އޯޓިޒަމް ތަހައްމަލު ކުރަމުން އަންނަ އުމުރުން 19 އަހަރުގެ ފައްޔާހް ހަސަން (ދޮންކަލޯ) އަށް އެކަށީގެންވާ ރައްކާތެރި މާހައުލެއްގައި ދިރިއުޅެވޭނެ ގޮތް ހަދައިދިނުމުގެ ގޮތުން، އޭނާގެ ހެދުން ހުއްޓިފައިވާ ގެ ނިންމުމަށް ފަންޑު ހޯދުމުގެ ހާއްސަ އިވެންޓެއް މިރޭ ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
”ހިޔާ ފޯ ދޮންކަލޯ“ ގެ ނަމުގައި ކުރިއަށްގެންދާ މި ފަންޑްރައިޒިން އިވެންޓަކީ މަޝްހޫރު ޓިކްޓޮކް ތަރި މަރިޔަމް ސަމާ ޝަރީފާއި ”އެމްޓީޕީ“ އިސްނަގައިގެން އިންތިޒާމުކުރާ ހަރަކާތެކެވެ. މި އިވެންޓް ކުރިއަށްދާނީ މިރޭ 9:00 ޖަހާއިރު ދޮންކަލޯގެ ބައްޕަ ފަޔާޒް ހަސަންގެ ޓިކްޓޮކް ލައިވް މެދުވެރިކޮށެވެ.
ބ. ހިތާދޫގައި ދިރިއުޅޭ ފަޔާޒާއި އޭނާގެ ދަރިފުޅު ދޮންކަލޯގެ ނިކަމެތި ހާލަތު އާންމުންގެ ސަމާލުކަމަށް އައީ ޓިކްޓޮކްގައި ހިއްސާކުރަމުންދިޔަ ވީޑިއޯތަކާއި ލައިވްތަކުގެ ތެރެއިންނެވެ. އެ ދެބަފައިން މިހާރު ދިރިއުޅެމުންދާ ގޭގެ ދަތިކަމާއި، އެކަމުގެ ސަބަބުން ދޮންކަލޯއަށް ކުރިމަތިވާ ނަފްސާނީ އަދި ނާރުގެ ދަތިތައް އެ ވީޑިއޯތަކުން ސާފުކޮށް ފެނިގެންދެއެވެ.
ފަޔާޒް ކިޔައިދިން ގޮތުގައި ދޮންކަލޯ ކުޑައިރުއްސުރެ ވެސް އޯޓިޒަމްގެ އަލާމާތްތައް ފެންނަމުންދިޔައިރު، ބަނޑުހައިވިޔަސް ނުރޮއުމާއި، ވާހަކަނުދެއްކުމުގެ އިތުރުން މީހުންނާ ހަތަރުކަޅި ހަމަނުކުރުންފަދަ ކަންކަން ފާހަގަކުރެވުނެވެ. އަދި އޭނާ ދިރިއުޅޭ މާހައުލު ބަންދުވެފައި ހުރުމުގެ ސަބަބުން ރުޅިގަދަވުމުގެ މައްސަލަތައް ކުރިމަތިވާކަންވެސް އޭނާ ފާހަގަކުރިއެވެ.
އުމުރުން 13 އަހަރާ ހަމައަށް ދޮންކަލޯ ބެލެހެއްޓުމަށްފަހު، އޭނާގެ ހުރިހާ ކަމެއް ފަޔާޒާ ހަވާލުކުރުމުން، ކަސްޓަމްސްގައި އަދާކުރަމުންދިޔަ ވަޒީފާ ދޫކޮށްލުމަށްފަހު ފަޔާޒް ވަނީ ރަށަށް ބަދަލުވެފައެވެ. މިހާރު ފަޔާޒް އާމްދަނީ ހޯދަނީ ރަށުގައި ކުދިކުދި މަސައްކަތްކޮށްގެންނާއި ސަރުކާރުން ދޭ އިނާޔަތުންނެވެ. ނަމަވެސް ކޮވިޑަށްފަހު މާލީ ދަތިކަން ބޮޑުވުމުގެ ސަބަބުން ދޮންކަލޯއަށް ދެމުންދިޔަ ތެރަޕީތައް ވަނީ ހުއްޓިފައެވެ.
ފަޔާޒްގެ އެންމެ ބޮޑު އުންމީދަކީ މަސައްކަތް ހުއްޓިފައިވާ ގޭގެ ތަޅުންއެޅުމާއި، މުށިޖެހުމުގެ އިތުރުން ވަށާފާރު ރޭނުމުގެ މަސައްކަތް ނިންމައި، ދޮންކަލޯއަށް ހިތްފަސޭހަ އަދި ތަނަވަސް މާހައުލެއް ހޯދައިދިނުމެވެ. މި މަސައްކަތުގައި އެހީތެރިވެދޭ ހުރިހާ ފަރާތްތަކަށް، ހާއްސަކޮށް އެމްޓީޕީއާއި ސަމާއަށް ފަޔާޒް ވަނީ ޝުކުރު އަދާކޮށްފައެވެ.














