މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ 5 ވަނަ ގައުމީ ކޮންގްރެސް އިއްޔެ ފެށިގެން ދިޔައިރު، ފެނިގެންދިޔައީ ޕާޓީގެ ސިޔާސީ ވަރުގަދަކަން ދައްކުވައިދިނުމުގެ ބަދަލުގައި، އިންތިޒާމީ ގޮތުންނާއި ސިޔާސީ ގޮތުން ފެންވަރު ދަށް، ބޮޑު ”ފްލޮޕެއް“ ތަޖުރިބާކުރަންޖެހުނު އިވެންޓެއްގެ ގޮތުގައެވެ. ގައުމީ ފެންވަރުގެ ބޮޑު ކޮންގްރެސްއެއް އިންތިޒާމުކުރުމުގައި ފެންނަންޖެހޭ އަސާސީ ފަރުވާތެރިކަން ނެތި، ފެށުމުގެ ގޮތުން ބޭއްވި މުޅި ޖަލްސާގެ ތެރެއިން ފެނިގެންދިޔައީ އިންތިޒާމްތަކުގެ ފެންވަރު ދަށްކަމާއި ޕާޓީގެ އެތެރޭގައި އޮތް ބައިބައިވުން މުޅި ގައުމަށް ބަޒާރުވެގެންދިޔަ މަންޒަރެވެ.
މި ކޮންގްރެސްގެ އިންތިޒާމްތައް ދަށްކަން އެންމެ އައިބުކޮށް ފާހަގަވެގެންދިޔައީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ޕޯޑިއަމް ކައިރީގައި ވާހަކަދައްކަވަން ހުންނެވި ވަގުތު ހިނގާދިޔަ ހާދިސާއިންނެވެ. ވާހަކަފުޅުގެ ތެރެއިން ފެންފޮދެއް ބޯލެއްވުމަށްޓަކައި، ޕޯޑިއަމް މަތީގައި ފެންތަށި ބަހައްޓާނެ އެކަށީގެންވާ އިންތިޒާމެއް ނެތުމުން، ރައީސް ޞާލިޙަށް ޖެހިވަޑައިގަތީ ބިންމަތިން (ޕޯޑިއަމް ދަށުން) ފެންތަށި ނަންގަވާށެވެ.
ރާއްޖޭގެ އެންމެ ބޮޑު އެއް ސިޔާސީ ޕާޓީގެ ގައުމީ ފެންވަރުގެ ޖަލްސާއެއްގައި، އަދި ދައުލަތުގެ އެންމެ މަތީ ވެރިކަން ކުރައްވާފައިވާ ބޭފުޅަކު އިސްކޮށް ބައިވެރިވެވަޑައިގަންނަވާ އިވެންޓެއްގައި މިފަދަ އާދައިގެ ކަމެއްވެސް އިންތިޒާމު ކުރެވިފައި ނެތުމަކީ، ޕާޓީގެ ލީޑަޝިޕުން ކަންކަމުގައި ފަރުވާކުޑަކުރާ މިންވަރު އަންގައިދޭ ކަމެއްގެ ގޮތުގައި އާންމުންނާއި ސޯޝަލް މީޑިއާގައި ވަނީ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.
އޭގެ އިތުރުން، މާލޭ ސިޓީ ހޯލާއި ތައިސޭކޮށި ހިމެނޭ ސަރަހައްދުގައި ޓެންޓު ޖަހައިގެން ކޮންގްރެސް ކުރިއަށްގެންދިޔައިރު ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑުވެ، ޕާޓީގެ އާންމު މެންބަރުންނަށް ކޮންގްރެސްގެ ޖަލްސާތައް އަޑުއަހަން ވަނުމުގެ ފުރުސަތު ވަނީ ވަރަށް ބޮޑަށް ހަނިވެފައެވެ. އަދި ”ޖާގަ ނެތް“ ކަމަށް ބުނެ ބައެއް ނޫސްވެރިންނާއި މީޑިއާތަކަށް ކޮންގްރެސް ހޯލަށް ވަނުމަށް ހުރަސްއަޅައި، މަޢުލޫމާތު ހާމަކުރުމަށް ހުރަސްތަކެއް ކުރިމަތިކުރުވާފައިވެއެވެ. ޑިމޮކްރެޓިކް ސިފަތަކާއި ހާމަކަން ބޮޑު އުސޫލުތަކަށް ވަކާލާތުކުރާ ޕާޓީއަކުން، މީޑިއާތަކަށާއި އާންމު މެންބަރުންނަށް ފުރުސަތު ނުދީ ކޮންގްރެސް ބަންދު ކުރެވިގެންދިޔަ ގޮތަށް ކުރިއަށްގެންދިއުމަކީ ޕާޓީގެ އަސާސްތަކާ ޚިލާފު ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރިއެވެ.
ކޮންގްރެސްގެ ތެރެއިން ޕާޓީގެ އަސާސީ ގަވާއިދަށް ގެންނަ އިސްލާހުތަކާއި ކުރިއަށް އޮތް ދައުރުގެ ސިޔާސަތުތައް ކަނޑައެޅުމުގައި ފެނިގެންދިޔައީ ގައުމީ މަސްލަހަތަށްވުރެ ބޮޑަށް ޕާޓީގެ އެކި ފެކްޝަންތަކުގެ މެދުގައި އޮތް ވާދަވެރިކަމާއި ބާރުވެރިކަން ހޯދުމުގެ ތޮޅުންތަކެވެ. ލީޑަޝިޕްގެ އިސް ބޭފުޅުން އަމިއްލަ ސިޔާސީ ކުރިމަގު ކަށަވަރުކުރުމަށްޓަކައި މަސައްކަތްކުރެއްވުމުގެ ސަބަބުން، ޕާޓީގެ އެތެރޭގެ ބައިބައިވުން އިތުރަށް ބޮޑުވެ، އާންމު މެންބަރުން ޕާޓީއަށް ކުރާ އިތުބާރު ކުޑަވެގެންދިޔައެވެ. ޕާޓީގެ އެތެރޭގެ އިސްލާހަށްވުރެ އަމިއްލަ އެދުން އިސްކުރުމުގެ ނަތީޖާއެއްގެ ގޮތުން ކޮންގްރެސްގެ މުޅި މަގުސަދު ހަމައެކަނި ފެށުމުގެ ޖަލްސާއިން ވެސް ގެއްލިގެންދިޔަ ކަމަށް ސިޔާސީ މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
އެމްޑީޕީގެ ވެރިކަމުގައި ދައުލަތަށް ނުކަތާވަރުގެ ބޮޑެތި ލޯނުތައް ނަގައި، ގައުމު ދަރުވާލުމުގެ ސަބަބުން ގައުމުގައި މިވަގުތު އިގްތިސާދީ އަދި އިޖުތިމާއީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާއިރު، އެކަންކަމަށް ހައްލު ހޯދައިދިނުމުގެ ސިޔާސަތުތަކެއް އެކުލަވާލުމުގެ ބަދަލުގައި، ކޮންގްރެސްގެ މުޅި ފޯކަސް ބަހައްޓާފައިވަނީ ކުރިއަށް އޮތް އިންތިހާބުތަކަށް ސިޔާސީ އެޖެންޑާ ކުރިއަރުވައި ސަރުކާރަށް ފާޑުކިއުމަށް އެކަނި ކަމަށް ބުނެވިދާނެއެވެ. އެގޮތުން ސަރުކާރު ހިންގާ މައިޕާޓީގެ ފަރާތުން މަންދޫބެއް ވަޑައިގެން އިންނަވަނިކޮށް، އެޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ދެކޮޅަށް ބޭއަދަބީކޮށް އިހުތިޖާޖުކޮށް، މުޅި ކޮންގްރެސް ފެށީ ވަލު ޖަނަވާރުންގެ މުޒާހަރާ އެއްފަދައިންނެވެ. މިއީ ބޭރުގެ ސަފީރުންގެ ކުރިމަތީގައި ހޭވި ބޮޑު ހަޑިއެކެވެ. ޕީއެންސީ ކޮންގްރެސް އާއޖ ބަލާފަ ހަމަ ސުމެކެވެ.
ރައްޔިތުންގެ ހަގީގީ ކަންބޮޑުވުންތަކާއި ގައުމީ މަސްލަހަތަށްވުރެ ޕާޓީގެ އަމިއްލަ ސިޔާސީ މަންފާ އިސްކުރުމަކީ އެމްޑީޕީގެ 5 ވަނަ ކޮންގްރެސްއިން ފެންނަމުންދާ އެންމެ އައިބު އެއް ކަންތަކެވެ. ނަތީޖާއެއްގެ ގޮތުން، މި ކޮންގްރެސް ވެގެން މިދަނީ އިންތިޒާމީ ފެންވަރު ދަށް، އަދި ސިޔާސީ ގޮތުން ހުރި ބައިބައިވުންތައް މުޅި ގައުމަށް ބަޒާރުވަމުންދާ ނާކާމިޔާބު އެއްވުމެއްގެ ގޮތުގައެވެ.




