އާންމުކޮށް ހަދާ މެޑިކަލް ރެކޯޑުތަކާއި ލޭގެ ޓެސްޓުތަކުގެ ނަތީޖާ ދިރާސާކޮށް، ބަލީގެ އަލާމާތްތައް ފެނުމުގެ މާ ކުރިން ޕެންކްރިއޭޓިކް ކެންސަރު (ޗިސްމޭގެ ކެންސަރު) ޖެހުމުގެ ފުރުސަތު އޮތް މިންވަރު ދެނެގަނެވޭ އާ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މޮޑެލްއެއް އެމެރިކާގެ މާޔޯ ކްލިނިކްގެ ދިރާސާކުރާ ޓީމަކުން އުފައްދައިފިއެވެ.
ވޮޝިންގްޓަންގައި ބޭއްވި އެމެރިކަން ކޮލެޖް އޮފް ސާޖަންސް ކްލިނިކަލް ކޮންގްރެސް 2026 ގައި މި މޮޑެލް ހުށަހަޅާފައިވާއިރު، މިއީ އެ ކެންސަރު ކުރީކޮޅުގައި ދެނެގަތުމަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.
ޕެންކްރިއޭޓިކް ކެންސަރަކީ ނިސްބަތުން މަދުން ފެންނަ ބައްޔެއް ނަމަވެސް، މިއީ ވަރަށް ނުރައްކާތެރި އަދި ފުރާނައަށް ނުރައްކާވާ މިންވަރު މަތި ކެންސަރެކެވެ. އެމެރިކަން ކެންސަރު ސޮސައިޓީގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2026 ވަނަ އަހަރު އެކަނިވެސް އެމެރިކާއިން އެ ކެންސަރުގެ 67,000 އާ ކޭސް ފެންނާނެ ކަމަށް ލަފާކުރެވޭއިރު، 52,000 މީހުން މަރުވާނެ ކަމަށް ބެލެވެއެވެ. މިއީ އެމެރިކާއިން ފެންނަ ކެންސަރުގެ 3 އިންސައްތަ ކަމުގައި ވިޔަސް، ކެންސަރު ބަލީގައި މަރުވާ މީހުންގެ 8 އިންސައްތަ ހިއްސާކުރަނީ މި ބައްޔެވެ.
މާޔޯ ކްލިނިކްގެ ސާޖިކަލް އޮންކޮލޮޖިސްޓް ކޯނިލިއަސް ތީލްސް މައުލޫމާތު ދެއްވި ގޮތުގައި، ޕެންކްރިއޭޓިކް ކެންސަރަކީ ކުރީކޮޅުގައި ދެނެގަނެވިއްޖެނަމަ ފަރުވާ ކުރެވިދާނެ ބައްޔެކެވެ. ނަމަވެސް ބަލިމީހުންގެ ތެރެއިން ފަރުވާކުރެވޭ މަރުހަލާގައި ދެނެގަނެވެނީ 5 މީހުންގެ ތެރެއިން 1 މީހާއަށް ވުރެ މަދު އަދަދެކެވެ. ސަބަބަކީ ބަލީގެ އަލާމާތްތައް ފެންނަން ފަށާއިރު ބަލި މުޅި ހަށިގަނޑަށް ފެތުރިފައިވުމެވެ. އެހެންކަމުން ގިނަ ބަލިމީހުން ދިރިތިބޭ މުއްދަތު ގުނަންޖެހެނީ އަހަރުތަކުންނެއް ނޫނެވެ.
މުޅި އާބާދީ އެކީގައި މި ބައްޔަށް ސްކްރީން ކުރުމަކީ ބޮޑު ހަރަދެއް ހިނގާނެ އަދި އަމަލީ ގޮތުން ކުރަން ދަތި ކަމެއް ކަމަށްވާތީ، ސައިންސްވެރިން ގަސްދުކުރީ އެންމެ ނުރައްކާ ބޮޑު މީހުން ވަކިކޮށްދޭނެ ވަސީލަތެއް ބިނާކުރުމަށެވެ. ތީލްސް ފާހަގަކުރެއްވި ގޮތުގައި ޕެންކްރިއޭޓިކް ކެންސަރު އުފެދެން 5 އާއި 7 އަހަރާ ދެމެދުގެ މުއްދަތެއް ނަގައެވެ. ނަމަވެސް ޑޮކްޓަރުންނަށް ނުވަތަ ބަލިމީހާއަށް ބަލީގެ ނިޝާންތައް ފާހަގަކުރެވެނީ މާ ބޮޑަށް ވަގުތު ފާއިތުވާ ފަހުންނެވެ.
މި އޭއައި މޮޑެލް ތައްޔާރުކޮށްފައިވަނީ މާޔޯ ކްލިނިކްގެ މެޑިކަލް ރެކޯޑުތަކުގެ ތެރެއިން 10 އަހަރަށް ވުރެ ދިގު މުއްދަތެއްގެ ހެލްތު ހިސްޓްރީއާއި ލޭގެ ޓެސްޓުތަކުގެ މައުލޫމާތު ބޭނުންކޮށްގެންނެވެ. މީގެ ތެރޭގައި ޕެންކްރިއޭޓިކް ކެންސަރު ޖެހިފައިވާ 6,066 މީހުންނާއި، ބަލި ނެތް 33,396 މީހުންގެ މައުލޫމާތު ހިމެނެއެވެ. ކޮންމެ މީހެއްގެ 7.5 އަހަރާއި 19 އަހަރާ ދެމެދުގެ ކްލިނިކަލް ހިސްޓްރީ ބޭނުންކޮށްގެން، އާންމުކޮށް ރޭކާނުލާ ފަދަ ކުދިކުދި ބަދަލުތައް ދެނެގަތުމަށް މޮޑެލް ވަނީ ތަމްރީނުކޮށްފައެވެ.
މި މޮޑެލްގެ ގާބިލުކަން ބެލުމަށް، ކެންސަރު ޖެހުމުގެ 3 އަހަރު ކުރިން ބަލި ދެނެގަނެވޭ މިންވަރު ވަނީ ޓެސްޓުކޮށްފައެވެ. މޮޑެލްގެ އެކިއުރެސީ މިނާ ”AUROC“ މިންގަނޑުން މި ސިސްޓަމަށް 0.853 ގެ ރަނގަޅު ނަތީޖާއެއް ލިބުނެވެ. މީގެ އިތުރުން ނުރައްކާ އޮތް ބަލިމީހުން ވަކިކުރުމުގައި ނުބައި ނަތީޖާ (ފޯލްސް އަލާމް) ދެއްކުން މަދުކޮށްދޭ މިންގަނޑުން 0.712 ގެ ނަތީޖާއެއް ލިބިފައިވާއިރު، މޮޑެލްގެ ކެލިބްރޭޝަން ސްލޯޕް އުޅެނީ 1.08 ގައެވެ.
މާޔޯ ކްލިނިކްގެ ސާޖިކަލް ޑޭޓާ ސައިންޓިސްޓް ކްރިސް ވަރްގީސް ބުނި ގޮތުގައި، މޮޑެލްއިން ކެންސަރު ޖެހުމުގެ 50 އިންސައްތައަށް ވުރެ މަތީ ނުރައްކަލެއް އޮތް ކަމަށް ދައްކައިފިނަމަ، އެ މީހަކަށް ކުރިއަށް އޮތް އެއް އަހަރު ތެރޭގައި ޕެންކްރިއޭޓިކް ކެންސަރު ޖެހުމުގެ 88 އިންސައްތަ ފުރުސަތު އޮވެއެވެ. އަދި މި މޮޑެލް އުފައްދާފައިވަނީ ހޮސްޕިޓަލްތަކުގައި އާންމުކޮށް ބޭނުންކުރާ މައުލޫމާތަށް ބިނާކޮށް ކަމަށްވާތީ، އަގުބޮޑު އިތުރު ޓެސްޓުތަކާ ނުލައި މުޅި ދުނިޔޭގެ ކޮންމެ ހޮސްޕިޓަލެއްގައިވެސް މިއީ ފަސޭހައިން ބޭނުންކުރެވިދާނެ ވަސީލަތެކެވެ.
މި ވަގުތު ދިރާސާގެ މަރުހަލާގައި އޮތް މި މޮޑެލް ދެން އަޖުމަބަލާނީ ކެންސަރުގެ ބަލިމީހުންނަށް ފަރުވާދޭއިރު ކްލިނިކަލް މާހައުލުގައެވެ. މާޔޯ ކްލިނިކްގެ އިތުރުން މިއަހަރު ތެރޭގައި އެހެން ސިއްހީ ނިޒާމެއްގައިވެސް މި ސިސްޓަމް ޓެސްޓުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ދިރާސާގެ މައުލޫމާތު މިހާރު ވަނީ ’ޖާނަލް އޮފް އެޑްވާންސްޑް ރިސާޗް‘ ގައި ޝާއިއުކޮށްފައެވެ.














