ދުބާއީއިން އިސްތިއުމާރުކޮށްފައިވާ ތެލް އަވީވްއަށް ދަތުރުކުރަމުންދަނިކޮށް ސަޢޫދީ ޢަރަބިއްޔާއަށް ޖެއްސި ”ފްލައިދުބާއީ“ (އެފްޒެޑު 1073) ބޯޓުގެ ކޯ-ޕައިލެޓް، ކެޕްޓަނަށް ވަޅިން ޙަމަލާދީ ބޯޓު ވައްޓާލަން މަސައްކަތްކޮށްފިކަމަށް އިޒްރޭލުން ބުނެފިއެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ބުނި ގޮތުގައި، 170 އަށްވުރެ ގިނަ އިޒްރޭލު ޔަހޫދީންނާއެކު ދަތުރުކުރަމުންދިޔަ މި ބޯޓުގެ އޮމާނަށް ނިސްބަތްވާ ކޯ-ޕައިލެޓް ވަނީ ކެޕްޓަނަށް ވަޅިން ޙަމަލާދީ، ބޯޓުގެ ކޮންޓްރޯލް އަތުލައި ބޯޓު ވައްޓާލަން މަސައްކަތްކޮށްފައެވެ. ފްލައިޓް ޓްރެކިންގ މަޢުލޫމާތުތަކުން ދައްކާގޮތުގައި ގާތްގަނޑަކަށް އެއް މިނިޓު ތެރޭގައި ބޯޓު ވަނީ 33,000 ފޫޓުމަތިން 17,000 ފޫޓަށް ތިރިކޮށްފައެވެ.
މުޖުރިމު ނަތަންޔާހޫ ބުނީ، ބޯޓު ވެއްޓެމުން ދަނިކޮށް އިޒްރޭލުގެ ފަސިންޖަރަކާއި އޮފް-ޑިއުޓީގައި ތިބި ފްލައިދުބާއީގެ އެހެން ކްރޫންތަކެއް ގަދަކަމުން ކޮކްޕިޓަށް ވަދެ، ޙަމަލާދިން ޕައިލެޓް ހުއްޓުވާފައިވާ ކަމަށެވެ. އަދި އެހެން ޕައިލެޓަކު ބޯޓުގެ ކޮންޓްރޯލް ނަގައި، ސަޢޫދީގެ ތަބޫކަށް ވަނީ ރައްކާތެރިކަމާއެކު ޖައްސާފައެވެ.
ޙަމަލާދިން ކޯ-ޕައިލެޓް މިހާރު ވަނީ ސަޢޫދީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އިޒްރޭލުގެ ޑިފެންސް މިނިސްޓަރ ވަނީ މިއީ ”ޖިހާދީ ޓެރަރިސްޓް ޙަމަލާއެއް“ ގެ ގޮތުގައި ސިފަކުރައްވާފައެވެ. ބޯޓު ވެއްޓެން ފެށުމާއެކު އިސްރާއީލުން ވަނީ އެޤައުމުގެ ފައިޓަރ ޖެޓުތައްވެސް ވައިގެ ތެރެއަށް ނެރެފައެވެ.














