ބޮޑުވަމުން އަންނަ އުމުރަކީ އުފާވެރިކަމާއި އުއްމީދުތަކުން ފުރިގެންވާ، ހަމައެހެންމެ ގިނަގުނަ ގޮންޖެހުންތަކާއި އޮޅުންބޮޅުންތަކާވެސް ކުރިމަތިލާންޖެހޭ ދުވަސްވަރެކެވެ.
ޒުވާންކަމުގެ ފިޔަވަޅުތައް އަޅަމުންދާއިރު، ދިރިއުޅުމުގެ ހުރިހާ ކަމެއް މައިންބަފައިން ނިންމައިދޭ މަރުޙަލާ ފަހަނައަޅައި ދެއެވެ. އަމިއްލަ މިނިވަންކަމާއެކު ރަޙްމަތްތެރިން ޚިޔާރުކުރުމާއި، ވަގުތުތައް ހޭދަކުރާނެ ގޮތްތައް ކަނޑައެޅުމުގެ އިތުރުން، އަމިއްލަ މުސްތަޤްބަލް ބައްޓަންކުރާނެ ގޮތްތަކާމެދު ފުންކޮށް ވިސްނަން ފެށެނީ މި ހިސާބުންނެވެ.
މި ލިބޭ މިނިވަންކަމަކީ ހިތްހަމަޖެހުމެއް ކަމުގައި ވިޔަސް، މިއީ އެއާއެކު ބޮޑު މަސްއޫލިއްޔަތެއްވެސް އުފުލަންޖެހޭ ކަމެކެވެ. ފަރުވާކުޑަކަމާއެކު ނިންމޭ އެންމެ ނުބައި ނިންމުމެއްގެ ސަބަބުން، ހީވެސް ނުކުރާފަދަ ނުރައްކާތެރި މަގަކަށް ދިރިއުޅުން އެނބުރި ހިނގައިދާނެއެވެ. އަދި ހަމައެއާއެކު، ޙިކުމަތްތެރިކަމާއެކު ނިންމާ އެންމެ ރަނގަޅު ނިންމުމަކީ މުޅި ޙަޔާތް ކާމިޔާބީގެ އައްސޭރިއަކަށް ގެންގޮސްދޭނެ ސަބަބެކެވެ.
މިއީ އިސްލާމީ ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް، ޒުވާނުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި ނިންމުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ފާހަގަކުރައްވާފައިވާ މުހިންމު ނުކުތާއެކެވެ. އެމަނިކުފާނުގެ ނަޞޭޙަތްޕުޅުން ކޮންމެ ޒުވާނަކަށްވެސް އަމިއްލަ ނަފްސާ މުޚާޠަބުކޮށް ކޮށްލަންޖެހޭ މުހިންމު ސުވާލެއް ކުރިމަތިކުރުވައެވެ؛ ”އަހަރެން މި ނިންމާ ނިންމުންތަކަކީ ޙަޤީޤަތުގައިވެސް އަހަރެންގެ އުޖާލާ މުސްތަޤްބަލަށްޓަކައި ނިންމާ ނިންމުންތަކެއް ހެއްޔެވެ؟ ނުވަތަ އަހަރެން މި ދަނީ އެހެން މީހުން އުޅޭހާ ގޮތަކަށް، އެމީހުންގެ ފަހަތުން ކަނުބަނދެވިގެން ހެއްޔެވެ؟“
އެހެން މީހުންނާ އެއްގޮތްވުމަށް ކުރިމަތިވާ ފިއްތުންތައް ގިނަ ފުރާވަރުގެ ޒުވާނުންނަށް ކުރިމަތިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، މުޖުތަމައުއާއި އެކުވެރިންގެ މެދުގައި މަގުބޫލު މީހަކަށް ވުމަށްޓަކައި ކުރިމަތިވާ ނުފޫޒެވެ.
މުޖުތަމައުން އެކަހެރިވެ، ބާކީވާން އެދޭނެ އެކަކުވެސް ނުހުންނާނެއެވެ. އެކުވެރިން ކަމެއް ކުރަމުންދާނަމަ، އެކަމެއްގައި ބައިވެރިވާން ޖެހޭކަމުގެ އިހުސާސް ކުރެވެއެވެ. އަދި މީސްމީޑިއާގައި ކަމެއް އާންމުވެ، ޓްރެންޑަކަށް ވެއްޖެނަމަ، އެކަމަކަށް ތަބާވާންޖެހޭ ކަމަށް ގަބޫލުކުރެވެން ފަށައެވެ.
އެހެންނަމަވެސް، ކަމެއް އާންމުވެ މަގުބޫލުވުމަކީ، އަމިއްލަ ޒާތުގައި އެއީ ރަނގަޅު ކަމެއް ކަމުގައި ބެލެވޭނެ ސަބަބެއް ނޫނެވެ. އެންމެން ”އާނއެކޭ“ ބުނެ އެއްބަސްވާ ހިނދު، ”ނޫނެކޭ“ ބުނެ ދެކޮޅު ހެދުމަށްޓަކައި ނުހަނު ބޮޑު ހިތްވަރެއް ބޭނުންވާނެ ވަގުތުތައް ދިރިއުޅުމުގައި އަންނާނެއެވެ. އަމިއްލަ އަގުތަކާއި ހަމަތައް ހިފަހައްޓާ މީހަކީ، ވަށައިގެންވާ އެންމެން އެކަމެއްގައި ބައިވެރިވި ކަމުގައި ވިޔަސް، ގެއްލުންހުރި އެންމެހައި ކަންކަމުން އެއްކިބާވާން ކެރޭ މީހެކެވެ. ވިސްނުންތެރިކަމުގެ ބޭނުން އެންމެ ބޮޑަށް ހިފަންޖެހެނީ މިފަދަ ނާޒުކު ހާލަތްތަކުގައެވެ. ކޮންމެ ނިންމުމެއް ނިންމުމުގެ ކުރިންވެސް، މާދަމާ ނުވަތަ ކުރިމަގުގައި އެކަމުގެ ސަބަބުން ނުކުމެދާނެ ނަތީޖާއަކާމެދު ފުންކޮށް ވިސްނައި، އަމިއްލަ ނަފްސާ ސުވާލުކޮށްލަން ޖެހެއެވެ.
މަޝްޣޫލު ދުނިޔެއެއްގައި އީމާންތެރިކަން މިއަދުގެ ޒުވާނުން ހެދިބޮޑުވަމުން މި އަންނަނީ ހުއްޓުމެއްނެތި މަޢުލޫމާތުގެ އޮއިވަރު ދައުރުވަމުންދާ މާހައުލެއްގައެވެ. އަތުގައި އޮންނަ ފޯނުގެ ޒަރީޢާއިން، މަދު މިނެޓުކޮޅެއްގެ ތެރޭގައި އެތައް ސަތޭކަ ތަފާތު ޚިޔާލުތަކާއި، ދިރިއުޅުމުގެ ވައްޓަފާޅިތަކާއި، އަދި ދުނިޔެއަށް އަންނަމުންދާ އައު ޓްރެންޑުތައް ފެނިގެންދެއެވެ. ސޯޝަލް މީޑިއާގެ ސަބަބުން އެހެން މީހުންގެ ދިރިއުޅުމުގެ ފުރިހަމަކަން ދައްކުވައިދޭއިރު، އޭގެ ނަތީޖާއެއްގެ ގޮތުން އަމިއްލަ ނަފްސާއި ދިރިއުޅުމާމެދު އުނި އިޙްސާސެއް ކުރެވޭ ގޮތް މެދުވެރިވެއެވެ.
މިފަދަ ހަލަބޮލި ދުނިޔެއެއްގައި، ދިރިއުޅުމުގެ ޙަޤީޤީ މިސްރާބު ގެއްލި މަގުއޮޅުމަކީ ވަރަށް ގާތް ކަމެކެވެ. ނަމަވެސް، މުސްލިމުންނަށް ވީތީ އަޅުގަނޑުމެންނަށް ސީދާ މަގު ދައްކައިދޭ އެންމެ ވަރުގަދަ ބާރަކީ އަޅުގަނޑުމެންގެ ހިތުގައިވާ އީމާންކަމެވެ.
މާތް ﷲ އާ އޮންނަ ގުޅުން ބަދަހިކުރުމަކީ، އިންސާނާގެ އަގު ވަޒަންކުރެވެނީ ސޯޝަލް މީޑިއާގެ ފޮލޯވަރުންގެ ޢަދަދުން ނުވަތަ ލިބޭ ”ލައިކްސް“ އާއި ”ކޮމެންޓް“ ތަކުން ނޫންކަން ހަނދާންކޮށްދޭ ކަމެކެވެ. އޭގެ ބަދަލުގައި އެންމެ މުހިންމީ އަޅުގަނޑުމެންގެ ރިވެތި އަޚްލާޤާއި، އިޚްލާޞްތެރި ނިޔަތާއި، އަދި ހެޔޮ ޢަމަލުތަކެވެ.ހަމައެއާއެކު، ފަރުޟު ފަސް ނަމާދަކީ ދުވަހުގެ މަޝްޣޫލުކަމާއި ދުނިޔޭގެ އަޑުގަދަ މާހައުލުން ދުރުވެލައި، އަޅުގަނޑުމެން އުފައްދަވައި ބަލަހައްޓަވާ ރަސްކަލާނގެ ޙަޟްރަތަށް ރުޖޫޢަވެ، ހިތުގެ ހަމަޖެހުން ހޯދުމަށް ލިބޭ އަގުހުރި ފުރުޞަތެކެވެ. އީމާންތެރިކަމަކީ ދިރިއުޅުމުގައި ކުރިމަތިވާ ހުރިހާ ދަތިތަކެއް އެއްކޮށް ފިލުވައިދޭނެ ކަމެއް ނޫނެވެ. އެހެންނަމަވެސް، ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކާއި އޮޅުންބޮޅުން ބޮޑު ދަނޑިވަޅުތަކުގައި، ސާބިތުކަމާއެކު ފައިތިލަ ސާބިތުކޮށްދީ، ހަމަޖެހުމާއި ކެތްތެރިކަން ގެނެސްދޭނޭ ހަމައެކަނި ބައްތިއަކީ އީމާންކަމެވެ.
އެންމެ ކުށަކުން ތިބާގެ މުޅި ޙަޔާތް ބަރުބާދެއް ނުވާނެއެވެ
ކޮންމެ ޒުވާނަކުވެސް ދަސްކުރަންޖެހޭ އެންމެ އަގުހުރި ފިލާވަޅަކީ، ތިމާއަށް ކުށެއް ކުރެވުމަކީ މުޅި ޙަޔާތުގައި ނާކާމިޔާބުވުން ނޫންކަމެވެ. އަޅުގަނޑުމެންނީ އިންސާނުންނެވެ. ނުބައި ނިންމުންތައް ނިންމިދާނެއެވެ. ނާޤާބިލު ފަރާތްތަކަށް އިތުބާރު ކުރެވިދާނެއެވެ. އަދި ފަހުން ހިތާމަކުރަންޖެހޭ ފަދަ ބަސްތައް ބުނެވި، އެއީ ގޯހެއްކަން އެނގިހުރެ ވެސް ބައެއް ކަންކަން ކުރެވިދާނެއެވެ. އަސްލު މުހިންމީ އެފަދަ ކަމަކަށްފަހު ދެން ތިމާ ޢަމަލުކުރާނެ ގޮތެކެވެ. ކުރެވުނު ކުށުގެ ސަބަބުން ކުރިއަށްދާން އޮތް މަގު ބަންދުކޮށް، ފަހަތަށް ޖެހިދާނެއެވެ. ނުވަތަ އެކަމުން ޢިބްރަތް ޙާޞިލުކޮށް، ހަރުދަނާ ފިޔަވަޅުތަކަކާއެކު ކުރިއަށްވެސް ދެވިދާނެއެވެ.
މާތްވެގެންވާ އިސްލާމްދީނުގައި ތައުބާވުމަށް ދެއްވާފައިވަނީ ނުހަނު މަތިވެރި ދަރަޖައެކެވެ. ތިމާއަށް ކުރެވުނު ކުށަށް އިޚްލާޞްތެރިކަމާއެކު އިޢުތިރާފުވެ، ﷲ ތަޢާލާގެ ޙަޟްރަތުން މަޢާފަށް އެދި ދަންނަވައި، އަމިއްލަ ނަފްސު އިޞްލާޙުކުރުމަށް މަސައްކަތްކުރާ މީހަކަށް އަބަދުވެސް އުއްމީދުގެ އަލިކަން އޮންނާނެއެވެ. މާޒީގައި ހިނގައިދިޔަ ކަންކަމަކީ އަޅުގަނޑުމެންގެ މުސްތަޤްބަލް ބައްޓަންކުރުމަށް އޮތް ހުރަހަކަށް ވެގެން ނުވާނެއެވެ.
ޙަޤީޤަތުގައި އެންމެ ހިތްވަރުގަދަ މީހަކީ ދުވަހަކުވެސް ނާކާމިޔާބީއާ ކުރިމަތިނުވާ މީހާއެއް ނޫނެވެ. އެހެނެއްކަމަކު، އެއީ ވެއްޓޭ ކޮންމެ ފަހަރަކު، ހެދުނު ގޯސްތަކުން ފިލާވަޅު ލިބިގަނެ، ޢަޒުމާއެކު އަލުން ތެދުވާ މީހާއެވެ.
އަހަރެމެންނަށް ނުފެންނަ ކަންކަން މައިންބަފައިންނަށް ފެނިދާނެއެވެ. ބޮޑުވަމުން އަންނަ އުމުރުގައި ކުރިމަތިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ފުރާވަރުގެ ކުދިންނާއި މައިންބަފައިންނާ ދެމެދު އޮންނަ ގުޅުމަށް އަންނަ ބަދަލުތަކެވެ. ޒުވާން އުމުރަށް އެޅި، އަމިއްލަ ފައިމައްޗަށް ތެދުވަން މަސައްކަތްކުރާ ދަނޑިވަޅުގައި، މައިންބަފައިން ދިރިއުޅުމުގެ ކަންކަމުގެ ތެރެއަށް މާބޮޑަށް ބަސްބުނެ، ނުފޫޒު ފޯރުވަނީ ކަމަށް ހީވެދާނެއެވެ. އަދި އެމީހުން ކަނޑައަޅާ ހަމަތަކާއި ގަވާއިދުތަކަކީ ބޭކާރު ހުރަސްތަކެއް ކަމުގައި ހީވެ، ދޭ ނަސޭހަތްތަކަކީ ފާޑުކިޔުމެއްގެ ގޮތުގައި މާނަކުރެވޭ ފަހަރުވެސް އާދެއެވެ. ނަމަވެސް، ހަޔާތުގެ ތަޖުރިބާއަކީ އަގުނުކުރެވޭ ފަދަ މުހިންމު އެއްޗެކެވެ.
ފުރާވަރުގެ ކުއްޖެއްގެ ލޮލަށް އެވަގުތު ސިއްރުވެފައިވާ ނުރައްކާތަކާއި ގޮންޖެހުންތައް، މައިންބަފައިންގެ ތަޖުރިބާގެ އަލީގައި ދެނެގަނެވިދާނެއެވެ. މީގެ މާނައަކީ ހުރިހާ ކަމެއްގައި މައިންބަފައިންނަކީ އަބަދުވެސް ކުށްނެތި ފުރިހަމަ ބައެކޭ ނޫނެވެ. އެހެނަސް، އެމީހުންގެ އިރުޝާދާއި ނަސޭހަތްތަކަކީ އަބަދުވެސް ދަރިންނާމެދު އޮންނަ ކުލުނާއި ކަންބޮޑުވުމުގެ އިތުރުން، ދިރިއުޅުމުގެ ތަޖުރިބާގެ އަލީގައި ލިބިދޭ އެއްޗެކެވެ.
ޒުވާނުންގެ ޚިޔާލުތަކާއި އިހުސާސްތައް ފާޅުކުރުމުގެ ހައްގު އޮންނަންވާނެއެވެ. އެހެންނަމަވެސް، އެކަން ކުރަންވާނީ މައިންބަފައިންނަށް އަދާކުރަންޖެހޭ ލޯތްބާއި، ކަމޭހިތުމާއި، އެންމެ މަތީ ދަރަޖައިގެ އަދަބު އިހުތިރާމާ އެކުގައެވެ.
މައިންބަފައިންގެ ވާހަކަތައް އަޑުއަހައި، އެމީހުންނަށް ކިޔަމަންތެރިވުމަކީ ތިމާގެ ގަދަރާއި އިއްޒަތް ކުޑަވާނޭ ކަމެއް ނޫނެވެ. ދިރިއުޅުމުގެ އެތައް ތަޖުރިބާއެއް ހާސިލުކޮށްފައިވާ ބައެއްގެ ބަސް ގަބޫލުކުރުމަކީ، އަމިއްލަ ނަފުސަށް ލިބިދާނެ ފޫނުބެއްދޭވަރުގެ ހިތާމަތަކުންނާއި، ވޭންދެނިވި ގޮތަކަށް ލިބިދާނެ ފިލާވަޅުތަކުން އަހަރެމެން ސަލާމަތްކޮށްދޭނެ ކަމެކެވެ.
މިއަދުގެ ވަގުތީ އުފަލަށްވުރެ ދުރު ރާސްތާއަށް ވިސްނާށެވެ.
ގިނަ ފަހަރަށް ނުރަނގަޅު ނިންމުންތައް ނިންމެނީ، ހަމައެކަނި އެ ވަގުތު އޮންނަ ޙާލަތަށް އެކަނި ބަލައި ވިސްނޭތީއެވެ.
”އެހެން މީހުންވެސް އެކަން ކުރެއެވެ.“
”މިއީ ހަމައެކަނި މިފަހަރަށް ކުރާ ކަމެކެވެ.“
”މިކަމެއް އެކަކަށްވެސް ނޭނގޭނެއެވެ.“
މިފަދަ ވަސްވާސްތަކުގެ ސަބަބުން، ކުރެވޭ ނުރަނގަޅު ކަންކަމަކީ އެއްވެސް ގެއްލުމެއް ނެތް ކުދިކުދި ކަންކަން ކަމުގައި ވިސްނި، ކުށްހީތައް އުފެދެއެވެ.
ނަމަވެސް، ޙިކުމަތްތެރި ކަމާއެކު ނިންމުމެއް ނިންމުމަކީ، ވަގުތީ ޙާލަތުން ބޭރުވެ ދުރު މުސްތަޤުބަލަށް ފުންކޮށް ވިސްނުމެވެ. ކޮންމެ މުހިންމު ނިންމުމެއް ނިންމުމުގެ ކުރިން، އަމިއްލަ ނަފްސާ މި ސުވާލުތައް ކޮށްލުން މުހިންމެވެ:
• މި ނިންމުމުގެ ސަބަބުން ދެން ނުކުމެދާނެ ނަތީޖާއަކީ ކޮބައިހެއްޔެވެ؟
• އަހަރެންގެ ޢާއިލާއަށް މިކަން އެނގިއްޖެނަމަ، އަހަންނަށް ހިތްހަމަޖެހުމާއި ޢިއްޒަތް ލިބޭނެހެއްޔެވެ؟
• މިއީ އަހަރެން ޤަބޫލުކުރާ އަޚްލާޤީ މިންގަނޑުތަކާއި އުޞޫލުތަކާ އެއްގޮތް ކަމެއްހެއްޔެވެ؟
• ކުރިމަގުގައިވެސް މިއީ ރަނގަޅު ނިންމުމެއް ކަމުގައި އަހަންނަށް ފަޚުރުވެރިކަމާއެކު ބުނެވޭނެހެއްޔެވެ؟
• އަދި އެންމެ މުހިންމު ކަމަކީ، މިކަމަކީ ﷲ ތަޢާލާގެ ރުއްސެވުން ލިބޭނެ ކަމެއްހެއްޔެވެ؟
ހަނދާން ބަހައްޓާށެވެ. ފިޔަވަޅެއް އެޅުމުގެ ކުރިން ވިސްނާލުމަށް ނަގާ މަދު ސިކުންތުކޮޅަކީ، އެތައް އަހަރެއްގެ ހިތާމައާއި ހިތްދަތިކަމުން އަޅުގަނޑުމެން ސަލާމަތްކޮށްދޭނެ ސަބަބެކެވެ. ތިބާ ބޭނުންވާ ފަދަ ފުރިހަމަ އިންސާނަކަށްވުން ދިރިއުޅުމަކީ އަހަރެމެން ނިންމާ އެކި ނިންމުންތަކުގެ މައްޗަށް އެކުލެވިގެންވާ ދަތުރެކެވެ. ދިމާވާ ކޮންމެ ކަމެއް ބަދަލުކުރުމުގެ ބާރު އަހަރެމެންނަށް ލިބިގެން ނުވެއެވެ. އެހެން މީހުން އަހަރެމެންނާމެދު ދައްކާ ވާހަކަތަކާއި، ދިރިއުޅުމުގައި ކުރިމަތިވާ އެންމެހައި ގޮންޖެހުންތައް ކޮންޓްރޯލް ކުރުމަކީ އަބަދު ކުރެވޭނެ ކަމެއް ނޫނެވެ.
ނަމަވެސް، އެފަދަ ކަންކަމާ ކުރިމަތިލާނެ ގޮތް އިޚްތިޔާރުކުރުމުގެ ފުރިހަމަ އިޚްތިޔާރު އަހަރެމެންނަށް ލިބިގެންވެއެވެ. ދޮގުގެ ބަދަލުގައި ތެދުވެރިކަން، ރުޅީގެ ބަދަލުގައި ކެތްތެރިކަން، ނުރަނގަޅު ނުފޫޒުތަކުގެ ބަދަލުގައި ހެޔޮލަފާ އެކުވެރިކަން، އަދި ދުނިޔަވީ އެދުންތަކުގެ ބަދަލުގައި އީމާންތެރިކަން އިސްކުރާ ކޮންމެ ދަނޑިވަޅަކީ، އަހަރެމެންގެ އަޚްލާޤު ހަރުދަނާވެގެންދާ ވަގުތެކެވެ.
އެއްވެސް އިންސާނަކީ އެންމެ ރެއަކުން ފުރިހަމަ މީހަކަށް ވެވޭނެ މީހެއް ނޫނެވެ. ޙަޤީޤީ ބަދަލު އަންނަނީ އެވަގުތަށް މާ މުހިންމު ނޫން ކަމަށް ހީވާ، އެތައް ސަތޭކަ ކުދިކުދި ރަނގަޅު ނިންމުންތަކެއްގެ ސަބަބުންނެވެ. ފުރާވަރުގެ ދުވަސްވަރަކީ އައިބެއް ނެތް ފުރިހަމަ މީހަކަށް ވުމަށް އޮތް ދުވަސްވަރެއް ނޫނެވެ. އެއީ ތިމާއަކީ ކާކުކަން ދެނެގަނެ، ހެޔޮ ވިސްނުން އަށަގަންނުވައި، އީމާންކަމާއި ރިވެތި އަޚްލާޤުގެ މަތީގައި މުސްތަޤްބަލު ބިނާކުރުމުގެ ހިތްވަރު ލިބިގަންނަންވީ ދުވަސްވަރެވެ.
ދުވަހުގެ ނިމުމުގައި އަހަރެމެން އެންމެންވެސް ތަފާތު ނިންމުންތަކާ ކުރިމަތިލާން ޖެހެއެވެ. ދިރިއުޅުމުގެ މަގުގައި އަހަރެމެންގެ އަތުން ކުށެއް ނުވެ ނުދާނެއެވެ. ޝައްކެއްނެތް ގޮތުގައި ކުށް ކުރެވޭނެއެވެ. ނަމަވެސް އެންމެ މުހިންމު ކަމަކީ، އެ ކުށްތަކުން ޢިބްރަތް ޙާޞިލުކޮށް، ދެން އަންނަ ފަހަރަކު މާ ރަނގަޅު ނިންމުމެއް ނިންމުމުގެ ހިތްވަރު އަހަރެމެންގެ ކިބައިގައި ހުރުމެވެ.




