ރަސްމާލޭގައި ކުރިއަށްގެންދާ ބޮޑު މަޝްރޫއުގެ އެޑްވާންސް ފައިސާގެ ގޮތުގައި ސަރުކާރަށް ލިބިގެންދާނީ 5000 ހައުސިން ޔުނިޓް ކަމަށާއި، މިއީ ގާތްގަނޑަކަށް 500 މިލިއަން ޑޮލަރު ނުވަތަ 7.7 ބިލިއަން ދިވެހި ރުފިޔާގެ މަޝްރޫއެއް ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ވަޒީރު މުއްތަލިބު މިހެން ވިދާޅުވީ ރަސްމާލެ މަޝްރޫއުގެ ދަށުން އެޑްވާންސް ފައިސާ ނުލިބޭތީ ކަންބޮޑުވުން ފާޅުކުރައްވައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވަމުންނެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި މި މަޝްރޫއުން ސީދާ ނަގުދު ފައިސާ އެޑްވާންސްގެ ގޮތުގައި ނުލިބުނު ނަމަވެސް، މަޝްރޫއު ފެށުމުގެ ކުރިން ރައްޔިތުންނަށް އެންމެ ބޮޑު މަންފާއެއް ކުރާނެ ގޮތަށް ބޯހިޔާވަހިކަމުގެ މި ބޮޑު އަދަދު އެޑްވާންސްގެ ގޮތުގައި ލިބިގެންދާނެއެވެ.
މިއީ ރާއްޖޭގައި މީގެ ކުރިން ބޭރުގެ ފަރާތްތަކާ ހަވާލުކޮށްގެން ހިންގި އެހެން މަޝްރޫއުތަކުން އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި ލިބުނު އަދަދުތަކަށްވުރެ އެތައް ގުނައެއް ބޮޑު އަދަދެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން ޖީއެމްއާރަށް އެއާޕޯޓް ދީގެން އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި ލިބުނީ 78 މިލިއަން ޑޮލަރު ކަމަށާއި، އެންބޫދޫ ފަޅު ދީގެން ލިބުނީ 40 މިލިއަން ޑޮލަރުކަން ވަޒީރު ހަނދާންކޮށްދެއްވިއެވެ.
މާލެ ކައިރީގައި މިފަދަ ބޮޑު މަޝްރޫއެއް ހިންގާތީ ކުރެވޭ ތުހުމަތުތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، މިފަދަ ބޮޑެތި ފޮރިން އިންވެސްޓްމަންޓްތައް އަންނައިރު މިއީ ހަމައެކަނި ސަރުކާރުން އެކަނި ނިންމާ ނިންމުމެއް ނޫން ކަމަށެވެ. އިންވެސްޓަރުންވެސް އެބޭފުޅުންގެ އިންވެސްޓްމަންޓަށް އެންމެ އެކަށީގެންވާ ރަނގަޅު ލޮކޭޝަނެއް ބަލާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުގެވެސް އެންމެ ބޮޑު އަމާޒަކީ ރަސްމާލެ އާބާދުވެގެންދާއިރު އެތަނުގައި އުފެދޭ ވަޒީފާގެ ފުރުސަތުތަކާއި އިގްތިސާދީ ހަރަކާތްތަކުގެ މަންފާ ދިވެހި ރައްޔިތުންނަށް އެންމެ ފުރިހަމައަށް ލިބިގެންދިއުން ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ރަސްމާލޭގެ އެއްބައިގައި ދިވެހިން ދިރިއުޅެމުންދާއިރު، އެތަނުން ފުރިހަމަ މަންފާއެއް ކުރާނީ އެތަނާ ކައިރީގައި އިގުތިސާދީ ވަސީލަތްތަކެއް ގާއިމުކުރެވިގެން ކަމަށްވާތީ، މިއީ ދެފަރާތަށްވެސް އެންމެ ފައިދާހުރި ގޮތް ކަމަށްވާތީ މަޝްރޫއު ކުރިއަށްގެންދަން ނިންމެވީ ކަމަށް ވަޒީރު ވިދާޅުވިއެވެ.













