ދިވެހިރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގައި ގާނޫނާ ހިލާފަށް ހަރަކާތްތެރިވަމުންދިޔަ ބޭރުގެ މަސްބޯޓެއް، އެމްއެންޑީއެފް ކޯސްޓްގާޑުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އަތުލައިގެންފިއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މައުލޫމާތު ދީފައިވާ ގޮތުގައި، މި ބޯޓު ކޯސްޓްގާޑް ޝިޕް ”ޢިމާދުއްދީން“ ގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ހުސްވި ސެޕްޓެމްބަރު މަހުގެ 30 ވީ ހޯމަ ދުވަހުގެ އިރުއޮއްސި 18:34 ހާއިރުއެވެ.
މި އުޅަނދު ފެނިފައިވަނީ ހއ. ތުރާކުނުގެ ހުޅަނގުއުތުރުން ގާތްގަނޑަކަށް 46 ނޯޓިކަލް މޭލު ބޭރުން، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ހަރަކާތްތެރިވަމުން ދަނިކޮށް ކަމަށް އެމްއެންޑީއެފްއިން ވަނީ މައުލޫމާތުދީފައެވެ. އަދި މި ބޯޓު އަތުލައިގަތް ވަގުތު އޭގައި 7 ފަޅުވެރިން ތިބި ކަމަށްވެސް މައުލޫމާތު ލިބެއެވެ.
އެމްއެންޑީއެފްއިން އިތުރަށް ބުނެފައިވަނީ، ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެވުނު މި މަސްބޯޓު މިހާރު ހދ. ކުޅުދުއްފުށީ ބަނދަރަށް ގެންދިއުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގުށް، އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށާއި، ވަކިން ހާއްސަކޮށް ރާއްޖޭގެ މަސްކަނޑުތަކަށް ވަދެ ވަގަށް މަސްވެރިކަން ކުރާ ބޭރުގެ އުޅަނދުފަހަރު ހޯދައި ހުއްޓުވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އަބަދުވެސް އަންނަނީ ހާއްސަ އިސްކަމެއް ދީގެން ކަނޑުގެ ސަރަހައްދު ބަލަހައްޓަމުންނެވެ.














