މާލޭގެ ބުރުޒުމަގުގައި ހުންނަ ގެއެއްގެ ތެރޭގައި ހޭނެތިފައި އޮއްވާ ފެނުނު މީހާ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ގެންދިޔައިރުވެސް އޮތީ މަރުވެފައި ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
މި ހާދިސާގައި މަރުވެފައިވަނީ މއ. ޔެލޯޑައިމަންޑް، އުމުރުން 55 އަހަރުގެ ޙަސަން ލަބީބެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި، ބުރުޒުމަގުގައި ހުންނަ އިމާރާތެއްގެ ދެވަނަ ފަންގިފިލާގައި މީހަކު ޚަބަރު ހުސްވެފައި އޮތް ކަމުގެ ރިޕޯޓު އެއިދާރާއަށް ލިބިފައިވަނީ މިއަދު ހަވީރު 17:12 އެހާކަންހާއިރުއެވެ. އެ ރިޕޯޓާ ގުޅިގެން ފުލުހުންގެ ޓީމެއް ވަނީ ވަގުތުން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައެވެ.
އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް އައިޖީއެމްއެޗުން ފުލުހުންނަށް މައުލޫމާތު ދީފައިވާއިރު، މި މަރުގެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.














