މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ ދެ މެންބަރަކު މިއަދު އެ މަގާމުން ވަކިކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ހާމަކުރި ގޮތުގައި، އެމްއޭސީއެލްގެ ބޯޑުން ވަކިކޮށްފައިވަނީ އެ ކުންފުނީގެ އެގްޒެކްޓިވް ޑިރެކްޓަރު މުޙައްމަދު މިހާދު އަދި ބޯޑު މެންބަރު ސަޙަރު ވަޙީދެވެ. ނަމަވެސް، މި ދެ ބޭފުޅުން މަގާމުން ވަކިކުރި ސީދާ ސަބަބެއް ޕީސީބީން ހާމަކޮށްފައެއް ނުވެއެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކްޓިވް ޑިރެކްޓަރ، ހ. ފިނޮޅު، މުޙައްމަދު މިހާދު އަދި ބޯޑުގެ މެމްބަރ، މ. ވެލާލުގެ، ސަޙަރު ވަޙީދު ވަނީ 01 އޮކްޓޯބަރ 2026 ފެށިގެން އެމްއޭސީއެލްގެ ބޯޑުން ވަކިކޮށްފައި.
— Privatization & Corporatization Board (@pcb_gov) October 1, 2026
އެމްއޭސީއެލްގެ ބޯޑަށް މިހާދު އައްޔަންކުރައްވާފައިވަނީ 26 އެޕްރީލް 2024 ގައެވެ. އޭނާއަކީ މާލީ އަދި ވިޔަފާރި ހިންގުމުގެ ދާއިރާއިން ފުޅާ ދާއިރާއެއްގައި ތަޖުރިބާ ހޯއްދަވާފައިވާ، އިނގިރޭސިވިލާތުގެ ސީމާ (ސީއައިއެމްއޭ) ކޮލިފައިޑް ޗާޓަޑް މެނޭޖްމަންޓް އެކައުންޓެންޓެކެވެ. މީގެއިތުރުން، މިހާދު ވަނީ މީގެކުރިން އެސްޓީއޯގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ގެ މަގާމާއި، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑު މެންބަރުކަން ވެސް ފުރުއްވައިފައެވެ.
މީގެ އިތުރުން މިފްކޯ، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ގެ ބޯޑު މެންބަރުކަމުގެ އިތުރުން، އެފްއެސްއެމްގެ ޗެއަރމަންކަމާއި އޮޑިޓް ފާމް ކޭޕީއެމްޖީ މޯލްޑިވްސްގެ ޕާޓްނަރެއްގެ ގޮތުގައި ވެސް އޭނާ ވަނީ ހިދުމަތް ކުރައްވައިފައެވެ.
މާލީ ދާއިރާގެ އިސް މަގާމުތަކުގައި 17 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ޕްރޮފެޝަނަލް ޗާޓަޑް ބޭންކަރެއް ކަމަށްވާ ސަޙަރު ވަޙީދު އެމްއޭސީއެލްގެ ބޯޑަށް އައްޔަންކުރީ 24 ޑިސެމްބަރު 2023 ގައެވެ. އޭނާ ވަނީ އިނގިރޭސިވިލާތުގެ މަޝްހޫރު ލަންޑަން ސްކޫލް އޮފް އިކޮނޮމިކްސް (އެލްއެސްއީ) އިން އިކޮނޮމިކްސްގެ ދާއިރާއިން ފުރަތަމަ ޑިގްރީ އަދި ޔުނިވަރސިޓީ އޮފް ވެސްޓް އިންގްލެންޑުން ކޮމާޝަލް ލޯއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވައިފައެވެ.














