މި އަހަރު ރާއްޖޭގައި އެޗްއައިވީ ޖެހުނު މީހުންގެ އަދަދު ރެކޯޑް އަދަދަކަށް އިތުރުވެފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 1991 ވަނަ އަހަރުން ފެށިގެން މިދިޔަ 2025 ވަނަ އަހަރުގެ ނިޔަލަށް 54 މީހަކު ވަނީ އެޗްއައިވީއަށް ޕޮޒިޓިވް ވެފައެވެ. މި ބަލީގައި މިހާތަނަށް 16 މީހަކު މަރުވެފައެވެ. އެހެންކަމުން މިދިޔަ އަހަރުގެ ނިޔަލަށް މި ބަލިޖެހުނު މީހުންގެ ތެރެއިން ދުނިޔޭގައި ތިބީ 38 މީހުންނެވެ.
ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތް މިނިސްޓަރު ޤީލާ ޢަލީ ވިދާޅުވީ، މި އަހަރު އަލަށް 22 މީހަކަށް އެޗްއައިވީ ޖެހިގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން މިވަގުތު ދުނިޔޭގައި ތިބީ 52 މީހުން ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. މިނިސްޓަރު ވިދާޅުވީ، މި ބަލި ޖެހުނު ގިނަ ބަޔަކަށް މި ބަލި ޖެހިފައިވަނީ ރައްކާތެރި ނޫން ގޮތުގައި ޖިންސީ ގުޅުން ހިންގުމުގެ ސަބަބުން ކަމަށެވެ. އެހެންކަމުން އެޗްއައިވީ ޖެހިގެން މިހާތަނަށް 76 ކޭސް ރިޕޯޓުކޮށްފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.
”ފުރިހަމައަށް ރައްކާތެރިނުވެ ޖިންސީ ގުޅުން ބޭއްވުމުގެ ސަބަބުން އެކަކު ގައިން އަނެކަކު ގަޔަށް އަރާ ބައްޔެއްގެ ގޮތުގައި މިހާރު ވެސް އެންމެ ކޮމަން މޯޑު އޮފް ޓްރާންސްމިޝަނަކީ ރާއްޖޭގައި ބަލި ޖެހިފައި ތިބި މީހުން،“ – މިނިސްޓަރު ވިދާޅުވިއެވެ.
އެޗްއައިވީގެ ކޭހެއް ރާއްޖެއިން އެންމެ ފުރަތަމަ ފެނިފައިވަނީ 1991 ވަނަ އަހަރުގެ ތެރޭގައެވެ. އެ އަހަރުގެ ފަހުން މިހާތަނަށް އެންމެ ގިނަ ބަޔަކު މި ބައްޔަށް ޕޮޒިޓިވްވީ މިއަހަރުއެވެ. އެޗްއައިވީއަށް އާންމު ރައްޔިތުން ހޭލުންތެރިކުރުމަށް އެޗްޕީއޭއިން ވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަސައްކަތްތަކާ ގުޅޭގޮތުން މިނިސްޓަރު ޤީލާ ވިދާޅުވީ، ރާއްޖޭގައި އެ ބައްޔަށް މީހުން ހޭލުންތެރިކުރުވުމުގެ ނަތީޖާ ފެންނަ ކަމަށެވެ. އަދި މި ބަލި ފެތުރޭ ގޮތާއި ބަލީގެ ފަރުވާ އޮތް މިންވަރުވެސް ސާފުވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.














