެސް މި ދިރާސާއަކީ ޖަނަވާރުތަކާއި ސެލް މޮޑެލްތައް ބޭނުންކޮށްގެން ހެދި ދިރާސާއަކަށްވާތީ، އިންސާނުންގެ ހިތުގެ ސިއްޙަތަށް މީގެ އަސަރު ކުރާގޮތް ފުރިހަމައަށް ދެނެގަތުމަށްޓަކައި އިތުރު އިންސާނީ ދިރާސާތައް ކުރަންޖެހޭކަން އޭނާ ރިޕޯޓުގައި ސާފުކޮށްދެއްވާފައިވެއެވެ.











